މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް އަލީ ސުޒެއިން ހަމަޖައްސައިފިއެވެ.
އެ ކުލަބުން މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ކުލަބުގެ ބައެއް އިސް މެމްބަރެއް ވަނީ މިކަން "ސަން" އަށް ކަށަވަރުކޮށްދީފައެވެ.
އޮފިޝަލް މައުލޫމާތުދިން ގޮތުގައި ސުޒެއިން އެ ކުލަބުގެ ކޯޗުކަމާ ހަވާލުވާން ވަނީ އެއްބަސްވެފައެވެ. އަދި ކުރިއަށްއޮތް ވަގުތުތަކުގެ ތެރޭގައި އެކަން ކުލަބުން ރަސްމީކޮށް ހާމަކުރާނެއެވެ.
އެންމެ ފަހުން ސުޒެއިން ކޯޗުކަން ކޮށްދިނީ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. އެ ކުލަބުގެ ބެންޗުގައި ސުޒެއިން ވަނީ ގިނަ ކާމިޔާބީތަކެއް މީގެކުރިން ހޯދާފައެވެ.
ސުޒެއިންގެ ކޯޗުކަމުގެ ދަށުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު ގްރީން ސްޓްރީޓްސްގައި ކުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
މިވަގުތު ނިއު ރޭޑިއަންޓް އޮތީ ފުރަތަމަ ޑިވިޝަނަކު ނޫނެވެ. ނަމަވެސް 'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުލަބަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ލިބިފައެވެ. އަދި އެކަން އެ ކުލަބުން ރަސްމީކޮށް ހާމަކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ސުޒެއިންއާއެކު ނިއު ރޭޑިއަންޓުން ދަނީ ކުލަބު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް އަންނަ ސީޒަނުގައި ނިއުގެ ޖާޒީގައި ފެންނާނެކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވަނީ ދާދިފަހުން ހާމަކުރައްވައިފައެވެ.