'ވޯ 2'އަށް ތަރުހީބު ކުޑަވާތީ 'އަލްފާ'އަށް ބަދަލުތަކެއް

ފިލްމު "އަލްފާ"ގެ ލީޑް ބަތަލާއިން ކަމަށްވާ ޝަރުވަރީ ވާގް އަދި އާލިއާ ބަޓް--ފޮޓޯ/ފިލްމުފެއަ

ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ސްޕައި ޔުނިވާސްއިން މި މަހު ކުރީކޮޅު ރިލީޒްކުރި ފިލްމު "ވޯ 2"އަށް ބެލުންތެރިންގެ ފަރާތުން ފިނި ތަރުހީބެއް ލިބެމުން އަންނާތީ ސްޕައި ޔުނިވާސްގެ ކުރިއަށް އޮތް ފިލްމު "އަލްފާ"އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އެނައުންސްކުރި ފިލްމު "އަލްފާ"އަކީ ބަތަލާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގް ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. ބޮބީ ޑިއޯލް ވެސް މުހިންމު ރޯލަކުން ފެންނާނެ މި ފިލްމަކީ ސްޕައި ޔުނިވާސްއިން މިހާތަނަށް ބަތަލާއިން ލީޑުންގެ ގޮތުގައި ފެންނާނެ ފުރަތަމަ އުފެއްދުމެވެ.

ކުޅަދާނަ ޑައިރެކްޓަރު އަޔާން މުކަރުޖީ އަލަށް ވައިއާރްއެފްއަށް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދިން ފިލްމު "ވޯ 2" އަކީ ބެލުންތެރިންގެ ތަރުހީބު ބޮޑު ފިލްމަކަށްވާނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް ފިލްމަށް މިހާތަނަށް ލިބެމުން އަންނަ ފާޑުކިޔުންތަކާ އެކު މާބޮޑު ކާމިޔާބީއެއް އެ ފިލްމަށް ނުލިބޭނެ ކަމަށް ވައިއާރްއެފްއިން ވަނީ ނިންމާފައެވެ.

ފިލްމު "އަލްފާ"ގެ މަންޒަރެއްގައި ބޮބީ ޑިއޯލް--ފޮޓޯ/ޕިންކްވިލާ

އެހެންވެ، އެ ފިލްމަށް ލިބެމުން އަންނަ ފާޑުކިޔުންތަކުގެ މައްޗަށް ބިނާކޮށް ފިލްމު "އަލްފާ"އެއް ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާގެ ސީދާ ބެލުމުގެ ދަށުންނެވެ.

މިހާތަނަށް ސްޕައި ޔުނިވާސްއިން ގެނެސްދީފައިވާ ފިލްމުތަކަކީ ހިންދީ ސިނަމާގެ ވަރަށް ވަރުގަދަ ބްރޭންޑްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު ފިލްމު "އަލްފާ"އަށް ގެންނަ ބަދަލުތަކަކީ ސްޕައި ޔުނިވާސްގެ ފެންވަރުގެ ފިލްމަކަށް ހެދުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް "އަލްފާ"ގެ ޑައިރެކްޓަރު ޝިވް ރަވައިލްގެ ޑައިރެކްޝަން މަސައްކަތްތައް ވަރަށް ގާތުން ބެލުމަށް އަދިތިޔަ ވަނީ ނިންމާފައެވެ.

ފިލްމު "ވޯ 2"އިން "އަލްފާ"ގައި ބޮބީ ފެންނަ ކެރެކްޓާ ދައްކާލުމާ އެކު ފިލްމު ވަރަށް ޝައުގުވެރިވާނެ ކަމަށާއި ފިލްމަށް އިންތިޒާރުކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ.

comment ކޮމެންޓް