ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިންގެތެރޭ ހިމެނޭ އާލިއާ އާއި ރަންބީރު ކަޕޫރުގެ އަލަށް ބަދަލުވާން އުޅޭ ގޭގެ މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓުގައި ދައުރުކުރަމުންދާތީ މީޑިއާ ހިންގާ ފަރާތްތަކަށް ބަތަލާގެ ހޫނު މެސެޖެއް ރައްދުކޮށްފިއެވެ.
މީޑިއާއަށް ނިސްބަތްވާ ބަޔަކު އިންޓަނެޓުގައި ދައުރުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ އާލިއާ އާއި ރަންބީރުގެ އާ ގޭގެ ސިޓިންގްރޫމްތެރޭގައި ބަޔަކު މީހުން ހަރަކާތްތެރިވާ މަންޒަރެވެ.
މީގެއިތުރުން އެ ގޭގެ އެތެރޭގެ އިންޓީރިއާ ފެންނަ މަންޒަރުތައް ވެސް އެ ވީޑިއޯއިން ފެންނާތީ ހުއްދަނެތި އެފަދަ ވީޑިއޯތައް ފިލްމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އާލިއާ ވަނީ ބުނެފައެވެ.

އާލިއާ ފިރިމީހާ ރަންބީރު އަދި ދަރިފުލު ރަހާއާ އެކު--ފޮޓޯ/މިޑް-ޑޭ
އާލިއާ މިކަމާ ގުޅިގެން އިންސްޓަގްރާމްގައި ނެރުނު ސްޓޭޓްމަންޓްގައި ބުނެފައި ވަނީ، މުމްބާއީ ފަދަ އާބާދީ ބޮޑު ސިޓީއެއްގައި އެއްގެއެއްގެ ކުޑަދޮރުން އަނެއް ގޭގެ މަންޒަރުތައް ފެންނަކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހެންނަމަވެސް އެއީ އެގޮތަށް ފެންނަ މަންޒަރުތައް ފިލްމުކޮށް އާއްމުންނަށް ފެންނަ ގޮތަށް އިޝްތިހާރު ކުރުމަށް ލިބޭ ހުއްދައެއް ކަމަށް އެއްވެސް ބަޔަކު ދެކިގެން ނުވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ހުއްދަނެތި އެއްވެސް ފަރާތެއްގެ ފޮޓޯ އާއި ވީޑިއޯ އަދި އެ ފަރާތެއް ދިރިއުޅޭ ތަނެއްގެ ފޮޓޯ އާއި ވީޑިއޯތައް ނެގުމަށްފަހު އާއްމުކުރުމަކީ ހުއްދަކަމެއް ކަމަށް ބަލައިގަނެ އެކަން އާދައިގެ ކަމަކަށް ހެދުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް އާލިއާ ވަނީ ސިފަކޮށްފައެވެ.
މީގެފަހުން ވެސް މީޑިއާތަކަށް އަދި އާއްމުންނަށް ލިބޭ އެފަދަ ވީޑިއޯތައް އިންޓަނެޓުގައި ދައުރުކުރުން ހުއްޓުމަށް އާލިއާ ވަނީ އާއްމުންގެ ފަރާތުން އެދިފައެވެ.
މީގެކުރިންވެސް މީޑިއާއަށް ނިސްބަތްވާ ބަޔަކު ވަނީ އާލިއާ މިހާރު ދިރިއުޅޭ ގޭގެ ބެލްކަނީގައި ބަތަލާ ދަރިފުޅު ރަހާ ގޮވައިގެން ހުއްޓާ ވީޑިއޯތަކާއި ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުކޮށްފައެވެ.
އެކަމާ ގުޅިގެންވެސް އާލިއާ ވަނީ މީޑީއާ ރިޕޯޓަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާ ފިލްމީ ތަރިންނަކީ ވެސް އަމިއްލަ ދިރިއުޅުމެއް އޮތް އަމިއްލަ ޕްރައިވެސީ ބޭނުންވާ ބައެއްކަން މީޑިއާތަކުން ހަނދާންނައްތާލައިގެން ނުވާނެ ކަމަށް ބުނެފައެވެ.
ރަންބީރު އާއި އާލިއާ އަލަށް ބަދަލުވާ ގެ އަކީ އެކްޓަރުގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރު ދިރިއުޅުނު ގެއެވެ. މި ގެ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.
ހަ ފަންގިފިލާ ހިމެނޭހެން އިމާރާތްކޮށް ނިމުމާ ގާތްވެފައިވާ މި ގޭގެ އަގު 250 ކްރޯޑު ރުޕީސް (28.5 މިލިއަން ޑޮލަރަ)ށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އާލިއާގެ ދެމަފިރިން ވަނީ މި ގެ އަލަތު ދަރިފުޅު ރަހާގެ ނަމަށް ބަދަލުކުރުމަށް ނިންމާފައެވެ.