ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.
މިއީ ނިއު ރޭޑިއަންޓުގެ ޖާރޒީގައި ސެންޓޭ ފެންނާނެ ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން ސެންޓޭ ނިއުއަށް ކުޅުނީ 2017-18 ވަނަ ސީޒަނުގައެވެ.
ބ. އޭދަފުއްޓަށް އުފަން ސެންޓޭ ވަނީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ އިތުރުން 2015 ވަނަ އަހަރު ވެސް ނިއު ރޭޑިއަންޓަށް ކުޅެފައެވެ.
ފުރަތަމަ ޑިވިޝަނުގައި ސެންޓޭ އެންމެ ފުރަތަމަ ވިދާލީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ. އެއަށް ފަހު 2010 ވަނަ އަހަރު ކްލަބް ވެލެންސިއާގައި ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ފަހު 2011 ވަނަ އަހަރު އޭނާ ނިއުއާ ގުޅުނެވެ.
ސެންޓޭ އެންމެ ބޮޑަށް ވިދާލީ 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުގައެވެ. ބަލްގޭރިއާގެ ކޯޗު ވެލިޒާ ޕޮޕޯވްގެ ދަށުން ނިއުރޭޑިއަންޓުން ވަނީ އެ ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. އަދި، ހުރިހާ ތައްޓެއްވެސް ހޯދާ، ރާއްޖޭގެ ފުޓުބޯޅައިގެ ރިކޯޑެއް ގާއިމުކުރިއެވެ.
މީގެ އިތުރުން، 2016 ވަނަ އަހަރުގައި ސެންޓޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ރަންބޫޓު ހޯދާފައެވެ. ޖެހިގެން އައި އަހަރު ނިއުގެ ޖާރޒީގައި ދެއްކި މޮޅު ކުޅުމާއެކު އެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ ސެންޓޭއަށެވެ.
ސެންޓޭގެ އިތުރުން ރާއްޖޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ އަންނަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅެން ނިންމާފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ރޭޑިއަންޓުން ވަނީ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުޅުންތެރިންތަކެއް ގެންނަން ނިންމާފައެވެ. އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.