އާޖެންޓީނާއަށް ނަތަންޔާހޫ ވަޑައިގެންފިނަމަ ހައްޔަރު ކުރުމަށް މައްސަލައެއް ހުށަހަޅައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އާޖެންޓީނާއިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލުން ގޮވައިލައިފި -- ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާޖެންޓީނާއަށް ވަޑައިގަންނަވައިފިނަމަ، ހައްޔަރު ކުރުމަށް އެދި އާޖެންޓީގެ ކޯޓުތަކަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލުން ބުނެފިއެވެ.

ވަކީލުން އެގޮތަށް ބުނެފައިވާއިރު، އަންނަ މަހު ނަތަންޔާހޫ އާޖެންޓީނާއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޯޓުތަކަށް ހުށަހެޅި ޖިނާއީ މައްސަލައިގައި ބުނީ އެ ގައުމުގައި ނަތަންޔާހޫ ހައްޔަރުކޮށް، މާޗު 23 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެން އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ ކަމާބެހޭ ފަރާތްތަކުގެ ތަހުގީގެއް ކުރުމަށެވެ. އެ ހާދިސާގައި 15 މީހުން ވަނީ މަރާލާފައެވެ.

އާޖެންޓީނާގެ ނޫހެއް ކަމަށްވާ ކްލާރިންއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެވަޑައިގަތުމަށް އާޖެންޓީނާގެ ރައީސް ހާވިއާ މިލޭއާއާއި ނަތަންޔާހޫވެސް މިހާރު ހުންނެވީ ނިއު ޔޯކުގައެވެ.

އަދި ހާވިއާއާ ބައްދަލުކުރައްވަން ނަތަންޔާހޫ އެދިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ނަތަންޔާހޫ ހައްޔަރު ކުރުމަށް އެދި މީގެ ކުރިންވެސް ވަނީ ޖިނާއީ މައްސަލައެއް އާޖެންޓީނާގެ ފެޑެރަލް ކޯޓުތަކަށް ހުށަހަޅާފައެވެ. އޮގަސްޓް މަހުގެ ކުރީކޮޅު އެ މައްސަލަ ހުށަހެޅީ އެސޯސިއޭޝަން އޮފް ސްޓޭޓް ވޯކާސް (އޭޓީއީ)އާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތް، ހިޖޯސް އިންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ އެތައް ގޮންޖެހުންތަކެއް ނަތަންޔާހޫއަށް ވަނީ ކުރިމަތިވެވަޑައިގެންފައެވެ.

ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުންވެސް ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ވަކިން ނެރެފައެވެ. އެ ދައުވާއަށް އިސްރާއީލާއި ނަތަންޔާހޫ އިންކާރުކުރެއެވެ.

comment ކޮމެންޓް