ސިފައިންނާއި ފުލުހުންގެ ސިއްހީ ފަރުވާ: ރިފޯމް ކުރަން އުޅެ ނުކުރެވި, ޚަރަދު 789 މިލިއަނުން މައްޗަށް!

ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރިފޯމް ކުރަން ސަރުކާރުން ނިންމައި އަދި ނުކުރެވިފައިވާ, ސިފައިންނާއި ފުލުހުނަށާއި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާގެ ޚިދުމަތް ދިނުމަށް މިހާރު ފޯރުކޮށްދެމުން އަންނަ ވަކި ލިމިޓެއް ނެތް ސްކީމުގެ ދަށުން ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 700 މިލިއަނަށް ވުރެން ގިނަ ރުފިޔާ ޚަރަދު ކޮށްފިކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓު ފޮތުގައި ފިނޭންސް މިނިސްޓްރީން ބުނީ ސިއްހީ ނިޒާމު މިހާރު ބައްޓަން ވެފައި އޮތްގޮތުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން އާސަންދައާއި މެޑިކަލް ވެލްފެއާ ޕްރޮގްރާމްތަކާއި ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ޕްރޮގްރާމްތަކުން އެއް ޚިދުމަތަކަށް އެއްފަހަރާ އެހީ ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް ފިނޭންސްއިން ބުނެއެވެ. އަދި އާއްމުގޮތެއްގައި ސިއްހީ އިންޝުއަރަންސްތަކުން ކަވަރު ނުކުރާ ކޮސްމެޓިކް ޕްރޮސީޖާތައް ސިފައިންނާއި ފުލުހުންގެ މެޑިކަލް ޕްރޮގްރާމްގެ ތެރެއިން މިހާރު ކަވަރު ކުރާ ކަމަށް ފިނޭންސްއިން ބުންޏެވެ.

https://sun.mv/199015

މި ސްކީމަށް މިހާރު ލިމިޓެއް ކަނޑައެޅިފައި ނުވާއިރު ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްސް ވެސް މި ސްކީމުގެ ތެރެއިން މިހާރު ދެމުން އަންނަކަން މިނިސްޓްރީންއިން ފާހަގަ ކުރިއެވެ. ފިނޭންސްއިން ބުނީ މި ސްކީމުގެ ބަދަލުގައި ސިފައިންނާއި ފުލުހުންގެ އިތުރުން އެ މީހުންގެ އާއިލާތަކަށް އެއްހަމަކޮށް، ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި ދައުލަތުން ކުރަން ޖެހޭ ޚަރަދު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސިފައިންނާއި ފުލުހުން ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ އެންމެހާ ގެއްލުންތަކަށް ދައުލަތުން ޚަރަދުކޮށްދޭނެ ކަމަށް ފިނޭންސްއިން ބުންޏެވެ.

ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ޕްރައިވެޓް އިންޝުއަރެންސެއްގެ ތެރެއިން އެ ޚިދުމަތްތައް ދޭ ގޮތަށް, ގެންނަ ބަދަލު މި އަހަރު ކުރީކޮޅުގައި ގެނައުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ބުނެފައެވެ. ނަމަވެސް އޭގެން އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން, މި ސްކީމާ ގުޅޭ ތަފްސީލުތައް ބަލަމުން ދާތީ, ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ މެދުވެރިކޮށް އެ ކޮމެޓީން ވަނީ މިކަމާ ގުޅޭ ތަފާސްހިސާބު ހޯދައިފައެވެ. އެ ތަފާސްހިސާބުތަކުން ފެންނަނީ އަހަރަށް ވުރެން އަހަރެއް މި ޚަރަދުގެ ގޮތުގައި ދައުލަތުން ކުރަން ޖެހޭ ހޭދަ އިތުރުވާތަނެވެ. އެއީ ރާއްޖެ އާއި ރާއްޖޭން ބޭރުން ހޯދާ ފަރުވާ ހިމެނޭ ގޮތަށެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތައް:

ސިފައިންގެ ބޭސްފަރުވާ:

  • 2021 ވަނަ އަހަރު 15 މިލިއަން ރުފިޔާ
  • 2022 ވަނަ އަހަރު 20 މިލިއަން ރުފިޔާ
  • 2023 ވަނަ އަހަރު 27.7 މިލިއަން ރުފިޔާ

ސިފައިންގެ އާއިލާތަކުގެ ބޭސް ފަރުވާގެ ހަރަދު:

  • 2021 ވަނަ އަހަރު 61 މިލިއަން ރުފިޔާ
  • 2022 ވަނަ އަހަރު 84 މިލިއަން ރުފިޔާ
  • 2023 ވަނަ އަހަރު 114 މިލިއަން ރުފިޔާ

އެހެންކަމުން ސިފައިންނާއި އެ މީހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް ތިން އަހަރު ތެރޭގައި 324 މިލިއަން ރުފިޔާއަށް ވުރެން ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ސިފައިންނާއި ސިފައިންގެ އާއިލާ މެންބަރުންގެ ބޭސް ފަރުވާއަށް ދިއުމަށް ޓިކެޓް ޚަރަދުގެ ގޮތުގައި 2021 ވަނަ އަހަރު 953,072 ރުފިޔާ އަދި 2022 ވަނަ އަހަރު 2.1 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 2.7 މިލިއަން ރުފިޔާއާއެކު އެ ތިން އަހަރު ޖުމުލަ 5.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ބޭސްފަރުވާ:

  • 2021 ވަނަ އަހަރު 107 މިލިއަން ރުފިޔާ
  • 2022 ވަނަ އަހަރު 131 މިލިއަން ރުފިޔާ
  • 2023 ވަނަ އަހަރު 167 މިލިއަން ރުފިޔާ
  • 2024 ވަނަ އަހަރުގެ އޮގަސްޓް 12 ގެ ނިޔަލަށް 59 މިލިއަން ރުފިޔާ

އެހެންކަމުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް އެހާތަނަށް, 465 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

މި އަދަދުތަކުގެ ޖުމުލަ އަދަދަށް ބަލާއިރު ސިފައިންނާއި ފުލުހުންގެ އިތުރުން އެ މީހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް އެ މުއްދަތުގައި މި ވަނީ 789 މިލިއަނަށް ވުރެން ގިނަ ރުފިޔާ ޚަރަދު ކޮށްފައެވެ.

ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް ޚަރަދު ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން، އޮޑިޓާ ޖެނެރަލް ވެސް މިދިޔަ އަހަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

https://sun.mv/193078

ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އުފުލާ, އެ ދެ މުއައްސަސާގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް ލިމިޓެއް ނެތް ސްކީމެއް އޮތްނަމަވެސް ރާއްޖޭގެ އެހެން ގިނަ މުއައްސަސާތަކުގެ މުވައްޒަފުންނަށް މިފަދަ ސްކީމެއް ނޯވެއެވެ. އާއްމުކޮށް ސަރުކާރު ކުންފުނިތަކުން ވެސް މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެނީ, މުވައްޒަފުންގެ އަތުން ވަކި އަދަދެއް ނަގާގޮތަށް އިންޝްއަރެންސް ސްކީމެއްގެ ދަށުންނެވެ. އަމިއްލަ ކުންފުނިތަކުގެ އިންޝުއަރެންސް ސްކީމުތަކުން ޕެކޭޖު ގަނެގެން އެ ޚިދުމަތް ދިނުމުން ދައުލަތަށް މާލީ ބުރައަކަށް ނުވެ އެ ޚިދުމަތް ފޯރުކޮށްދެވެއެވެ.

ފުލުހުންނަށް ސިއްހީ ޚިދުމަތް ދޭ ނޫސަންދައިގައި ލެބެއް ހުޅުވުން: ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް 2021އިން 2024ގެ އޮގަސްޓަށް, 465 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ -- ފޮޓޯ/ ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުން މިހާރު ބަލަމުން އަންނަ މައްސަލަތަކެއްގެ ތެރެއިން ވަރަށް ފަހުން ވަނީ, ސިފައިންނާއި ފުލުހުންގެ ވެލްފެއާ ކަންކަން ހަމަޖައްސަން ހިންގާ ވިޔަފާރި ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް ފެންމަތިވެފައެވެ.

ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ވެސް ދައުލަތުން ކޮންމެ އަހަރަކު ވެސް އަންނަނީ އެތައް ބިލިއަން ރުފިޔާއެއް ހޭދަ ކުރަމުންނެވެ. މި ނިޒާމު ވެސް އިސްލާހުކޮށް, ތަނަވަސްކަން ހުރި އާއްމުންގެ އަތުން ކޮންމެވެސް ވަރެއް ނަގައިގެން އެ ޚިދުމަތް ދޭ ގޮތަށް އިސްލާހު ކުރަން ލަފާ ލިބިފައިވާތާ އެތައް އަހަރެއްވެއްޖެއެވެ. ނަމަވެސް އެކަން ނުވެ މި ނިޒާމު ވަނީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ.

ރާއްޖެއަށް ލިބޭ އާމްދަނީއަށް ވުރެން ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރަން ޖެހުމާއި ތަރައްގީގެ މަޝްރޫއުތަކަށް ނަގާފައިވާ ލޯންތައް ނުދެއްކި ރާއްޖެ ބަނގުރޫޓްވުމުގެ ބިރު ހީވެފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ސަބްސިޑީ އާއި ސިޔާސީ ވަޒީފާތަކާއި އެހެނިހެން ޚަރަދުތައް ކުޑަ ކުރަން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުން ރާއްޖޭގެ ސަރުކާރުތަކަށް ލަފާ ދޭތާ ވެސް އެތައް އަހަރެއްވެއްޖެއެވެ. ނަމަވެސް ސިޔާސީ ޕްރެޝަރާއި ވޯޓް ހޯދުންފަދަ ބޭނުންތަކާ ހުރެ އިސްލާހީ ފިޔަވަޅުތައް އަޅަން ވެރިން ފަސްޖެހެނީއެވެ.

comment ކޮމެންޓް