ޝިފާއަށް ބޮލީވުޑުން ފުރުސަތު ލިބުނު، ދާ ޚިޔާލެއް ނެތް!

ޓިކްޓޮކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ޒުވާން އެކްޓަރު މަރިޔަމް ޝިފާއަށް ބޮލީވުޑުން ޕްރޮޖެކްޓެއްގެ ފުރުސަތު ލިބުނު ނަމަވެސް އެ ޕްރޮޖެކްޓަކަށް ދިޔުމުގެ ޚިޔާލެއް ނުގެންގުޅޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީން ފެންނަން ފަށާފައިވާ ޒުވާން އެކްޓަރަށް ބޮލީވުޑުން ޕްރޮޖެކްޓެއްގެ ފުރުސަތު ލިބުނު ކަމަށް ބުނެ ޕޯސްޓެއް ހާމަކުރީ މީގެ ހަފުތާއެއް ކުރީންނެވެ. ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި އޭނާ ބުނީ, ބޮލީވުޑުން އޮފަރެއް ލިބުނު ކަމަށެވެ. ނަމަވެސް, މާ ގިނައިރުތަކެއްނުވެ, އޭނާގެ ޕޯސްޓު ޑިލީޓްކޮށްލިއެވެ.

މިކަމާ ގުޅޭގޮތުން އިތުރު ބަހެއް ނުބުނެ ހުރެ ދާދިފަހުން އޮންލައިން ނޫހަކަށް އޭނާ ވަނީ ކުޑަ އިންޓަވިއުއެއް ދީފައެވެ. މި އިންޓަވިއުގައި ޝިފާ ވަނީ ބޮލީވުޑުން ޕްރޮޖެކްޓެއް ލިބުނު ކަމަށް ބުނެ އެ ވާހަކަ ކަށަވަރުކޮށްފައެވެ.

އޭނާ ބުނި ގޮތުގައި ބޮލީވުޑުން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ފަދަ ވާހަކަތަކެއް ދާދިފަހުން ދެކެވިފައިވެއެވެ. ނަމަވެސް, މިވަގުތު އެފަދަ ޕްރޮޖެކްޓަކަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް ޝިފާ ބުންޏެވެ.

ޝިފާ ހާމަކޮށްފައިވާގޮތުގައި ޝިފާއަށް ލޯބިކުރާ އަދި އޭނާއަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ރާއްޖޭގައި އެބަތިއްބެވެ. އަދި, އެ އެންމެނާ ދުރަށް މަސައްކަތް ކުރުމަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ޝިފާ ފާހަގަކުރިއެވެ.

ޝިފާގެ މަސައްކަތްތައް އޮތީ ދިވެހި ފިލްމު އިންޑަސްޓްރީގައި ކަމަށް ބުނެ މިހާރު ވެސް ބައެއް ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ އިޝާރާތްކުރިއެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓުކުރާ "އިލްޒާމު" އިންނެވެ.

ޝިފާ އެންމެ ފުރަތަމަ އާންމުންނަށް އެނގުނީ ޓިކްޓޮކް ލިޕްސިންކް އާ ނެށުންތަކުންނެވެ. އެއަށް ފަހު އޭނާ އެކްޓިންގެ ތެރެއަށް ނުކުތީ 2017 ވަނަ އަހަރެވެ. އޭނާ އެންމެ ފުރަތަމަ ފެނިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު "ދެވަންސޫރަ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިފައިވަނީ ސަޕޯޓިން ރޯލަކުންނެވެ.

ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބޮޑެތި ތަރީންނާ އެކު ޝިފާ މިހާރު މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ ބޮޑު ސްކްރީނަށް ނެރޭ ފިލްމުތަކުންނާއި ވެބް ޝޯތަކުން ފެނިފައެވެ. މި އުފެއްދުންތަކުން އޭނާ މުހިންމު ރޯލުތަކުން ފެނިފައިވި ނަމަވެސް އޭނާ ފެނިފައިވަނީ ސަޕޯޓިން ރޯލުތަކުންނެވެ.

comment ކޮމެންޓް