ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.
ދެހާސްތޭވީސް ވަނަ އަހަރު އިންޑިއާގެ ސިޔާސީ ލީޑަރު ރާގަވް ޗައްދާއާ ކައިވެނިކޮށްފައިވާ ބަތަލާ ވަނީ މަންމައަކަށް ވާން އުޅޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ބަތަލާގެ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.
ޕަރިނީތީގެ ޕޯސްޓުގައިން ފެންނަނީ "ވަން ޕްލަސް ވަން އިޒް ތްރީ" ލިޔެފައި އިން ކޭކެއްގެ ފޮޓޯއެވެ. މި ފޮޓޯއާ އެކު ޕަރިނީތީ ކެޕްޝަންގައި ލިޔެފައި ވަނީ އެ ދެމަފިރިންގެ 'ޔުނިވާސް' ދުނިޔެއަށް އައުމުގެ މަގުމަތީގައި ވާކަމަށާއި ބަތަލާގެ ދިރިއުޅުމަށް ލިބިފައިވާ އުފާވެރިކަމަކީ އުއްމީދުކުރި ވަރަށް ވުރެ މާބޮޑު އުފަލެއް ކަމަށެވެ.
ޕަރިނީތީ ބަލިވެއިންކަން އިއުލާނުކޮށްފައި ވާއިރު ދާދިފަހުން ބަތަލާ އާއި ފިރިމީހާ ރާގަވް ބައިވެރިވި "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ވަރަށް އަވަހަށް 'އުފާވެރި ޚަބަރެއް' ސަޕޯޓަރުންނަށް ދޭނެކަމަށް ވަނީ ބުނެފައެވެ.
އެހެންވެ ގިނަ ބަޔަކު ބުނެފައި ވަނީ އޭރުވެސް ޕަރިނީތީ އިނީ ބަލިވެ ކަމަށެވެ. އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ އިތުރުން ބަތަލާއަށް ސަޕޯޓުކުރާ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށް ޕަރިނީތީގެ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ރައްދުކޮށްފައެވެ.
ޑައިރެކްޓަރު އިމްތިޔާޒުގެ ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގެ ލީޑް ކުޅުނު ބަތަލާ އަންނަނީ ނެޓްފްލިކްސްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ މިސްޓްރީ ތުރިލާގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ޕަރިނީތީއާ އެކު މި ތުރިލާގެ މުހިއްމު ރޯލްއިން ޓެލެވިޒަން ބަތަލާ ޖެނިފާ ވިންގެޓް ފެންނާނެއެވެ.
އިންޑިއާގެ ސިޔާސީ ޕާޓީ އާމް އާދުމީ ޕާޓީ (އާޕް)ގެ ސީނިއަ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރާގަވް ޗައްދާ އަކީ އިންޑިއާގެ ސިޔާސީ ދާއިރާގެ އެންމެ ނުފޫޒުގަދަ ޒުވާން ލީޑަރުންގެތެރޭ ހިމެނޭ މެމްބަރެކެވެ. ބަތަލާ ޕަރިނީތީ ޗޯޕްރާއާ ކައިވެނި ކުރުމަށްފަހު ރާގަވްގެ ދެމަފިރިންނަށް މީޑިއާގެ ސަމާލުކަން އިހުނަށްވުރެ ބޮޑަށް އަންނަނީ ލިބެމުންނެވެ.