ޕިކަޕަކުން 14 ފުޅި ބަނގުރާ ފެނުނު މައްސަލައިގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ޕިކަޕަކުން 14 ފުޅި ބަނގުރާ ފެނުނު މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާގެ ވަނަވަރު: އޭނާ ފާސްކުރިއިރު މަސްތުވާތަކެތި ވެސް ވަނީ ފެނިފައި -- ފޮޓޯ/ ފުލުހުން

ހުޅުމާލެ ފޭސް އެކަކުން ދުއްވާފައިދިޔަ ޕިކަޕެއް ބަލާފާސްކުރިއިރު 14 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ފެނުނު މައްސަލައިގައި ޕިކަޕު ދުއްވަން އިން އުމުރުން ދުވަސްވީ ފިިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި/ ނީލާއާކާސް، އުމުރުން 57 އަހަރުގެ ޢަލީމަނިކުއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައެވެ.

ޕިކަޕުން ފެނުނު 14 ފުޅި ބަނގުރާ -- ފޮޓޯ/ ފުލުހުން

މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް އެކެއްގެ ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނުނުކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ މި ރާއްޖޭގައި އެންމެ އާއްމު މައްސަލައެވެ. ކަންބޮޑުވުން ބޮޑު މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އިތުރެވެ.

comment ކޮމެންޓް