އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ފުލަމް އަތުން ޔުނައިޓެޑަށް މޮޅެއް ނުލިބި އެ ޓީމު އޮތީ ކަރުތާފެނުގައެވެ. ރެލިގޭޝަނުގެ މަލަމަތީގައެވެ. ފުލުގައި އޮތް ތިން ޓީމަށްވުރެ ދެ ފިޔަވަޅު މަތީގައެވެ. އެއާއެކު އެންމެންގެ ސުވާލަކީ އެ ޓީމުގެ ފޯވާޑްލައިން ވަރުގަދަ ކުރަން ކޯޗުގެ ބިޔަބޮޑު އިންވެސްޓުމަންޓު ކޮބައިބާވައެވެ.
ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުގެ ކޯޗު އަމޮރިމްގެ ފޯމިއުލާއަކީ 270 މިލިއަން ޑޮލަރު ހޭދަކޮށްގެން ކޯޗު ބޭނުންވާ މޮޅެތި ކުޅުންތެރިން ޓީމަށް ގެނައުމެވެ. އެކަން އެގޮތަށް ކޮށްފިއެވެ. ނަމަވެސް ނަތީޖާއެއް އަދިވެސް ނުފެނެއެވެ.
ފުލަމްއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން ޔުނައިޓެޑް ފުއްދާލީ ޕޮއިންޓަކުންނެވެ. މިއީ އެ ބިޔަބޮޑު އިންވެސްޓުމަންޓަށް ފަހު ޔުނައިޓެޑު ކުޅުނު ދެވަނަ މެޗެވެ. ޔަގީނުންވެސް އެ އިންވެސްޓުމަންޓުގެ ފޮނިމީރުކަމެއް ދަނޑުމަތިން ނުފެނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީވެސް ތިން ދަނޑިން ބޯޅަ އެތެރެ ނުކުރެވުނެވެ. ކެޕްޓަން ބްރޫނޯ ފެނާންޑޭސް ފޮނުވާލި އެ ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.
އެއަށްފަހު ދެވަނަ ހާފުގައި ޔުނައިޓެޑުގެ ލެނީ ލަނޑު ޖެހި ނަމަވެސް ވީއޭއާރުން ހެކިދިނީ އެއީ ފުލަމްގެ ރޮޑްރީގޯ އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގައެވެ.
ފުލަމްއަށް ނަތީޖާ އެއްވަރުކޮށްދިނީ 73 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެމިލް ސްމިތު ރޯ އެވެ.
މިހާތަނަށް ޔުނިޓެޑަށް ލީގުގައި މާ އެދެވޭ ޕޮއިންޓެއް ނުލިބެއެވެ. އޭޕްރީލުން ފެށިގެން އަދި މިހާތަނަށް އެ ޓީމަށް ލިބުނީ އެންމެ ހަ ޕޮއިންޓެވެ.
ކަން މިހެން ވުމާއެކު ޔުނައިޓެޑުގެ ކުޅުންތެރިންނާ އެއްވަރަށް ސަޕޯޓަރުން ވެސް މާޔޫސްވުން ގާތެވެ. އެ ސަޕޯޓަރުންގެ އުންމީދުތަކުގައި ކުލަނުޖެހި މި ސީޒަން އެ ޓީމުން ގަދަ ތޫފާނުގެ ތެރޭގައި ނިންމާލުން ގާތެވެ. ދެން އޮތީ އަމޮރިމްގެ ވާހަކައެވެ. ފައިސާއިން އޭނާއަށް ވާނެ ހުރިހާ ކަމެއް ކުރެވެއެވެ. ނުނެރެވެނީ ނަތީޖާއެވެ. ހެދެން އޮތް މަންތިރިއެއް ހަދަައިގެން ނަމަވެސް އެ ޓީމުން މިއަށްވުރެ ނަތީޖާ ރަނގަޅުކުރަން މަޖުބޫރެވެ.