މަހޭޝްގެ މަރާޓީ ފިލްމުގެ ރިމޭކަށް ސަންޖޭ

ޑައިރެކްޓަރު މަހޭޝް އަދި އެކްޓަރު ސަންޖޭ ދަތު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި އެކްޓްކޮށްފައިވާ ފިލްމު ޕްރޮޑިއުސަރު މަހޭޝް މަންޖްރޭކަރުގެ މަރާޓީ ފިލްމެއްގެ ރިމޭކްގެ ލީޑް ރޯލް އެކްޓަރު ސަންޖޭ ދަތަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ މަރާޓީ ބަހުން މަހޭޝް އަމިއްލައަށް ލިޔެ ޑައިރެކްޓްކޮށް އަދި އޭނާ ކުޅެފައިވާ ފިލްމު "ޖޫނާ ފަރްނީޗާ"ގެ ހިންދީ ރިމޭކްއެވެ. މިދިޔަ އަހަރު ބެލުންތެރިންނަށް ގެނެސްދިން މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި ކްރިޓީކުން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ހިންދީ ރިމޭކް އުފެއްދުމުގެ ވިސްނުމާ އެކު މަޖޭޝްގެ ޚިޔާލަށް އެންމެ ފުރަތަމަ ވެސް އައީ މީގެ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަންޖޭގެ ނަން ކަމަށް ވަނީ ބުނެފައެވެ. ހަމައެއީ މަހޭޝްގެ ފިލްމަށް ބޭނުންވަނީ ވަރަށް ރީތިކޮށް ހިންދީ ބަހުން ވާހަކަ ދައްކާނެ އެކްޓަރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސަންޖޭ ފިލްމު "ވާސްތާވް"ގެ މަންޒަރެއްގައި--ފޮޓޯ/މިޑް-ޑޭ

ފިލްމުގެ ހިންދީ ރިމޭކްގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ފިލްމަށް ސަންޖޭ ގެނައުމަށް އެކްޓަރާ އެކު މަޝްވަރާތަކެއް ކުރާ ކަމަށް މަހޭޝް ވަނީ ބުނެފައެވެ. ސަންޖޭއަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށާއި މަހޭޝްގެ ފިލްމަށް އިންސާފުވެރިކަމާ އެކު މަސައްކަތްކޮށްދެވޭނެ ހަމައެކަނި އެކްޓަރަކީ ސަންޖޭ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޖޫނާ ފަރްނީޗާ" އަކީ އާއިލާ ތެރޭގައި ދިމާވާ ފައިސާގެ މައްސަލަގަނޑަކާ ހެދި އުމުރުން ދުވަސްވީ މީހަކު އޭނަގެ ފިރިހެން ދަރިފުޅުގެ މައްޗަށް ކުރާ ދައުވާއަކާ ގުޅިގެން ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ހިންދީ ރިމޭކްގައި ސަންޖޭއަށް ހުށަހަޅާފައިވަނީ މަހޭޝް ކުޅުނު އުމުރުން ދުވަސްވީ މީހެއްގެ ކެރެކްޓާއެވެ.

މަހޭޝާއި ސަންޖޭ އެކީގައި މަސައްކަތްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭ "ކުރްކްޝެތުރާ"، "ހަތިއާރު"، "ޕިތާހް"، އަދި "ވާ! ލައިފް ހޯ ތޯ އޭސީ" ހިމެނެއެވެ. މަހޭޝް ޑައިރެކްޓްކޮށް ސަންޖޭ ލީޑް ރޯލް ކުޅުނު ފިލްމު "ވާސްތާވް"އަކީ އެކްޓަރަށް 1999ވަނަ އަހަރުގެ ފިލްމުފެއާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކޮށްދިން ފިލްމެވެ.

comment ކޮމެންޓް