ގައުމީ ދުވަހާ ގުޅުވައި ސިފައިންނާއި ސްކޫލު ކުދިން މާދަމާ ޕެރޭޑު ޖަހަނީ

19 އެޕްރީލްް 2025: ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން އެމްއެންޑީއެފް ބޭންޑު -- ސަން ފޮޓޯ/ މޫސާ ނަދީމް

މާދަމާ ފާހަގަކުރާ ގައުމީ ދުވަހާ ގުޅުވައި، މާލޭގައި ސިފައިންނާއި، ސްކޫލު ކެޑޭޓާއި ބޭންޑު ދަރިވަރުން ޕެރޭޑު ޖަހަން ހަމަޖެހިއްޖެއެވެ.

މާދަމާއަކީ މި އަހަރުގެ ގައުމީ ދުވަހެވެ. ގައުމީ ދުވަހަކީ ކޮންމެ އަހަރަކު ވެސް ހިޖުރީ ތާރީޚަށް ބަލައި ފާހަގަކުރާ، ރަބީއަލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.

ގައުމީ މުނާސަބާތަކާ ގުޅުވައި ސިފައިންގެ ޚާއްސަ ހަރަކާތްތަކާއި އިޖްތިމާއީ ހަވީރުތައް އަބަދުވެސް ބާއްވައެވެ.

އެގޮތުން މާދަމާގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ، ސިފައިންގެ ޕެެރޭޑު ފަށާނީ މާދަމާ ހަވީރު 16:30 ގައި ކަމަށެވެ.

ސިފައިން ޕެރޭޑު ޖަހާނީ ސޯސަންމަގާއި، މަޖީދީމަގު އަދި ބޮޑުތަކުރުފާނު މަގުފަދަ މާލޭގެ މައި މަގުތަކުންނެވެ. މި މަގުތަކުން ދަތުރުކުރާ ސިފައިން، ރައްޔިތުންނަށް އެ މީހުންގެ އަޒުމާއި ތަރުތީބު ދައްކުވައިދޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

26 ޖުލައި 2025: ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހެވިކަމުގެ ކުޅިވަރުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު މާނިއު

ޤައުމީ ދިދައަށް ދެވޭ އިޙްތިރާމާއި ޝަރަފު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މި ހިނގާލުމަކީ، ދިވެހި ސިފައިންގެ ތެރޭގައި ހުރި ތަރުތީބާއި، ކުޅަދާނަކަން ރައްޔިތުންނަށް ދައްކުވައިދިނުމަށް ވެސް ބޭނުންކުރެވޭ މުހިންމު ފާހަގައެކެވެ. މި ހިނގާލުމަށް ޓަކައި ބޭނުންކުރެވޭ ޚާއްސަ ފާހަގަތައް ސިފައިން ވަނީ ތައްޔާރުކޮށްފައެވެ.

ހިނގާލުން ހުއްޓާނެ ސަރަހައްދުތައް:

  • ސޯސަންމަގު، ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
  • މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަގޮޅި
  • މަޖީދީމަގު، މިލިއަން ބުކްޝޮޕް ކުރިމަތި
  • ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމަތި

ގިނަ ބަޔަކު ސިފައިންނާއި ސްކޫލު ކުދިންގެ ޕެރޭޑު ބަލަން އަބަދުވެސް މަގުތަކަށް ނިކުމެވެ.

ޕެރޭޑުތަކާ ދިމާކޮށް މާލޭގެ ޓްރެފިކް ވެސް ބާރު ބޮޑުވެއެވެ. އެހެންވެ ދަތުރުފަތުރުގެ ކަންކަން ރޭވުމުގައި ރައްޔިތުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެއެވެ.

26 ޖުލައި 2025: ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހެވިކަމުގެ ކުޅިވަރުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު މާނިއު

މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)އިން އިންތިޒާމުކޮށްގެ ބާއްވާ ސްކޫލު ކުދިންގެ ޕެރޭޑުގައި ވެސް މާލޭގެ ގިނަ ސްކޫލުތަކެއްގެ ކެޑޭޓުންނާއި ބޭންޑް ދަރިވަރުން ބައިވެރިވާނެއެވެ.

މިއީ ވެސް ތަރުހީބު ބޮޑު ހަރަކާތަކެވެ. މި ހަރަކާތް ބަލައިލުމަށް ވެސް ގިނަ އަދަދެއްގެ ބެލެނިވެރިންނާއި، އެކި އުމުރުފުރައިގެ އާންމުން މަގުތަކަށް ނުކުމެއެވެ.

އެންމެފަހުން މިފަދަ ބޮޑު ޕެރޭޑެއް ބޭއްވީ މި ނިމުނު މިނިވަން ދުވަހެވެ.

comment ކޮމެންޓް