ކުޑަ ކުއްޖަކާ ބެހުނު ދުވަސްވީ މީހަކު ބަންދުން ދޫކޮށްލުމުން އަލުން ބަންދު ކުރަން އަންގައިފި

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އުމުރުން އެންމެ ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު، ބަންދުން ދޫކޮށްލަން ދަށު ކޯޓަކުން ނިންމި ނިންމުން ބާތިލުކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މައްސަލައެއް ކަމުން މި ހާދިސާ ހިނގާފައިވަނީ ކޮން ރަށެއްގައި ކަމެއް ސާފެއް ނުވެއެވެ. މައްސަލަ ހައިކޯޓުން، އަންގާރަ ދުވަހު ނިންމީ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ދަށު ކޯޓުގައި ވެސް ސިއްރުކޮށްފައިވާ މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގައި ހިމެނޭ އުމުރުން 60 އަހަރުން މަތީގެ ފިރިހެން މީހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ދަށު ކޯޓުން އެ މީހާ ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޮށްފައިވާ އަމުރު މުރާޖައާ ކުރުމަށް ފަހު އެ މީހާގެ ބަލި ހާތަލަށް ބަލައެވެ.

އުމުރުން 60 އަހަރުން މަތީގެ މި މީހާއަކީ އޭނާ ބުނާ ގޮތުން ގިނަ ބަލިތަކެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. އޭގެ ތެރޭގައި ދެ ކިޑްނީ މައްސަލަ ޖެހިފައިވާކަމާއި، ތައިރޮއިޑާ، ރާއްޖެ ބައްޔާއި، ނަފްސާނީ ބައްޔާއި ހިތުގެ ބަލި ތަހައްމަލުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި އޭގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ ކެންސަރަށް ޓެސްޓް ކުރަން ޑޮކްޓަރު އިރުޝާދު ދީފައިވަނިކޮށް ކަމަށް ވެސް މި މީހާގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގައި ބުނެފައިވެއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ކޯޓު އަމުރެއްގެ ދަށުން، މި މީހާ ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ނުވަވަނަ ދުވަހު އެ މީހާގެ މައްޗަށްވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އުފުލާފައެވެ. އޭގެ ފަހުން، މި އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހު އެ މީހާވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މީހާ ބަންދުން ދޫކޮށްލައި ޝަރުތުތަކަކާއެކު ގޭބަންދަށް ބަދަލު ކުރުމަށް އެ މީހާގެ ފަރާތުން އެދިފައިވަނިކޮށް، ދަށު ކޯޓުންވަނީ އެ މީހާ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. ޝަރުތުތަކަކާއެކު އެ މީހާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައި އެދުނީ އަލުން އެ މީހާ ބަންދު ކުރާށެވެ.

ދައުލަތުގެ ހުށަހަޅުމާއެކު ހައިކޯޓުންވަނީ އެ މީހާ ދޫކޮށްލަން ދަށު ކޯޓުން ނިންމި ނިންމުން، ބާތިލުކޮށް ދެ ދުވަހުގެ ތެރޭގައި އަލުން އެ މައްސަލަ ހުށަހަޅައިފިނަމަ، ފަސް ދުވަހުގެ ތެރޭގައި ބަންދާމެދު އަލުން ގޮތެއް ނިންމުމަށް އަންގާފައެވެ.

comment ކޮމެންޓް