އެޕަލް ވޮޗްގެ ސިއްރުތަކެއް އޮޕޯއާ ހިއްސާކުރި ކަމުގެ ތުހުމަތެއް!

އެޕަލްގެ ތުހުމަތުތަކަށް އޮޕޯއިން އެންކާރު ކުރޭ ---

އެޕަލް ވޮޗްގެ ސިއްރު މައުލޫމާތުތަކެއް ވަގަށްނަގައި އެޕަލްގެ ކުރީގެ މުވައްޒަފަކު އޭނާ އަލަށް ވަޒީފާ އަދާކުރަން ފެށި ޗައިނާގެ އޮޕޯ ކުންފުންޏާ ހިއްސާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފިއެވެ.

އެމެރިކާގެ ޓެކްނޮލޮޖީ މައި ކުންފުނި އެޕަލް އިން، އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު އޭނާ އަލަށް ވަޒީފާ އަދާކުރަން ފެށި ކުންފުންޏަށް ވިޔަފާރީގެ މި މުހިންމު ސިއްރުތައް ހިއްސާކުރި ކަމަށް އެޕަލްއިން ތުހުމަތުކޮށް، ދައުވާ އުފުލާފައިވާއިރު، މި ދައުވާ އުފުލާފައިވަނީ އެޕަލް ވޮޗް ޓީމުގައި މަސައްކަތްކުރި ޗެން ޝީ އާއި، އޭނާ އަލަށް ވަޒީފާއަށް ދިޔަ ޗައިނާގެ ކުންފުނި ކަމަށްވާ އޮޕޯއާ ދެކޮޅަށެވެ. އެޕަލް އިން ބުނެފައިވަނީ އެ ކުންފުނީގެ ވިޔަފާރީގެ ސިއްރުތައް ވަގަށްނަގައިފައިވަނީ މި ދެ ފަރާތުން ދުރާލައި ރާވައިގެން ކަމަށެވެ.

ދައުވާގައިވާ ގޮތުން، ޝީ ވަނީ ޖެނުއަރީ 2020 އިން ޖޫން 2025 އަށް އެޕަލް ވޮޗްގެ "ސެންސާ ސިސްޓަމް އާކިޓެކްޓެއްގެ" މަގާމުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާ އޮޕޯއިން ވަޒީފާ ހޯދުމަށް އޭޕްރީލް 2025 ހިސާބުގައި މަސައްކަތް ފަށާފައިވާކަމަށް އެޕަލް އިން ތުހުމަތުކުރެއެވެ.

އެޕަލް ދޫކޮށް ދާއިރު، އޮޕޯއާ ގުޅެން އުޅޭކަން އޭނާ ހާމަކޮށްފައި ނުވާކަމަށާއި، އޭގެ ބަދަލުގައި ބުނެފައިވަނީ ޗައިނާއަށް އެނބުރި ގޮސް އުމުރުން ދުވަސްވީ މައިންބަފައިންނަށް އަޅާލުމަށް ދަނީ ކަމަށާއި، އަލަށް ވަޒީފާއެއް ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އެހެންނަމަވެސް، އެޕަލް ދޫކޮށްލުމުގެ ކުރިން ޝީ ވަނީ އެޕަލް ވޮޗް ޓީމުގެ އެހެން މުވައްޒަފުންނާ އެކު އެތައް ބައްދަލުވުންތަކެއް ބާއްވާ، އެ މީހުން މަސައްކަތް ކުރަމުންދިޔަ "އޮޕްޓިކަލް ސެންސަރުތަކާއި، ޓެމްޕަރޭޗާ ސެންސަރުތަކާއި، އަދި އީސީޖީ ސެންސަރުތަކާ" ގުޅޭ މައުލޫމާތު އެއްކޮށްފައި ކަމަށް ދައުވާގައިވެއެވެ.

މީގެ އިތުރުން، ޝީ ވަނީ އެޕަލްގެ ރައްކާތެރިކޮށްފައިވާ ފޯލްޑަރަކުން 63 ފައިލް ޑައުންލޯޑްކޮށް، އެ މައުލޫމާތު ޔޫއެސްބީ ޑްރައިވް އަކަށް ނަކަލުކޮށްފައި ކަމަށް ބުނެއެވެ. އޭގެ ފަހުން އޭނާ ވަނީ "މެކްބުކެއް ސާފުކުރާނެ ގޮތް" އަދި "ޝެއާކޮށްފައިވާ ޑްރައިވެއްގައިވާ ފައިލެއް އަހަރެން ހުޅުވިކަން އެހެން މީހަކަށް އެނގޭނެތަ؟" ފަދަ އިބާރާތްތައް ބޭނުންކޮށްގެން އިންޓަނެޓުން މައުލޫމާތު ހޯދާފައެވެ.

ދައުވާގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޝީ ވަނީ އޭނާގެ އޮޕޯގެ ވަޒީފާދޭ ފަރާތަށް މެސެޖެއް ފޮނުވާ، އެޕަލްގެ ހެލްތު-ސެންސިން ޓެކްނޮލޮޖީތަކާ ބެހޭގޮތުން ލިބެންހުރި ހުރިހާ މައުލޫމާތެއް އެއްކުރާނެ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޮޕޯއިން ވަނީ މެކްރޫމާސް ވެބްސައިޓަށް ބަޔާނެއް ދީފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އެޕަލް އިން ކުރާ ތުހުމަތުތަކާއި ޝީ އޮޕޯގައި ވަޒީފާ އަދާކުރި އިރު އޭނާގެ އަމަލުތައް ހުރި ގޮތާ އެއްވެސް ގުޅުމެއް އޮތްކަން ސާބިތުކޮށްދޭ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެޕަލްގެ ވިޔަފާރީގެ ސިއްރުތައް ނަހަމަ ގޮތުގައި އޮޕޯއިން ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިއީ އެޕަލްއިން އެ ކުންފުނީގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ކުރީކޮޅުވެސް، އެޕަލްގެ ވިޜަން ޕްރޯ އާ ގުޅޭ ވިޔަފާރީގެ ސިއްރުތައް ވަގަށް ނަގައި، އޭނާ އަލަށް ވަޒީފާއަށް ދިޔަ ކުންފުނި ކަމަށްވާ ސްނެޕް އަށް ހިއްސާކުރި ކަމުގެ ތުހުމަތުގައި، ޑިޒައިން އިންޖިނިއަރެއްގެ މައްޗަށް އެޕަލް އިން ދައުވާކޮށްފައިވެއެވެ.

comment ކޮމެންޓް