މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމުން އޭރު މާލޭ ސިޓީ ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވި، އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެ ކަމަށް މިއަދު ރައްދުދެއްވައިފިއެވެ.
އާޒިމް އިއްޔެ ވިދާޅުވީ، މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި، އެ އެއްބަސްވުން ހަދާފައި އޮތީ ފުރަތަމަ އެއްބަސްވުމަށް ވުރެ ތިން މިލިއަން ޑޮލަރު ބޮޑުކޮށްނެވެ.
މަސް މާރުކޭޓު ހަދަން ދެވަނަ ބަޔަކަށް ހަވާލުކޮށްފައިވަނީ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް އިންތިޚާބުވި ފަހުންނެވެ. އޭރު އާޒިމް ވެސް އިންތިޚާބެއް ނުވެއެވެ. އެހެންވެ، މިކަން ހިނގާފައިވަނީ ޓްރާންސިޝަން މުއްދަތުގައެވެ. އޭރު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގައި ހުންނެވީ ނަރީޝެވެ.
މަސް މާރުކޭޓު އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ނަމަވެސް، ފަހުން އެ އެއްބަސްވުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ ހަވާލުކޮށްފައެވެ. އެ ފައިސާ ނުދެއްކި، ބިން ވެސް ގެއްލިދާނެކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ނަރީޝް ވިދާޅުވީ، ކައުންސިލުގެ ބިޑު ކޮމިޓީން ނިންމާ އަގަކަށް އެއްބަސްވުން ހެދުމަށް ފަހު، ދެވަނަ ފަހަރަށް ވެސް އެކަން ކުރެވޭނީ އެ ކޮމިޓީން ނިންމައިގެން ކަމަށެވެ. އެގޮތަށް އެކަން ނުކޮށް އޮތް ނަމަ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އަށް އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

މަސްމާރުކޭޓު ސަރަހައްދުގައި މީހަކު މަސްކޮޓަޅެއް ހިފައިގެން: މަސްމާރު ކޭޓު ދެވެނަ ފަހަރަށް ކުއްޔަށް ދިނީ ލިޔުމެއް ނެތި ކަމަށް އާޒިމް ވިދާޅުވަނީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ނަރީޝް ވިދާޅުވޭ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ބިޑު ކޮމިޓީން އޭތި ނިންމޭނީ ކައުންސިލް ފްލޯއަށް [އެއްބަސްވުން] އޭތި ގެނެސްގެން. އެގޮތަށް އޭތި ކުރިއަށް ގެންދަން ފާސްކޮށްގެން. އެހެންވީމާ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު އިތުރުވުމެއް ނާދެވޭނެ ހަމައެކަނި އެ ތަނުގައި ހަވާލުވެ ހުންނަ މީހާ ކުރާ ސޮއިއަކުން މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
މީގެ އިތުރަށް، ކައުންސިލްގެ އެއްބަސްވުމެއްގައި ހަމަވާން ޖެހޭ ހުރިހާ ލިޔުމެއް ހަމަނުވަނީސް އެ ކައުންސިލް ބޭފުޅަކު އޭގައި ސޮއިނުކުރާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ މިހާތަނަށް އެކަން ކުރަމުން އައި ގޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ، މާރުކޭޓު ދެވަނަ ފަހަރަށް ދޫކޮށްފައި އޮތީ ލިޔުންތައް ނެތި ކަމަށް ވިދާޅުވެ، އާޒިމް ދައްކަވަނީ 'ބުއްދި ހަމަޖެހޭ' ވާހަކައެއް ނޫން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ، އެ ކައުންސިލްގެ އެއްވެސް ބޭފުޅަކު ލިޔުންތައް ހަމަނުވެ، އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާތީ ކަަމަށް ނަރީޝް ވިދާޅުވިއެވެ.
މާރުކޭޓު އެއްބަސްވުމުގެ ލިޔުންތައް ހަމަނުވުމަކީ ކައުންސިލްގެ އިދާރީ މައްސަލައެއް ކަމަށް މިހާރު މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވާފައިވާ ނަރީޝް ވިދާޅުވިއެވެ.

މިހާރުގެ މޭޔަރު އާޒިމްއާއި ކުރީގެ ޑެޕިއުޓީ މޭޔަރު ނަރީޝް -- ފޮޓޯ/ ރައީސް އޮފީސް
މާދަމާ މޭޔަރުކަމުގައި މިއަދު އާޒިމް ހުންނަވާފައި ވަޑައިގަންނަވާއިރުގައި އާޒިމްގެ ދައުރުގައި ނިންމާފައި ހުރި ކަންކަމުގެ ލިޔުންތަކެއް ކައުންސިލްގެ އިދާރީ ގޮތުން ގެއްލިފައި ހުރީމާ އޭގެ ޒިންމާ އާޒިމް ނަގަން ޖެހި، ހުރިހާ ތަނަކަށް އާޒިމް ދުވަން ޖެހިއްޖެއްޔާ އެ ދެއްކެނީ ކައުންސިލް ހިންގުމުގައި ހުރި ދޯހަޅި ވާހަކައެއް ނޫންތޯ؟ ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް
އެ ކަމާ ގުޅިގެން ގުޅިގެން މައްސަލަ ބަލަން ބޭނުންނަމަ ކައުންސިލުން އިދާރާތަކަށް ދާންވީ ކަމަށާއި އޭނާ ސޮއިކޮށްފައި އޮތް އެއްވެސް ލިޔުމެއް ނޯންނާނެކަމުގެ ޔަގީންކަން އެބައޮތްކަން ނަރީޝް ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާޒިމް ވަނީ 9.6 މިލިއަން ޑޮލަރަށް މަސް މާރުކޭޓު މަޝްރޫއު ހަވާލުކުރިއިރު އެ ފައިސާއަކީ ސިޓީ ކައުންސިލަށް ދެއްކެން އޮތް ފައިސާއެއް ވެސް ނޫން ކަމާއި އާ އެއްބަސްވުމެއް ހަދަން ނިންމީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ، ދެވަނަ އެއްބަސްވުން ހެދީ ކިހިނެއްކަން ވެސް ލިޔެކިޔުންތަކުން ފެންނާކަށް ނެތް ކަމަށެވެ.
މާރުކޭޓު މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއީ އެންމެ އެއްބަސްވުމެއް ކަމަށާއި ދެން ހުރި އެއްބަސްވުންތައް ހުރި ގޮތެއް ނުވެސް އެނގޭ ކަމަށެވެ. އެހެންވެ، މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ހާމަކުރަން އޭނާ ވަނީ ގޮވާލައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ މޭޔަރުކަމުގައި މާ ކުޑަ އަގެއްގައި މަސް މާރުކޭޓު ކުއްޔަށް ދިން މައްސަލައެއް ވެސް މި ފަހުން ފެންމަތިވިއެވެ. އެ ގޮތުން، އާޒިމް އޭރު ވިދާޅުވި ގޮތުގައި ބިޑް ކޮމިޓީން 130،000 ރުފިޔާއަށް އެތަން ކުއްޔަށް ދޭން ނިންމި ނަމަވެސް އޭރު ކައުންސިލުން އެތަން ކުއްޔަށް ދިނީ 70،000 ރުފިޔާއަށެވެ.