މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ ބާރުގެ ދަށަށް ގެންދަން އުޅުން ރާއްޖޭން ކުށްވެރިކޮށްފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި، ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް: ފޮޓޯ/ ޚާރިޖީ ވުޒާރާ

މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ރާއްޖޭން މިއަދު ކުށްވެރިކޮށްފިއެވެ.

އޯއައިސީން ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އެކްސްޓްރާއޯޑިނަރީ ބައްދަލުވުމެއް ބާއްވައިފައިއެވެ.

އެ ބައްދަލުވުމަކީ، ފަލަސްތީނުގެ ޣައްޒާއަށް ކާބޯތެކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖެއްސުމުގެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އަދި މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމަށް އަޅައިފައިވާ ފިޔަވަޅެއްކަމަށާއި އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ޚަލީލް ވަނީ އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ނުވާކަން ފާހަގަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގު ހޯދައިދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ޚަލީލް ދެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅައިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުން ފަލަސްތީނު ބަލައިގަތުމަށްޓަކައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއްކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މި މަގުސަދު ހާސިލްކުރުމަށް އޯއައިސީގެ ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ވެސް އޭނާވަނީ ގޮވާލައްވާފައެވެ.

އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ، ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ރާއްޖެން 1976 ވަނަ އަހަރު އެ ޖަމިއްޔާގެ މެމްބަރަކަށް ވުމަށްފަހު އަބަދުވެސް އަންނަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް