ދަގަނޑޭ، އިރޭ، ހަންނަ، އަހުއްކޮ، ޕީކޭވެސް ނިއު ރޭޑިއަންޓަށް

ޓީމާ އަލަށް ގުޅުނު ކުޅުންތެރިން އިއުލާނުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން-- ފޮޓޯ: މެންދުރު

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް, އަލީ އަޝްފާޤު (ދަގަނޑޭ) އާއެކު އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުޙައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާން ގެ އިތުރުން ހަސަން ރާއިފް އަޙްމަދު (ހަންނަ) ސޮއިކޮށްފިއެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި ވަރުގަދަކޮށް އެނބުރިއަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުލަބާ ގުޅުނު ކުޅުންތެރިން އިއުލާނުކުރުމަށް މާފަންނު ދިމްޔާތުގައި ރޭ ބޭއްވި ހާއްސަ ހަފުލާގައި މި ކުޅުންތެރިން އަންނަ ސީޒަނުގައި ނިއުއަށް ކުޅޭނެކަން ވަނީ އިއުލާނުކޮށްފައެވެ.

އަލަށް ގުޅުނު ކުޅުންތެރިންގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ވެސް މި ޓީމުގައި ހިމެނެއެވެ. ރާއްޖޭގެ އަރަމުން އަންނަ ޑިފެންޑަރު އަހްނަފް ރަޝީދު (އަހުއްކޮ) ވެސް ކުރިޔަށް އޮތް ސީޒަނުގައި ފެނިގެންދާނީ ނިއުރޭޑިއަންޓްގެ ސްކޮޑުންނެވެ. ސާފް ޗެންޕިއަންޝިޕް 2019 ގައި އަންޑާ 18 ގައި ލޯމެޑަލް ހޯދި ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި އަހުއްކޮއަކީ ޤައުމީ ޓީމުގައި ވެސް މުހިންމު ޑިފެންޑަރެކެވެ.

މާޒިޔާގެ ކެޕްޓަންކަން ވެސް ކުރި މުޙައްމަދު ޢިރުފާން (އިރޭ) އަކީ މި ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ހަވީރު ސްޕޯޓްސް އެވޯޑްސްގެ އަންޑާ-21 އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ވަނީ ހާސިލްކޮށްފައެވެ.

ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެފައިވާ ޕީކޭ އަކީ 2021 ވަނަ އަހަރު ކުރިމަތިވި ބޮޑު އަނިޔާއަކުން އަރައިގަނެ، މިހާރު ވަރަށް ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. އެގޮތުން ނިޒާމް އެންމެ ފަހުން ހުރީ ސަސްގެ ކެޕްޓަނުގެ މަޤާމުގައެވެ. ހަންނާ އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި ކުޅެފައިވާއިރު، އޭނާއަކީ ޤައުމީ ޓީމުގެ އެޓޭކިންގ ގައިވެސް މުހިންމު ދައުރެއް އަދާކުރަމުންގެންދާ ކުޅުންތެރިއެކެވެ.

ޓީމުގެ ކޯޗު އަލީ ސުޒެއިން އާއެކު އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާނީ އާފިއު ޢަބްދުލްޙަމީދު އާއި މުހައްމަދު ފައިސަލް (ކަޓޭ) އެވެ.

comment ކޮމެންޓް