ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޖާޏްވީ ކަޕޫރު އެކީގައި ކުޅޭ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ދާދިފަހުން ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވެސް ނެރެފައިވާއިރު ފިލްމުގެ ޓީޒާއިން ވަރުން ދަވަން ފެންނަ މަންޒަރުގައި އެކްޓަރު އޭނާ ސިފަކުރަނީ 'ބާހޫބަލީ' ކެރެކްޓާގެ ގޮތުގައެވެ.
ބެލުންތެރިން ހެއްވާލާނެ ގިނަ ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ވަރަށް ޝައުގުވެރި ކަމަށާއި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ކާސްޓުން ޑައިރެކްޓަރު ޝަޝާންކްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ދަރުމާ ޕްރޮޑަކްޝަންސްއިން ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ބަތަލާ ޖާންވީގެ ފުރަތަމަ ބޮލީވުޑް ފިލްމު "ދަޅަކް"ގެ ޑައިރެކްޓަރު ޝަޝާންކް ހައިތަންއެވެ. ޝަޝާންކްގެ އަމިއްލަ ޚިޔާލީ ވާހަކައަކަށް ލިޔެ ތައްޔާރުކޮށްފައިވާ މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ސާނިއާ މަލްހޯތުރާ، ރޯހިތު ޝަރަފް، މަނީޝް ޕޯލް އަދި އަކްޝޭ އޮބްރޯއި ހިމެނެއެވެ.
މި އަހަރު ދަރުމާއިން ރިލީޒްކުރަން ނިންމާފައިވާ ފިލްމުތަކުގެތެރޭ ހިމެނޭ އެންމެ އުއްމީދީ އެއް ފިލްމަށް މި ފިލްމުވެފައިވާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
މި ފިލްމުގެ ކުރިން ވަރުން ވަނީ ޑައިރެކްޓަރު ޝަޝާންކާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަދި "ބަދުރީނާތު ކީ ދުލްހަނިޔާ" ހިމެނެއެވެ.