ޖަމީލް ލިޔުއްވި ބޮޑުތަކުރުފާނު ވާހަކައާއި އަލިރަސްގެފާނު ވާހަކަ ނެރެފި

ލިޔުންތެރިޔާ އަބްދުﷲ ޖަމީލް ލިޔުއްވި، ބޮޑުތަކުރުފާނު ވާހަކައާއި، އަލިރަސްގެފާނު ވާހަކަ ނެރުމަށް ބޭއްވި ހަފްލާ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ލިޔުންތެރިޔާ އަބްދުﷲ ޖަމީލް ލިޔުއްވި، ބޮޑުތަކުރުފާނު ވާހަކައާއި، އަލިރަސްގެފާނު ވާހަކަ މިރޭ ނެރެފިއެވެ.

މި ފޮތް ތައާރަފްކޮށް ނެރުމުގެ ހަފްލާ ބާއްވައިފައިވަނީ މިރޭ، އެމްއެންޔޫ އޮޑިޓޯރިއަމްގައެވެ. މި ފޮތް އިފްތިތާހުކޮށް ނެރެދެއްވީ، މި ފޮތް ވުޖޫދުކުރުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ވިޔަފާރިވެރިޔާ މުޙައްމަދު އަލީ ޖަނާހާއި އޭނާގެ މަންމާފުޅެވެ.

މި ރަސްމިއްޔާތުގައި ފޮތުގެ މުސައްނިފް، ޖަމީލް ވަނީ ފޮތާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ދެއްވައިފައެވެ.

މި ފޮތްތަކާ ގުޅޭގޮތުން ޖަމީލް ވިދާޅުވީ މިއީ މިހާރު ބޮޑުވަމުން އަންނަ ކުދީންނަށް ކިޔައިލަން ފަސޭހަ އަތްމަތީ ގެންގުޅެން ފަސޭހަ ވާހަކަތަކަކަށް މި ބަޠަލުންގެ ވާހަކަ ހެދޭތޯ ކުރެއްވި މަސައްކަތެއް ކަމަށެވެ.

ލިޔުންތެރިޔާ އަބްދުﷲ ޖަމީލް ލިޔުއްވި، ބޮޑުތަކުރުފާނު ވާހަކައާއި، އަލިރަސްގެފާނު ވާހަކަ ނެރުމަށް ބޭއްވި ހަފްލާ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ޖަމީލް ވިދާޅުވީ އޭނާއަށް މި މަސައްކަތް ކުރައްވަން ހިތްވަރު ދެއްވީ ގައުމީ ޔުނިވާސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީ ކަމަށެވެ. އެގޮތުން ޑރ. ޝައުގީ އަކީ އިލްމީ ކަންކަމަށް ލޯބިކުރައްވާ ބޭފުޅަކަށްވުމާއި، ގައުމިއްޔަތު ކުރިއަރުވަން ސަރުކާރުން ފެށި މަސައްކަތާއެކީ، ފަރުދީ ފެންވަރުގައި ވެސް ކުރެވޭނެ ކަންކަން ހުންނާނެކަމަށް ޝައުގީ މަޝްވަރާ ދެއްވި ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެގޮތުގެ މަތިން މިއީ، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ހިތްތަކުގައި ގައުމީ އަބްތާލުންނާ ބެހޭ ތަސައްވުރެއް އުފެދޭތޯ ބެލުމަށް ކުރި މަސައްކަތެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ކުދިންތަކެއްގެ ބައްޕައެއް ވީމާ އަޅުގަނޑަށް ވެސް އެނގޭ ދަރީންނަށް ކުރިމަތިވާ ހާލަތު. ގައުމީ އަބްތާލުންތަކެއް ތިބިކަން ވެސް ދަންނާނީ މަދު ކުއްޖެއް. ކަން މިހެން އޮތުމާއެކު އަޅުގަނޑު މިކަމައިގެން ކުރިއަށްދާން [ޑރ. ޝައުގީ] ހިތްވަރުދެއްވީމާ އަޅުގަނޑު ހިތަށް އަރާ ދަންނަވައިލާނަމޭ، މި ރޭ މި ދެ ފޮތް ތައާރަފްކުރެވިގެން ދާއިރު ޑރ. ޝައުގީ މި ހަފްލާގައި ކޮންމެވެސް އެއްޗެއް ވިދާޅުވާން،" ޖަމީލް ވިދާޅުވިއެވެ.

އެއާއެކު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝައުގީ ވަނީ އޭނާއަށް ޖަމީލްގެ ލިޔުންތެރިކަމުގެ މަސައްކަތުގެ ތެރެއަށް ވަދެ އެހީތެރިކަން ފޯރުކޮށްދެއްވަން މެދުވެރިވި ގޮތް ވެސް ހިއްސާ ކުރައްްވައިފައެވެ. އަދި މި ފޮތަށް މަސައްކަތް ފެށުނު ގޮތް ވެސް ހިއްސާކުރައްވައިފައެވެ.

ލިޔުންތެރިޔާ އަބްދުﷲ ޖަމީލް ލިޔުއްވި، ބޮޑުތަކުރުފާނު ވާހަކައާއި، އަލިރަސްގެފާނު ވާހަކަ ނެރުމަށް ބޭއްވި ހަފްލާ ތެރެއިން ޖަނާހު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަނާހު ވިދާޅުވީ އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ވަކީން ޚާއްސަކޮށް ކެރީބިއަން ސަރަހައްދުގެ ކުދި ގައުމުތަކަށް ދަތުރުކުރައްވާ ކަމަށެވެ. އެ ސަރަހައްދުތަކުން އަދިވެސް ފެންނަން އޮތީ އަޅުވެތިކަމުގެ އަސަރުތައް ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޭމަން އައިލެންޑްސް، ތަހީތީ، މި ތަންތަން އަދިވެސް ހުރީ ކޮލޯނިއަލް ވެރިކަމުގެ ދަށުގައި. ކޭމަން އައިލެންޑްސް އޮތީ އިނގިރޭސިވިލާތުގެ ދަށުގައި، ތަހީތީ އޮތީ ފަރަންސޭސިވިލާތުގެ ދަށުގައި. އަޅުގަނޑަށް ހަމަ ޓަސްލައިފައި ގޮސް ޖެހުނީ އެ ހަނދާންތައް. އަޅުގަނޑުމެން ހާދަ ނަސީބު ގަދަ ބައެކޭ މިއީ. މި ނަސީބު އަޅުގަނޑުމެންނަށް ލިބުނީ ހަމަ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއްގެ ސަބަބުންނޭ،" ޖަނާހް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއާމެދު ވިސްނެވުމުން އިހުސާސްވަނީ މިނިވަންކަން ރާއްޖެއަށް މިއަދު ލިބިފައި އޮތުމުގެ ބޮޑު ނަސީބުކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ހަގީގީ ސަބަބަކީ ބޮޑުތަކުރުފާނާއި އަލިރަސްގެފާނު ފަދަ ބަތަލުން ކަމަށް ފާހަގަކުރެއްވިއެވެ.

އެހެންވެ މި ފަދަ މަސައްކަތަކަށް އެހީތެރިކަމެއް ވެދެއްވީ، ގައުމަށް ޓަކައި ކަމެއް ދޫކުރުމުގެ ނިޔަތުގައާއި ޖަމީލްގެ މަސައްކަތަށް އެހީއެއް ދިނުމުގެ ގޮތުން ކަމަށް ޖަނާހް ވިދާޅުވިއެވެ.

މި ފޮތް ލިޔުއްވި ޖަމީލަކީ ތަޖުރިބާކާރު ނޫސްވެރިޔެއް އަދި ލިޔުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ބައޮގްރަފީ ވެސް ލިޔުއްވައިފައެވެ. އަދި އޯކިޑުގެ ނަމުގައި ކުރީގެ ރައީސް މުޙައްމަދު އަމީންގެ ހަޔާތްޕުޅުގެ މައްޗަށް ވެސް ފޮތެއް ލިޔުއްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް