އާލިއާގެ ތިން މައިން ރާއްޖޭގައި

އާލިއާ ބަޓް މަންމަ ސޯނީ ރަޒްދާން އަދި ދައްތަ ޝާހީން ބަޓްއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް. ޝާހީންއާ އެކު އޭނާގެ ލޯބިވެރިޔާ ވެސް ވަނީ މިދަތުރުގައި ބައިވެރިވެފައި--ފޮޓޯ/އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް މަންމަ ސޯނީ ރަޒްދާން އާއި ބަތަލާގެ ދައްތަ ޝާހީން ބަޓް އަދި ޝާހީންގެ ލޯބިވެރިޔާ އިޝާން މެހެރާއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފިއެވެ.

މި ދަތުރަކީ ދާދިފަހުން ތިން މައިން އިޝާން މެހެރާއާ އެކު ރާއްޖެއަށް ކުރި ދަތުރެއް ކަމަށް ބެލެވޭއިރު އާލިއާގެ އާއިލާއިން ރާއްޖެ އައިސްފައިވަނީ ކޮން ދުވަހެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ބަތަލާގެ ދައްތަ ޝާހީން ބަޓް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ފޮޓޯތަކުން އެމީހުން މަޑުކޮށްލައިގެން ތިބީ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ސާފުކޮށް އެނގެއެވެ.

ޝާހީން އާއި އިޝާން މެހެރާ އެކީގައި ނަގާފައިވާ ޗުއްޓީ ދަތުރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި މިވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މި އަހަރުގެ ކުރީކޮޅު އިއުލާނުކުރުމަށްފަހުއެވެ.

އާލިއާ ދައްތަ ޝާހީން ބަޓްއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާލިއާއާ އެކު މި ދަތުރުގައި ފިރިމީހާ ރަންބީރު ކަޕޫރާއި ދަރިފުޅު ރަހާ ބައިވެރިވިކަން ހާމަކޮށްފައި ނުވާއިރު ދާދިފަހުން އާލިއާ ވަނީ ރަންބީރު އަދި ދަރިފުޅު ރަހާއާ އެކު މުމްބާއީގެ އެއާޕޯޓުން ފެނިފައެވެ.

އާލިއާ އާއި ޝާހީން ވަނީ މީގެކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ގިނަ ދަތުރުތަކުގައި މަންމަ ސޯނީ ރަޒްދާން ބައިވެރިވެފައިވާއިރު މި ތިން މައިން އެކީގައި 2021 ވަނަ އަހަރުގެތެރޭ ވެސް ރާއްޖެ އައިސްފައިވެއެވެ.

މީގެއިތުރުން 2022 ވަނަ އަހަރު އާލިއާގެ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް ޝާހީން ވަނީ މަންމަ އަދި އާލިއާއާ އެކު ރާއްޖެ އައިސްފައެވެ. އާލިއާ ވަނީ ފިރިމީހާ ރަންބީރު ކަޕޫރު އަދި ދަރިފުޅު ރަހާއާ އެކު މިދިޔަ އަހަރުގެ ޖަނަވަރީ މަހު އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިފަހުން އާލިއާ ރާއްޖެއަށް ކުރާ ގިނަ ދަތުރުތަކަކީ މީޑިއާތަކަށް ވަރަށް ސިއްރުން ކޮށްފައިވާ ދަތުރުތައް ކަމެވެ. އެހެންވެ މިފަހަރު ބަތަލާ ރާއްޖެ އައިކަން ވެސް އިންޑިއާގެ މީޑިއާތަކަށް ރޭކާއެއް ނުލިއެވެ.

އާލިއާގެ ފިލްމީ ކެރިއަރަށް ބަލާއިރު ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ފިލްމު "ޖިގްރާ"އިންނެވެ. އާލިއާގެ ދެން އެންމެ އަވަހަށް ރިލީޒްވާނެ ފިލްމުތަކަކީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ލަވް އެންޑް ވޯ" އަދި ވައިއާރްއެފްގެ އެކްޝަން ތުރިލާ "އަލްފާ"އެވެ.

comment ކޮމެންޓް