ރިތިކްގެ ލަގްޒަރީ އެޕާޓްމަންޓެއް ލޯބިވެރިޔާ ސަބާއަށް ކުއްޔަށް ދީފި

ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަން އަދި ލޯބިވެރިޔާ ސަބާ އާޒާދު--ފޮޓޯ/އެމްއެސްއެން

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ލޯބިވެރިޔާ ސަބާ އާޒާދަށް ކުއްޔަށް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެންޑީޓީވީގައިވާ ރިޕޯޓެއްގައި ބުނާގޮތުން މުމްބާއީގެ ޖުހޫގައި ހުންނަ މި އެޕާޓްމަންޓް ސަބާއަށް ކުއްޔަށް ދޫކޮށްފައި ވަނީ މަހު ކުލީގެ ގޮތުގައި 75،000 ރުޕީސް (13,875 ދިވެހި ރުފިޔާ) އެކްޓަރަށް ލިބޭ ގޮތަށެވެ. ރިތިކްގެ މި ޕްރޮޕަޓީ އަކީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އާއިލާ ދިރިއުޅޭ މަންނަތުގެ އެޕާޓްމަންޓްތައް ހުންނަ މަގުގައި ހުރި ޕްރޮޕަޓީއެކެވެ.

ރިތިކް މި ޕްރޮޕަޓީ ގަނެފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުތެރޭގައެވެ. އެ އަހަރު އެކްޓަރު ވަނީ 97.5 ކްރޯޑު ރުޕީސްއަށް (11.1 މިލިއަން އެމެރިކާ ޑޮލަރު) މި ޕްރޮޕަޓީގެ ތިން އެޕާޓްމަންޓެއް ގަނެފައެވެ. މި އެޕާޓްމަންޓްތަކުގެ ތެރެއިން ލޯބިވެރިޔާ ސަބާއަށް ކުއްޔަށް ދޫކުރި އެޕާޓްމަންޓް ދޫކޮށްފައި ވަނީ 1.25 ލައްކަ ރުޕީސް (1,425 އެމެރިކާ ޑޮލަރު) ޑިޕޮސިޓްގެ ގޮތުގައި ދެއްކުމަށްފަހެވެ.

ރިތިކް ކުރީގެ އަންހެނުން ސުޒޭން ޚާން އަދި ދެ ކުދިންނާ އެކު--ފޮޓޯ/ވޯގް

ސަބާއަށް ކުއްޔަށް ދޫކުރި އެޕާޓްމަންޓަކީ ކޮވިޑްގެ ފުރަބަންދުތެރޭގައި ކުރީގެ އަންހެނުން ސުޒޭން ޚާން އާއި ދެ ކުދިންނާ އެކު ރިތިކް ދިރިއުޅުނު އެޕާޓްމަންޓް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުޅަދާނަ މިއުޒީޝަނެއްގެ އިތުރުން ބައެއް ފިލްމުތަކުން ވެސް ފެންނަ ސަބާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރިތިކް އިއުލާނުކޮށްފައި ވަނީ 2022 ވަނަ އަހަރު ޕްރޮޑިއުސަރު ކަރަން ޖޯހަރަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ކުލަގަދަ ޕާޓީގެތެރެއިންނެވެ.

ރިތިކް އާއި ކުރީގެ އަންހެނުން ސުޒޭން ޚާންގެ ކައިވެނި ރޫޅާލީ ދެ މީހުންގެ ކައިވެންޏަށް 14 އަހަރު ފަހުންނެވެ.

comment ކޮމެންޓް