ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، މަސްކިރުވި އަދަދު އިތުރުވުމުން ސަރުކާރު މަސް ކުންފުނި މިފްކޯއިން މި ހަފުތާގައި ފައިސާ ދޫކުރި މިންވަރު 50 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހު މަސްވެރިންނަށް 20.24 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އޭގެ ތެރޭގައި މި މަހުގެ ފުރަތަމަ ހަފުތާގައި 80 ދޯންޏަކަށް ދޫކުރި 2.59 މިލިއަން ރުފިޔާއާއި، ދެވަނަ ހަފުތާގައި 165 ދޯންޏަކަށް ދޫކުރި 6.70 މިލިއަން ރުފިޔާ ހިމެނެއެވެ. މި ހަފުތާގައި މިފްކޯއިން 240 ދޯންޏަކަށް 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެހެންކަމުން މިފްކޯއިން ވަނީ މިދިޔަ ހަފުތާއަށް ވުރެ 3.4 މިލިއަން ރުފިޔާ ނުވަތަ 50 ޕަސެންޓް އިތުރަށް މި ނިމުނު ހަފުތާގައި މަސްވެރިންނަށް ފައިސާ ދޫކޮށްފައެވެ.
މީގެ އިތުރުން، މި ހަފުތާގައި ވޭތުވެދިޔަ އެހެން ހަފުތާތަކަށް ވުރެ މަސް ކިރުވި ދޯނިފަހަރު ވެސް އިތުރުވެފައިވެ ވެއެވެ. އެގޮތުން މި މަހުގެ ފުރަތަމަ ހަފުތާގައި 80 ދޯންޏަކުން މަސް ކިރުވިއިރު ދެވަނަ ހަފުތާގައި 165 ދޯންޏެއް، އަދި މި ހަފުތާގައި 240 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މި އަހަރުގެ ފުރަތަމަ ދެ ދުވަހާ ލައިގެން ބަލާނަމަ، ޖުމްލަ 529 ދޯންޏަކުން މި ހަފުތާގެ ނިޔަލަށް ވަނީ މަސް ކިރުވައިފައެވެ.
މި މަހު މިފްކޯއިން އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކުރީ މިދިޔަ ބުރާސްފަތި ދުވަހު، 2.791 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނައިން މި މަހު މަސްވެރިންނަށް ފައިސާ ދޫކުރީ މިއަދު 2.006 މިލިއަން ރުފިޔާއެވެ.
މީގެ ކުރިން މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމެވެ. މި މައްސަލަ ހައްލުކޮށްދިނުމަށް، 24 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޭން މިދިޔަ މަސްވެރިންގެ ދުވަހު ވަނީ ފަށައިފައެވެ.