މިދިޔަ އަހަރު އިއުލާނުކޮށްފައިވާ އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "މަހަވާތަރު" އަންނަ އަހަރު ރިލީޒް ކުރަން ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ވިކީގެ މިތޮލޮޖިކަލް ސާގާ "މަހަވާތަރު" މީގެކުރިން 2026ގައި ރިލީޒްކުރަން ނިންމި ނަމަވެސް 2027 ވަނަ އަހަރު ރިލީޒްކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
މި ފިލްމު ރިލީޒްކުރުން ފަސްކޮށްފައި ވަނީ ވިކީ މިހާރު މަސައްކަތް ފަށާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ ޝެޑިއުލްތަށް ފުށުއަރާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕީޕިންގް މޫންގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކުރިން މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިންގް ފެށުމަށް ނިންމާފައި ވަނީ މި އަހަރުގެ ފަހުކޮޅުއެވެ.

ވިކީ ފިލްމު "މަހަވާތަރު"ގައި ކުޅޭ ކެރެކްޓަ ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނަމަވެސް މިހާރު ގެނެވުމަށް ނިންމާފައިވާ ބަދަލުތަކާ އެކު ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަސައްކަން އަންނަ އަހަރުގެ އޭޕްރިލް މަހު ފަށާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ޓީމުގެ އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރު މަސް އަންނައިރު ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވެސް ޕީޕިންގް މޫންގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
އަމަރު ކައުޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ ފިލްމު "މަހަވާތަރު" އަކީ އިންޑިއާގެ ތާރީޚާ ގުޅުންހުރި ވަރަށް ގިނަ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމުގައި ވިކީ ފެންނާނީ އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ 'ޗިރަންޖީވީ ޕަރަޝުރާމާ'ގެ ކެރެކްޓާއިންނެވެ.
ވިކީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް ލަކްޝްމަން އުތޭކަރު ޑައިރެކްޓްކުރި ފިލްމު "ޗާވާ"އިންނެވެ.