ހަފުތާއެއްހާ ދުވަސް ފާއިތުވިއިރު، މައްސަލައަކާ ގުޅިގެން ފުލުހުން ހިފެހެއްޓި 30،000 އެމެރިކާ ޑޮލަރު ގެއްލެން މެދުވެރިވި ސަބަބު އަދިވެސް ބުނެ ނުދެވެއެވެ.
މި ފައިސާ ގެއްލުނުކަން ފުލުހުން ހާމަކުރީ މި މަހުގެ 14ވަނަ ދުވަހެވެ.
ފުލުހުން އޭރު މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ބުނީ، އެ ފައިސާ އަކީ ސެޕްޓެމްބަރު 15، 2019ގައި ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކެއް ކަމަށާއި، ފައިސާގެ ޖުމްލަ އަދަދު ދިމާނުވާކަން އެނގުމުން އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައިގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާ ބަހައްޓާފައިވާ ތަނުން ހަލާކުވެފައިވާ ފައިސާ އަޅައިފައިވާ ކޮތަޅެއް ފެނުމުން އެކަން ވެސް ފޮރެންސިކްސްއިން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވޭތޯ އާއި މި މައްސަލައިގައި ހިމެނެނީ ކިތައް ފުލުހުންތޯ "ސަން"އިން މިދިޔަ އަންގާރަ ދުވަހު ސުވާލުކުރުމުން ފުލުހުން އޭރު ބުނީ، މައްސަލަ ތަހުގީގުކުރަމުންދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށެވެ. ތަހްގީގުގެ އިތުރު ތަފުސީލެއް ނުލިބެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން 30،000 އެއްހާ ޑޮލަރު "ގެއްލި" އެ މައްސަލަ ބަލަމުން އަންނައިރު މިއީ ސީދާ ކޮން މައްސަލައެއްކަން ވެސް ފުލުހުން ހާމަ ނުކުރެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ވެސް ގެންދެއެވެ. އެހެން ގެންދާ ފައިސާއާއި މަސްތުވާތަކެއްޗާއި އަގު ބޮޑެތި އެހެން ސާމާނުތައް ވެސް މި ގޮތަށް ގެއްލޭ ކަމަށް ކުރިން ވެސް އަޑުތައް އަރައެވެ. އޭރު ކުރެވެނީ ހުސް ތުހުމަތެވެ. ނަމަވެސް، މިހާ ބޮޑު މައްސަލައެއް ހިނގައިގެން އުޅޭކަން މިއީ ފުލުހުން ޔަގީންކޮށްދިން ފުރަތަމަ ފަހަރެވެ.