އިއުލާން: މީހުންނަށް ވާކަހަލަ މީހުން ގައުމަށް ބޭނުންވެއްޖެ!

ގްރެފިކްސް: އޭއައި

އަޅުގަނޑުމެން ވަރަށް ގިނަ މީހުން އޭނާ ދަންނާނެއެވެ. ގިނަ މީހުންނަށް އޭނާ ކުލަ ވާނީ ވަނަމުން ބުނުމުންނެވެ. ނަމަވެސް، އޭނާގެ މިޒާޖާއި ކުރިން އުޅެފައި ހުރިގޮތުން ގިނަ މީހުން އޭނާ މާ ސީރިއަސް ކޮށެއް ނުނަގާނެއެވެ. ނަމަވެސް، މި ސައްތައިން ސައްތަ އިސްލާމީ ގައުމުގެ ނިޔާ ކަނޑައަޅާ އިސް މަގާމެއް އޭނާ ކުއްލިއަކަށް ހޯދައިގެން އެ ބޮޑު ޒިންމާ އަދާކުރިއެވެ. އެ ކަމާ އޭރު ހައިރާންނުވާ ހަމަ އެކަކު ވެސް ނެތެވެ. އެފަދަ ބޮޑު ޒިންމާއެއް, މިފަދަ ބޭފުޅަކު އުފުލަން ހަވާލުކުރީތީއެވެ.

މިއަދު ގައުމީ ދުވަސް ފާހަގަކުރާއިރު މިއީ ކޮންމެހެން ވެސް ދައްކަންޖެހޭ ވާހަކައެކެވެ. މިއަދަކީ އުތީމު ބޮޑުތަކުރުފާނު އިސްކޮށް ހުންނަވައި ކުރެއްވި މަތިވެރި ޖިހާދުން، އަޅުގަނޑުމެންނަށް އަނިޔާވެރި ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކަން ލިބުނު ދުވަހެވެ. މިއަދު އެންމެ އިސް އެއް ވަޖިބަކީ ބޮޑުތަކުރުފާނާއި، އެކި ދުވަސްވަރު މި ގައުމަށްޓަކައި ގުރުބާންވެވަޑައިގެންނެވި އަބުތާލުންގެ ހަނދާންއާކޮށް، އެ ބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ހާސިލުކުރުމެވެ. މިއަދު ގައުމަށް ވެވޭނެ އެންމެ ބޮޑު އެއް ގުރުބާނީއަކީ، ގައުމަށް ތަރައްގީއާއި ކުރިއެރުން ހޯދައިދޭން ގަދައަޅައި މަސައްކަތްކުރުންކަން ޔަގީނެވެ. މާލީ ބޮޑު ސިހުމެއްގެ ތެރޭގައިވާ މި ގައުމު, މިއަދު އެދި ގޮވަނީ އެފަދަ އިހުލާސްތެރި ދަރީންނަށެވެ.

ގައުމުގެ ހާލު ސިފަވެ, ކަރުނަ ނުހިކޭ!

މިއަދު މި ގައުމަށް ބަޑިއާއި މިސައިލުން ހަމަލާ ދީފާނެކަމުގެ އެއްވެސް ބިރެއް ނެތެވެ. ގައުމީ ސަލާމަތަށް އޮތީ އެހެން ނުރައްކާތަކެވެ. އެ ނުރައްކާތައް ފެށިގެން އަންނަނީ ޒަމާނުއްސުރެ ރާއްޖެ ހިންގަމުން މި އަންނަ ގޮތުގެ ސަބަބުންނެވެ. އެކި ކަންކަމަށް ގިނަ މުއައްސަސާތަކާއި އިދާރާތައް ހަދާފައި އެބަހުއްޓެވެ. އެ ތަންތަނަށް އެކަށީގެންނުވާ ވަރަށް ވެސް މީހުން ލައި, ބިލިއަނުން ކޮންމެ އަހަރަކު އެބަ ޚަރަދު ކުރެއެވެ. ނަމަވެސް، އެ ތަންތަން ފަންކްޝަނެއް ނުކުރެއެވެ. ނަތީޖާއަކީ މިސްރާބެއް ނެތި ގައުމު އޮޔާދާ ދިއުމެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް

މީގެ ހެއްކަކީ 2025 ވަނަ އަހަރު ނިމޭއިރު ވެސް ދުނިޔޭގެ ތަރައްގީއާ ވާދަ ވެސް ކޮށްނުލެވުމެވެ. އަނެއްކާ ހަތަރު ލައްކަ މީހުން ހަމަނުވާ, ދުނިޔެ މަތީގެ ސުވަރުގެ ގޮތުގައި މަޝްހޫރު މި ގައުމުގައި އަދިވެސް ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ވެސް ފޯރުކޮށެއް ނުދެވެއެވެ. އާބާދީގެ ބޮޑު ބަޔަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތެވެ. ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތެވެ. އެކަށީގެންވާ ބޭސްފަރުވާ ވެރިރަށް މާލެއިން ވެސް ނުލިބެއެވެ. ދެން އަތޮޅުތެރޭގެ ހާލަތު ވިސްނަވާށެވެ. ދުނިޔޭގެ ފެންވަރުގެ ތައުލީމެއް ވެސް މި ރާއްޖޭގެ އެއްވެސް ތާކުން ނުލިބެއެވެ. ދިވެހީންގެ ނަސީބު ކަމަށްވާ, ޓޫރިޒަމް ނޫނީ ސިނާއަތެއް ނެތެވެ. ކިތަންމެ ކަމެއް ކުރެވެން އޮތް ނަމަވެސް އެއްވެސް އުފެއްދުންތެރިކަމެއް މި ގައުމުގައި ނެތެވެ. ހަމަ ބޭނުންވާ ހުރިހާ އެއްޗެއް އިމްޕޯޓްކޮށްލަކޮށްލައި ތިބެނީއެވެ.

ވަޒީފާއެއް ވެސް, ސަރުކާރުން ދޭ ފްލެޓެއް ވެސް, ބޭސްފަރުވާއަށް އިތުރު އެހީއެއް ވެސް, އަދި އިންސާފެއް ވެސް ގިނަ ފަހަރަށް ލިބެނީ ސިޔާސީ މީހެއްގެ ގާތު ސަލާން ޖަހައިގެންނެވެ. މުޅި ނިޒާމު އޮތީ އެގޮތަށެވެ. މޮޅު މީހާއަށް މޮޅު ގޮތަށެވެ. ދެރަ މީހާއަށް ދެރަ ގޮތަށެވެ. ކޮރަޕްޝަނާއި ވައްކަން ކުށެއްކަން އިހުސާސް ނުވެ, ފަހުރެއްކަން އިހުސާސްވާ މިންވަރަށް ކަންކަން ގޮސްފިއެވެ. ދައުލަތުގެ އެންމެ އިސް ސަފުން ފެށިގެން ސަލާމަތީ ބާރުތަކަށް ވެސް އޮތީ އެ ތުހުމަތެވެ. ރައްޔިތުން ހަމަ ނޭވާ ލިޔަ ނުދެނީ, ސިޔާސީ މަންފާ ނަގަން ފަސޭހަ ވާނީ އެހެން ކަމަށްވާތީއެވެ. މަދު ފައިސާ ކޮޅަކަށް ވޯޓު ގަތުމަށެވެ.

މިއީ މިއަދުގެ އެކަނި ހާލަތެއް ނޫނެވެ. ޒަމާންވީ ދިވެހީންގެ ހަގީގަތެވެ. މިއީ އެތައް ވެރީންނެއްގެ އިހުމާލެވެ.

https://www.sun.mv/180753

މި ހާލަތަށް ދިޔައީ ކީއްވެ؟

މިހާރު ވެސް ދިރާސާއެއް ކުރާށެވެ. ގައުމުގެ ތިން ބާރުގެ ވެރިންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އަދުލު އިންސާފުގެ ބާރާއި ސަލާމަތީ ބާރުތަކުގެ ވެރިންނަށް ރައްޔިތުންގެ އިތުބާރާއި ތާއީދު އޮތްތޯ ބެލުމަށެވެ. ޔަގީނާ ގާތަށް ބުނަން އެނގެއެވެ. އިތުބާރެއް ވެސް އިހުތިރާމެއް ވެސް ނޯންނާނެއެވެ. އެހެން އެކަން ވަނީ މަގާމުތަކަށް ވަޑައިގެން ކަން ކުރައްވާފައިވާ ގޮތާއި ކަން ކުރައްވަމުން މިހާރު ވެސް އަންނަ ގޮތުންނެވެ.

އިއްޔެ ވެސް މިއަދު ވެސް މި ގައުމުގެ އިސް މަގާމުތަކުގައި ގިނަ އަދަދަކަށް, ޕީއެޗްޑީން ފެށިގެން މާސްޓާސްއާއި ޑިގްރީ ހޯލްޑަރުން އެބަތިއްބެވެ. ހަމައެހެންމެ މި ޒަމާނުގެ މާ ބޮޑު ތައުލީމެއް ނެތް ގިނަ ބޭފުޅުންތަކެއް ވެސް ވަރަށް އިސް މަގާމުތަކުގައި އެބަތިއްބެވިއެވެ. ގިނަ ބޭފުޅުންގެ ފަރާތުން ނުފެންނަނީ އިހުލާސްތެރިކަމެވެ. ސުވާލަކީ އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް މިއަދުގެ ދުނިޔެ ހިނގާ ގޮތާއި އިގުތިސާދީ ހިނގާ ގޮތް އެނގޭތޯއެވެ؟

"އެންމެ ބޮޑު މައްސަލައަކީ މީހުންނަށް ވާކަހަލަ މީހުން ނެތުން. މުޅިންހެން އެ މީހުން ވިސްނަނީ މަގާމުގެ ދިފާއުކުރަން. ހައްގު ބަސް ބުނާކަށް ނުކެރޭ. ޒިންމާ އަދާ ކުރާކަށް ނުކެރޭ. އޭރަކު ހުންނަ ރައީސްއަކު އެންގި ކަމެއް އެންގި ގޮތަކަށް ކޮށްކޮށް އެ ތިބެނީ. ކިހިނެއް ކަމެއް ރަނގަޅު ވާނީ," މިއީ ރޭ ކޮފީ މޭޒަކުން ދިމާވި ޒުވާނެއްގެ ޖަޒުބާތީ އިހުސާސެވެ.

https://www.sun.mv/203597

އެއީ ހަމަ ހަގީގަތެވެ. ގިނަ ވެރީންގެ ހާލަތަކީ އެއީއެވެ. މިސާލެއްގެ ގޮތުން ހަމަ އެކަނި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ބަލާލި ނަމަވެސް ފުދޭނެއެވެ. ކޮރަޕްޝަން ހުއްޓުވުގެ ބޮޑު ޒިންމާ ހަވާލުކޮށް, އަހަރަކު 40 އަކަށް މިލިއަން ރުފިޔާ ރައްޔިތުންގެ ފައިސާއިން އެ އިދާރާ ހިންގަން އެބަ ޚަރަދު ކުރެއެވެ. އެކަމަކު، ނަތީޖާ ހަމަ ސުމެކެވެ. ގިނަ މުއައްސަސާތައް އޮތީ މި ހާލަތުގައެވެ. ގިނަ ވެރިން ޒިންމާ އަދާ ނުކުރައްވައި މުސާރަ ނަންގަވައިގެން ތިއްބަވަނީއެވެ.

އިސް ފަޑީގައި މިސްރާބެއް, އިހުލާސްތެރި ކަމެއް ނެތް ނަމަ ދަށުން ތިބޭ މީހުންގެ ހާލަތާ މެދު ވިސްނާށެވެ. މަގާމެއް ލިބޭއިރަށް އަމިއްލަ މަންފާއާއި ތަނަވަސްކަން އިތުރު ކުރުން ނޫން ހިޔާލެއް ނުގެންގުޅޭނަމަ ގައުމަށް ވާނެ ގޮތާމެދު ވިސްނާށެވެ. މިހެން ކަންކަން މި ދިމާވަނީ މީހުންނަށްވާ ކަހަލަ މީހުން ނެތީމައެވެ.

މީހުންނަށް ވާކަހަލަ މީހުން ބޭނުން!

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު އެ ތަރައްގީގެ ފަހަތުގައި ވަނީ ވަރުގަދަ ސިކުނޑިތަކެވެ. އެ ގައުމުގެ އިސް މަގާމުތަކަށް އައްޔަންކުރައްވަނީ ވެސް އަދި އިންތިޚާބުކުރަނީ ވެސް ހަމަ އެކަނި ސިޔާސީ ވަފާތެރިކަމަށް ބަލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުންގެ ހުނަރާއި އިހުލާސްތެރިކަމަށް ބަލައެވެ.

މުޅި ދުނިޔެ ހައިރާން ކުރުވަނިވި ތަރައްގީއެއް ސިންގަޕޫރަށް ގެންނެވި, އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު, ލީ ކުއާން ޔޫ ތަރައްގީގެ ދަތުރުގައި އެންމެ އިސްކަންދެއްވީ މީހުން ބިނާ ކުރެއްވުމަށެވެ. އަދި، އިސް މަގާމުތަކަށް ގާބިލު, އިހުލާސްތެރީން ގެންނެވުމަށެވެ. އަދިވެސް އެ ގައުމު ހިނގަމުން އެ އަންނަނީ އެ އުސޫލުގެ މަތީންނެވެ.

ލީ ކުއާން ޔޫ ވިދާޅުވާ ގޮތުގައި މާ ބޮޑު ވަސީލަތެއް ނެތް ސިންގަޕޫރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ހުނަރުވެރި، ރަނގަޅު އަޚުލާގުގެ ރައްޔިތުންނެވެ.

"ހުވަފެންތައް ހާސިލުކުރަން ބޭނުންނަމަ ރަނގަޅު އަހުލާގާއި ޑެޑިކޭޝަނަކީ ކޮންމެހެން ބޭނުންތެރި ކަމެއް," ލީ ކުއާން ޔޫ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ލީޑާޝިޕްގެ މިންގަނޑު ކަނޑައަޅަންވީ އެ މީހެއްގެ އަތުގައި ހުރި ސެޓްފިކެޓްތަކުގެ އަދަދަކުން ނޫނެވެ. އަދި، ކުރި މުޒާހަރާއާއި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހޭދަކުރި މުއްދަތަކުންނެއް ވެސް ނޫނެވެ. ބަލަންވީ، ގައުމަށް ޚިދުމަތްކުރުމުގައި އެ މީހަކު ދައްކާ ތެދުވެރިކަމާއި ހިތްވަރަށެވެ.

https://www.sun.mv/206026

ގައުމުތައް ކުރިއަރަމުން ދަނީ ރިވެތި އަހުލާގަށް ލޯބިކުރާ މީހުން އެއް ފިޔަވަޅު ކުރިއަށް ނުކުމެގެންކަން ތާރީހުން އެނގެއެވެ. އިންޑިއާ މިނިވަން ކުރުމުގެ ބާނީ, މަހާތަމާ ގާންދީ ވިދާޅުވި ފަދައިން "ގައުމެއްގެ ސަގާފަތް ދިރިއުޅެނީ އެ ގައުމެއްގެ ރައްޔިތުންގެ ހިތާއި ނަފުސުގަ"އެވެ. ތެދުވެރިކަމާއި އަޚުލާގާ ނުލައި އެއްވެސް ނިޒާމެއް ދެމި ނޯންނާނެއެވެ.

އަޅުގަނޑުމެންގެ މި ގައުމަކީ އާބާދީ މަދު, އެއް ދީނަކަށް އުޅޭ, ނަސްލީ ހަމަނުޖެހުންތައް ނެތް, ގުދުރަތީ ކާރިސާތަކާ ދުރު ވަރަށް އަމާން ގައުމެކެވެ. ބޭނުން ކުރަން އެނގިއްޖެނަމަ ފައިސާ ހޯދޭނެ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. ގައުމުގެ އާބާދިއަށް ވުރެ އެތައް ގުނައެއް އިތުރަށް ކޮންމެ އަހަރަކު ފަތުރުވެރިން އައިސް ޑޮލަރު އެބަ އޮއްސައެވެ. އެކަމަކު، ގައުމުގެ އަމާޒެއް, މިސްރާބެއް ނެތެވެ. މި ހާލަތަށް ގައުމު ދިޔައީ އިހުލާސްތެރިން އިސް މަގާމުތަކުގައި ނެތަތީއެވެ. ވިޝަނަރީ ވެރިން ނެތީމައެވެ. މިކަން ހައްލުވާން އޮތީ މީހުންނަށް ވާކަހަލަ މީހުން އިސް މަގާމުތަކަށް އައިސްގެންނެވެ.

comment ކޮމެންޓް