އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗާއި، ސެމްސަންގް ގެލެކްސީ ވޮޗަށް އީ ސިމްގެ ޚިދުމަތް ތައާރަފުކޮށްފިއެވެ.
މި ޚިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކްގައި ފޯރުކޮށްދޭ ޚިދުމަތެކެވެ.
އުރީދޫން ބުނީ ފޯނާ ނުލާ ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ.
އަތުކުރީގައި އޮންނަ ގަޑިއާއެކު ހެނދުނު ދުވުމަށް ނުކުތް ނަމަވެސް، ނުވަތަ މަސައްކަތުގައި ބިޒީ ދުވަހެއް ނަމަވެސް، މިހާރު ކޯލްކޮށް، ރިސީވްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ސްމާޓްވޮޗަށް އީ ސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެއް ކަމަށެވެ. އެކްޓިވޭޓްކުރުމަށް ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރު އެޕްލިކޭޝަނެއް ބޭނުމެއް ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އީ ސިމް ގަޑިއަށް އެކްޓިވޭޓް ކުރުމަށް އެޕަލް ނުވަތަ ސެމްސަންގް ގެލެކްސީ ގަޑި ފޯނާ ގުޅާލައި، ސްކްރީނުގައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުން، ގަޑިއަށް އީސިމް އެކްޓިވޭޓް ވާނެކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ސްމާޓްވޮޗް އީ ސިމްއާއެކު ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ ފަސޭހަކަން މިހާރު ތަޖުރިބާކުރެވޭނެއެވެ.