ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން އުރީދުއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު މިއަދު ލިބިއްޖެއެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވި އިނާމާ ހަވާލުވެވަޑައިގަތީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޙަމާދީއެވެ.
މި ކާމިޔާބީއާ މެދު އަލް ޙަމާދީ ވިދާޅުވީ, މިފަދަ ތާރީޚީ މުނާސަބަތެއްގައި އުރީދޫއަށް ގައުމީ އިނާމު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި، ކަސްޓަމަރުންގެ އިތުބާރާއި، ދިވެހި ރައްޔިތުންނަށް މަންފާ އާއި ލާބައަށް އުރީދޫން ދެމުންދާ އަހައްމިއްޔަތުކަން ކަމަށެވެ.
އުރީދޫ ހިމެނޭހެން 13 ފަރާތަކަށް ޤައުމީ އިނާމު މިއަދު ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) އާއި، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އަދި މިފަހުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި މުހައްމަދު މައުރޫފް ޖަމީލް ހިމެނެއެވެ.
ޤަތަރުގެ ވަތަނިއްޔާ ޓެލެކޮމް (މިހާރުގެ އުރީދޫ) ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަން ސަރުކާރުން ނިންމީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކަކާ އެކުގައެވެ. އެއީ، އެ ޚިދުމަތް އާންމުންގެ އަތްފޯރާފަށަށް އަގުތައް ތިރިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އޭރު ވިސްނުމުން ގެނައި ބަދަލެކެވެ.
ސަރުކާރުގެ މި ނިންމުމާ އެކު، އުރީދޫން ރާއްޖެއާ ގުޅާލަދިން ސަބްމެރިން ކޭބަލް އިފުތިތާހުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގައި އެ ކުންފުނިން ޚިދުމަތް ދޭންފެށިތާ އަހަރެއް ނުވަނީސް 2006ވަނަ އަހަރެވެ.

އެއަށް ފަހު، ތަފާތު ޚިދުމަތަކަށް ފަހު ޚިދުމަތެއް ތައާރަފުކުރަމުން ގޮސް، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ކުންފުނި 3ޖީ އާއި 4ޖީ ރާއްޖެ ގެނެސްދިނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެ ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 5ޖީގެ ޚިދުމަތް ވެސް ފުޅާކޮށްފައެވެ.
ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މިފަދަ އެތައް ޚިދުމަތެއް އުރީދޫން ތައާރަފުކުރިއެވެ. އޭގެ ތެރޭގައި އެމް ފައިސާ އާއި، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑާއި، އެޗްޑީ ވޮއިސް ސާވިސްގެ އިތުރުން އީކޮމާސް ޕްލެޓްޕޯމް މޫލީ އާއި، ސައިން ލެންގުއޭޖް ކަސްޓަމާ ސާވިސް ކެއާ ހޮޓްލައިން ހިމެނެއެވެ.