ލޯބިންގެ ވަދާއީ ޝޯ ހޮނިހިރު ދުވަހު

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ އިލްޔާސް ވަހީދު (އިއްލެ)ގެ ލޯބީގެ ފިލްމު "ލޯބިން"ގެ ވަދާއީ ޝޯ ހޮނިހިރު ދުވަހު ދައްކަން ތައްޔާރުވެއްޖެއެވެ.

ހަށިވިއްކުމުގެ ދުނިޔެއަށް އަންހެނަކު މަޖުބޫރު ކުރުވާކަން ދައްކުވައިދޭ މި ފިލްމު އަންނަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ. މި މަހުގެ ހަވަނަ ދުވަހުގައި ދައްކަން ފެށި މި ފިލްމު ފެށީ ވެސް ހައުސްފުލް ޝޯތަކާއެކުގައެވެ.

އާންްމުންގެ ފަރާތުން ފިލްމަށް ލޯބި އޮހެމުން އަންނަ އިރު ފިލްމުގެ އޮލިމްޕަސް ރަން ނިމެން ގާތްވެއްޖެއެވެ. އެގޮތުން އޮލިމްޕަހުގެ ބާރުބޮޑު މިނަށް ބަލައި ފިލްމުގެ ވަދާއީ ޝޯ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އިޖުތިމާއީ މައްސަލަތަކެއްގެ ތެރެއިން ލޯބީގެ ވާހަކަތަކެއް ކިޔައިދޭ މި ފިލްމު އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައިވެސް އަޅުވަމުން އެބަދެއެވެ. އެގޮތުން ފިލްމު އެންމެ ފުރަތަމަ އަތޮޅުތެރޭގައި އެޅުވުމަށް ފުރުސަތު ހުޅުވާލުމާއެކު 25 ރަށަކުން ފިލްމު އެޅުވުމަށް ބޭނުންވިއެވެ. މިހާރުވެސް އިތުުރު ރަށްތަކެއްގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިއްލެ ޑައިރެކްޓުކޮށް އައިފިލްމްސް ޕްރޮޑަކްޝަނުން ނެރުނު މި ފިލްމުގެ ރޯލުތަކުން ފެނިގެން ގޮސްފައިވަނީ އިއްލެގެ ފިލްމުތަކުގައި މީގެކުރީންވެސް މަސައްކަތްކޮށްފައިވާ ބައެއް ތަރީންނެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ތާތި އާދަމް އާއި އަހްމަދު އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ނުޒުހަތު ޝުއައިބާއި އަހުމަދު ޝާކިރާއި އައިމިނަތު ރަޝީދާއެވެ.

އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ މި ފިލްމުގައި އިއްލެއާއެކު ޑައިރެކްޓުކުރުމުގައި އިފްނާޒްވެސް މަސައްކަތް ކޮށްފައިވެއެވެ.

comment ކޮމެންޓް