ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ޚަރަދުގައި ކިޔަވަން ފޮނުވި އެ ކުންފުނީގެ އަންހެން މުވައްޒަފަކު، އެއްބަސްވި ގޮތަށް ނުކިޔަވައި، އަދި ބޮންޑާ އެއްގޮތަށް ވަޒީފާ އަދާނުކުރުމުން، ހަތް ލައްކައެއްހާ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، 2010 ވަނަ އަހަރު، އެސްޓީއޯގެ ޚަރަދުގައި ބެޗިލާ އޮފް ސައިންސް (އޮނާސް) އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވި އަންހެން މުވައްޒަފެއްގެ މައްސަލައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ އަމުރުން އެނގޭ ގޮތުގައި، އެ އަންހެން މުވައްޒަފާއެކު އެސްޓީއޯއިން ވެފައިވާ އެއްބަސްވުމަކީ ކޯސް ފުރިހަމަ ކުރުމަށް ފަހު ފަސް އަހަރު އެސްޓީއޯއަށް ޚިދުމަތް ކުރުމުގެ ބޮންޑު އެއްބަސްވުމެކެވެ. އެކަމަކު ކޯސް ފުރިހަމަ ނުކުރުމުގެ އިތުރުން ބޮންޑް މުއްދަތުވެސް ފުރިހަމަ ނުކުރާކަން އަމުރުން އެނގެއެވެ.
މި މައްސަލައިގައި އެ އަންހެން މުވައްޒަފާ ދެކޮޅަށް އެސްޓީއޯއިން ކުރި ދައުވާގެ ލިޔެކިޔުންތައް މިދިޔަ މޭ މަހު އެ މުވައްޒަފަށް ރައްދު ކުރި ނަމަވަސް ޝަރީއަތަށް އެއްވެސް ޖަވާބެއް ފޮނުވާފައެއް ނުވެއެވެ. އަދި ޝަރީއަތަށް ހާޒިރުވެފައިވެސް ނުވާތީ މައްސަލަ ނިންމީ އެ މުވައްޒަފުގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލައިގައި، ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި އަމުރުގައި ބުނެފައިވަނީ އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމާ އެ އަންހެން މުވައްޒަފު ޚިލާފުވެފައިވާ ކަމަށެވެ. އަދި އެސްޓީއޯއިން އެ މުވައްޒަފުގެ ކިޔެވުމަށް ކުރި ޚަރަދުގެ ތެރެއިން އަނބުރާ ނުދައްކައިވާ، 770،311 ރުފިޔާ، ދެ ހަފުތާގެ ތެރޭގައި އެސްޓީއޯއަށް ދެއްކުމަށްޓަކައި ސިވިލް ކޯޓަށް ދައްކަން ޖެހޭ ކަމަށް އަމުރުގައިވެއެވެ.
މި ފައިސާ ދައްކަން ޖެހޭ 14 ދުވަސް ހަމަވާ ދުވަހެއް ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ.