ފަލާހުގެ ފަސްފަހަތް: އަބުރުފުޅު ކަތިލަނީ ކާކު؟

މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް، އެކި ޕާޓީތަކުގައި: އަބުރުފުޅުގެ ހިމާޔަތުގައި ނޫސްވެރިން މަރަން އޭނާ ގޮވާލި --

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހަކީ ސަފާރީ ވިޔަފާރީގެ ވަރުގަދަ ބޭފުޅެކެވެ. 'ވަޑި'އެއް ކަމަށް ބައެއް މީހުން ބުނެއެވެ. އެ ބޭފުޅާއަކީ އަބަދު ވެސް ވަރަށް 'ހަރުއަޑުން' ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ފެހި ގާނޫނުއަސާސީއާ އެކު ފަހިވެފައި އޮތް ދުލާއި ގަލަމުން ބަސްބުނުމުގެ މިނިވަންކަން ތަންމިނަށް ބޭނުންކުރައްވާ ބޭފުޅެކެވެ.

އެކަމަކު، ކުއްލިއަކަށް ފަލާހުގެ ރާގު ބަދަލުވެއްޖެއެވެ.

މީހުންގެ އަބުރަށް އަރައިގަނެ، މީހުންގެ ކަރާމަތަށް ގެއްލުންވާހެން، މީހުންގެ އަނބިދަރީން ލަދުގަންނަ ޒާތުގެ ވާހަކަދައްކާ މީހުން 'އުލުބައިންދަން' އޭނާއަށް ފެނިވަޑައިގެންފިއެވެ. އުލުބޭންދުމަކީ ވަރަށް އަނިޔާވެރިކޮށް އުލަކަށް އަމުނާލައިގެން އިންސާނުން މެރުމެވެ. މީސްމީހުންގެ އަބުރަށް އަރައިގަންނާތީ ފަލާހް ހުންނެވީ އެހާ ވެސް ކޯފާވެފައެވެ.

ދިވެހިރާއްޖޭގައި މި ވަގުތު ހުރި އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ ފަލާހެވެ. އޭނާއަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އޭނާ ކޯފާވެވަޑައިގެން ނޫސްވެރިން މަރަން ގޮވާލީ އޭނާއަށް މާޒީގައި ދިމާވި ކަމަކާ ގުޅުވާފައެވެ. ނޫސްވެރިންގެ ކުށެއް އޮވެގެންނެއް ނޫނެވެ. ހަގީގަތް އެނގޭ މީހުން އެކަން ހިނގި ގޮތް ހަނދާން ހުންނާނެއެވެ.

އެއް ޖިންސުން ގުޅުން ހިންގާ ގިނަ ވީޑިއޯތަކެއް ލީކުކޮށްލި ދުވަސްވަރެއްގައި ފަލާހާ ވައްތަރު މީހެއްގެ ވީޑިއޯއެއް ވެސް ލީކުކޮށްލީއެވެ. އެކަން ކުރީ މީސްމީޑިއާގައެވެ. އެއްވެސް 'މެއިންސްޓްރީމް' މީޑިއާއެއްގައި އެ ވާހަކައެއް ނެތެވެ. އެކަމަކު، ދިފާއުގައި ފަލާހް ދެއްކެވި ވާހަކަތައް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި އެބައޮތެވެ. ފަލާހް އެއީ ތިމަންނާއެއް ނޫނޭ ވިދާޅުވި ވާހަކައެވެ.

އެހެންވީމާ ނޫސްވެރިން ފަލާހްގެ އަބުރުފުޅު ސަލާމަތްކޮށްދިނީއެވެ.

އެކަމަކު، ކޮންމެ ސަބަބެއް އޮވެގެން ވިޔަސް ނޫސްވެރިން މަރާ ވާހަކަދެއްކެވީމާ ފަލާހުގެ ފަސްފަހަތް ވެސް ހަނދާން އާކޮށްލަން ޖެހެއެވެ. އަމުދުން، އެ ވާހަކައަށް މާފަށް ނޭދި، ދިފާއުކުރައްވާފައި އެހެން ބޭފުޅުންނަށް 'ލާދީނީ'އަށް ގޮވީމައެވެ. އޭނާއަކީ ކިހިނެއް އުޅުއްވި، ކޮން ބޭފުޅެއްކަން އެނގޭ މީހުން ދުނިޔޭގައި ތިބީމައެވެ.

ފަލާހްގެ ފަސްފަހަތް:

ފަލާހް ސިޔާސީ މައިދާނުގައި މަޝްހޫރުކަން ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރަށްވުމުންނެވެ. ވަރަށް ދޫހެލޭ ބޭފުޅެކެވެ. ފަރިތަކޮށް ވާހަކަދައްކަވާ ބޭފުޅެކެވެ. ޕޯޑިއަމްތަކުގައި 'ފޯރިއަރުވާލަން' ފަލާހް ގަދައެވެ. އެހެންވެ، އޭރު ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ފަލާހް ވަރަށް ގިނައިން ހުންނަވައެވެ.

އޭރު ފަލާހް ދެއްކެވި ބައެއް ވާހަކަފުޅުތައް އަދިވެސް ވީޑިއޯކުރެވި، ލިޔެ ރައްކާކުރެވިފައި އެބަހުއްޓެވެ.

ޔާމީނަށް ސަނާ ކިޔުއްވި މިންވަރެވެ. އެ މަނިކުފާނަކީ އޭރު 'ތަރައްގީގެ ބާނީ'އެވެ. 'ރަންގަނޑެ'ކެވެ. އޭރު، ފަލާހު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އޭރު ގާސިމަކީ އަމިއްލަ އެދުމުން ފޯވެފައި ހުންނެވި ބޭފުޅެކޭ ވިދާޅުވިއެވެ.

24 މެއި 2017: ޕީޕީއެމްގެ ޕޯޑިއަމެއްގައި ފަލާހް: އޭނާ މަޝްހޫރުވީ ޔާމީންގެ ވެރިކަމުގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް 'އެމްއެމްޕީއާރްސީ'ގެ ޚިޔާނާތުން ނުހައްގު ފައިދާތަކެއް ހޯއްދެވިކަމުގެ ތުހުމަތު އޮތްއިރު ދެއްކެވިހާ ވާހަކައެވެ.

ފަހުން ކަންވީ ކިހިނެއްހެއްޔެވެ؟ ގާސިމަށް ފާޑުވިދާޅުވެފައި ޕީޕީއެމްގެ ވެރިކަން ވެއްޓުމުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިގެން އުޅުއްވީ ގާސިމާ އެކެވެ. ފަހުން ވީ ކިހިނެއްހެއްޔެވެ؟ ޕީއެންސީ ވެރިކަމަށް އިންތިޚާބުވުމުން އެ ޕާޓީއަށް ބަދަލުވެވަޑައިގެން މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވުމާ އެކު ކުރިން 'ރަންގަނޑެކޭ' ވިދާޅުވި ޔާމީން ވަރުގެ 'ވަގެއް' ނެތް ކަމަށް އަދިވެސް އެ ވިދާޅުވަނީއެވެ.

ގާސިމްގެ އަބުރު ކަތިލުން

ޔާމީންގެ އަރިހުގައި ހުންނެވިއިރު ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިއީ އޭނާ އޭރު ދެއްކެވި ބައެއް ވާހަކަތަކެެވެ.

"ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިޚާބުތަކުގައި ހަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާއޭ. އެ ފައިސާ ހަރަދުނުކޮށް ރިޔާސީ އިންތިހާބަކަށް ގާސިމް އިބްރާހިމް ނުކުމެއްޖެކަމަށްވާނަމަ އޭނާއަށް 2000 ވޯޓު ވެސް މި ރާއްޖެއިން ނުލިބޭނޭ،" ފެބްރުވަރީ 28، 2018 ގައި ފަލާހްގެ ވާހަކަދެއްކެވީ މި ރާގަށެވެ.

https://sun.mv/101975

އޭގެ ކުރިއަށް ޖެހިލަމާތޯއެވެ؟

އޮގަސްޓް 29، 2017 ގައި ފަލާހަށް ގާސިމް ފެނިވަޑައިގަތީ 'ކަލަ ގޮވާ' ބޭފުޅެއްގެ ގޮތުގައެވެ. އާންމު ނިކަމެތީންނަށް އެހީވެފައި 'ކަލަ' ގޮވަނީއޭ ވިދާޅުވިއެވެ. ގާސިމް ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ވެރިކަމުގެ ދަހިވެތިކަމުގައޭ ވިދާޅުވިއެވެ.

އެ ވަރުގެ ވައްކަމާއި ދައުލަތަށް ޚިޔާނާތްވުމާއި އަމިއްލަ އެދުމުގެ ބޮޑު ތުހުމަތެއް، އަމުދުން ގާސިމަށް ޖަވާބެއް ވެސް ނުދެއްވޭނެ ތަނެއްގައި ހުންނަވައިގެން ކުރެއްވިއިރު ގާސިމްގެ އަބުރުފުޅު ކޮބައިބާއެވެ؟ އެއީ، ސިޔާސީ ގޮތުން ގާސިމްގެ އަބުރު ކަތިލަން ކުރެއްވި ކަމެކޭ ބުނެވޭނެ ޖާގަ، ފަލާހުގެ އަމަލުފުޅުތަކުން ލިބެއެވެ. ސަބަބަކީ، ގާސިމާ މެދު ދުށްގޮތް ބަދަލުވުމެވެ.

ޕީޕީއެމްގެ ވެރިކަން ނިމުމުން ފަލާހް ޖޭޕީއަށް ސޮއިކުރެއްވުން: އޭނާ އޭގެ ކުރިން ގާސިމަށް ބޮޑެތި ތުހުމަތުތައް ކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީ ގައުމަށް ހެޔޮއެދިގެން ރައްޔިތުންނަށް ހެވެއް އެދިގެން އަމިއްލަ މަސްލަހަތު އެއްކިބާކޮށް ބަސް އިއްވާ ލީޑަރުން. ހަގީގަތުގައި ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ރައްޔިތުންގެ ހައްގުތައް ނުގެއްލި ހުރިހާ ފައިދާއެއްއޮތީ ރައްޔިތުންނަށް،" މި ފަހުން މި ސަރުކާރުން ކައުންސިލްތަކުގެ ބާރު ހަނިވާގޮތަށް ގެނައި އިސްލާހުތަކަށް ގާސިމް ތާއީދުކުރެއްވުމުން އެ މަނިކުފާނަށް ސަނާކިޔުއްވާފައި ވިދާޅުވީ މި ފަދައިންނެވެ.

މިހާރު އެއީ އަމިއްލަ އެދުމެއް ނެތް، ގައުމު ދެކެ ލޯބިވާ ބޭފުޅެކެވެ.

ހިޔާލު ތަފާތުވުމުން ޔާމިން ރަންގަނޑަކުން ބޮޑު ވަގަކަށް

ޔާމީން 2018ގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުން ފަލާހް ކުރެއްވި ވަރަށް ތައުރީފުކުރެއްވި ބޭފުޅަކު މަދުވާނެއެވެ. ކެމްޕޭން ޖަލްސާތަކުގައި ދެއްކެވި ތައުރީފުގެ ވާހަކަތައް އަދިވެސް ލިޔެ، ރައްކާކުރެވިފައި އެބަހުއްޓެވެ.

"އެ މަނިކުފާނު މިހާރު އެ އޮތީ އިރާދަކުރެއްވިއްޔާ ވެރިކަމަށް ކުރިމަތިލައްވާގޮތަށް ނިންމަވާފައި. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނުކުފާނު ވާދަކުރައްވާނެ. ވާދަ ކުރައްވަނީކީ އެ މަނުކުފާނުގެ އަމިއްލަ އެދުމެއް އޮވެގެންނެއް ނޫން. ހަމަ މި ގައުމު ތަރައްގީކޮށްދިނުމުގެ ބޭނުމުގައި،" މާޗު 29، 2018 ގައި ފަލާހު ވިދާޅުވިއެވެ.

https://sun.mv/103460

ޔާމީނަކީ ރަންގަނޑެކޭ ވެސް ވިދާޅުވިއެވެ. އެ މަނިކުފާނު ވަރުގެ ބޭފުޅެއް ދެން ވަޑައިނުގަންނަވާނޭ ވިދާޅުވިއެވެ.

އެކަމަކު، މިހާރު އެހެން ހެއްޔެވެ؟ ބަދަލުވީ ކޮން ކަމެއްހެއްޔެވެ؟

ޔާމީނަށް ތުހުމަތުވާ ވައްކަމުގެ މައްސަލަތަކުގެ ވާހަކަ އެންމެ ބާރަށް ދެކެވުނުއިރު ފަލާހް ހުންނެވީ އަރިހުގައި ދިފާއުގައެވެ. ސަނާ ކިޔުއްވާށެވެ. އެކަމަކު، ކޯޓު މަރުހަލާއިން ޔާމީންގެ ކުށެއް ސާބިތުނުވާ ކަމަށް ނިންމި ފަހުން ފަލާހުގެ ހިޔާލު އެނބުރިއްޖެއެވެ. މިއަދު މި ގައުމުގެ ބަޖެޓަށްވުރެ ޔާމީންގެ ގެކޮޅުގައި ހުރި ފައިސާ ގިނަ ކަމަށް ވެސް އެބަ ވިދާޅުވެއެވެ.

ފަލާހް، ޔާމީނާ އެކު: ކުރިން ތައުރީފުކުރެއްވި ނަމަވެސް މިއަދު ޔާމީނަށް ބޮޑެތި ތުހުމަތުތައް އަމާޒުކުރައްވާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަދަލުވި ކަމަކީ، ސިޔާސީ ގޮތުން ފަލާހު ހުންނެވި ޕާޓީއެވެ. ޔާމީނާ ދުރުގައި ހުންނެވުމެވެ. ފަލާހު މިހާރު އެ ތާއީދުކުރައްވާ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކަށް ޔާމީންވުމެވެ.

ޔާމީނާ ގުޅޭ ގޮތުން މި ފަހުން ދެއްކެވި ބައެއް ވާހަކަފުޅުތައް:

"ރައީސް ޔާމީނަކީ ހަގީގަތުގައި މި ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ޚިޔާނާތްވި ބޭފުޅާ،" އޮގަސްޓް 27، 2024 ގައި ފަލާހް ވިދާޅުވިއެވެ.

"2013 އިން 2018 އަށް އެ ހިނގި ވެރިކަމުގެ ތެރޭގައި އެ ވެރިކަންކުރި ވެރިންގެ އެކައުންޓުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެބަހުރި ކަމަށް ވަނީ 500 މިލިއަން ޑޮލަރު،" ޔާމީނަށް ނިސްބަތްކޮށް އޮކްޓޫބަރު 16، 2024 ގައި ފަލާހު ވިދާޅުވިއެވެ.

"އަނެއްކާ މިވާ ގޮތަކީ މި އެކައުންޓުތަކަކީ ހަމަ އެކަނި ޑިޕޮސިޓު ކުރެވޭ އެކައުންޓުތަކެއް. ޗެކު ފޮތެއް ނޯވޭ ނުއެއް ނެގޭ. ޓްރާންސްފާ ކުރެވޭނެ ގޮތެއް ނުހުރޭ. އެހެންމާ މަދެއް ނުވޭ މިޔަކުން ދުވަހަކު ވެސް އެއްޗެއް. ހައްތަހާ ވަނީ ގިނަ. ގިނަ ވަމުންވަމުން ގޮސް އަޅުގަނޑުމެންނަށް މިހާރު މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގައި މިހާރު އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ،" އޮގަސްޓް 6، 2024 ގައި ފަލާހު ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ ނޫސްވެރިން އުލުބައިންދަންވީ ކަމަށް -- ފޮޓޯ/ މަޖިލީސް

މި ވާހަކަފުޅުތައް ފަލާހް ދެއްކެވިއިރު ޔާމީންގެ އަބުރުފުޅެއް ނެތީހެއްޔެވެ؟ އެ މަނިކުފާނުގެ އަނބިދަރީން ނެތީހެއްޔެވެ؟

މިއީ ކުޑަ މިންވަރެކެވެ. ފަލާހުގެ ސިޔާސީ މާޒީގައި ކިތަންމެ ބޭފުޅުންނެއްގެ 'އަބުރު ކަތިލި'އެވެ. އެމްޑީޕީގެ ބޭފުޅުންނަށް ތަކުރާރުކޮށް އެ ކުރައްވާ 'ލާދީނީ' ތުހުމަތުތައް ކޮބާތޯއެވެ؟ ނޫނީ އަބުރުފުޅެއް އޮންނަނީ ފަލާހްގެ އެކަނިތޯއެވެ؟

އަބުރުފުޅު ނިވާފަތްގަނޑަކަށް ހައްދަވައިގެން ނޫސްވެރިން 'ތަޅުއަޅުވަން' އުޅުއްވަނީ އެހެން މަގުސަދެއްގައެވެ. މި ފަދަ މާޒީގެ ސަފުހާތައް ހަނދާން އާކޮށްދޭތީއެވެ. ސިޔާސީ ބޭފުޅުންނަށް 'ކޮންމެކޮންމެ' ވާހަކައެއް ދައްކަވާފައި ސަލާމަތްނުވެވޭތީއެވެ. އެ ބޭފުޅުން ޖަވާބުދާރީ ކުރުވަން ހުރި ހުރިހާ މުއައްސަސާއެއް ހިސާރުކޮށްލިޔަސް ނޫސްވެރިން ހަގީގަތް ހާމަކުރާތީއެވެ. ހަގީގަތުގައި ކަންބޮޑުވެވަޑައިގެން އެ އުޅުއްވަނީ އެ ކަމާއެވެ.

ފަލާހްގެ މާޒީއަށް ބަލައިލީމާ އަބުރު ކަތިލަނީ ކާކު، ކާކުގެކަން ވަރަށް ސާފެވެ.

comment ކޮމެންޓް