އެސްޓީއޯ އަދި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކޮށްފިއެވެ.
އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މީގެ އިތުރުން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ޝިމާދު އިބްރާހީމާއި، މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތައާރަފުކޮށް، ޚާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ހަފްލާގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން ވަނީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލާ، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އެސްޓީއޯ އަދި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރުމަށް ބޭއްވި ހަފްލާ -- ފޮޓޯ/ އެސްޓީއޯ
ހަމައެއާއެކު އެސްޓީއޯ އަދި މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެ ހަފްލާގައި ވަނީ އަރުވާފައިވެއެވެ. އޭގެ ތެރޭގައި:
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
- ސްޓެލްކޯ
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން (އެމްޓީސީސީ)
- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)
- ޔުނިވާސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް،
- އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް
- އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް

އެސްޓީއޯ އަދި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރުމަށް ބޭއްވި ހަފްލާ -- ފޮޓޯ/ އެސްޓީއޯ
މި ހަފްލާ ނިންމާލުމުގެ ގޮތުން މަކިޓާގެ ޑިރެކްޓާ އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ވާހަކަދައްކަވާފައެވެ.
އެބޭފުޅުން ވަނީ މަކިޓާއާއި އެސްޓީއޯއާއި ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ޕާޓްނާޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ކޮށްފައިވާ ހެޔޮ ބަދަލުތައް ސަފީރު ފާހަގަ ކުރެއްވިއެވެ.