ބީއެމްއެލްއިން ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށްފި

ހދ. ކުމުންދޫގައި އޭޓީއެމް ޚިދުމަތް ރަސްމީކޮށް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހދ. ކުމުންދޫގައި މިއަދު އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފިއެވެ.

ބީއެމްއެލްއިން ވަނީ، އޭޓީއެމްތައް ބެހެއްޓުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގެއް ކަމަށެވެ.

ކުމުންދޫގައި އޭޓީއެމް ޚިދުމަތް ރަސްމީކޮށް ތައާރަފްކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި އިތުރު އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކުމުންދޫގެ އިތުރުން މިއަދު ކުރިނބީގައި ވެސް އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ.

ހދ. ކުމުންދޫގެ އޭޓީއެމް--ފޮޓޯ/ ބީއެމްއެލް

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ކުމުންދޫގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ ނުވަ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްކުރެވިފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ އޭޓީއެމްއަކާއެކު، އަޅުގަނޑުމެން މިދަނީ މުޖުތަމައުތަކާ ވީހާވެސް ގާތުން ބޭންކިން ޚިދުމަތްތައް ދެމުން. އަޅުގަނޑުމެންގެ މަގުސަދަކީ ކޮންމެ ފަރުދަކަށްވެސް އަދި ކޮންމެ މުޖުތަމައަކަށްވެސް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިކޮށްދިނުން." ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، 20 އަތޮޅުގައި ބީއެމްއެލްގެ 42 ބްރާންޗް، 156 ސެލްފްސާވިސް ބޭންކިން ސެންޓަރު ހުރެއެވެ.

comment ކޮމެންޓް