ވައިގަދަވެ، ބިޔަ ބޮޑު ގަހެއް ވެއްޓި އޯކިޑުމަގު ބަންދުވެއްޖެ

މާލެއަށް ކުރި ވިއްސާރައިގައި ގަދަ ވަޔާއެކު ވެމްކޯގެ ޕިކަޕެއް މައްޗަށް ބިޔަބޮޑު ގަހެއް ވެއްޓި، މުޅި މަގު ބަންދުވެފައި --- ސަން ފޮޓޯ: މުހައްމަދު އާސިފް

ގަދަވަޔާއެކު މާލެއަށް ބޯކޮށް ވާރޭވެހި ކުރި ވިއްސާރައިގެ ސަބަބުން، މާފަންނު އޯކިޑުމަގުގެ ގަޑިބުރު ކައިރިއަށް ބޮޑު ގަހެއް ވެއްޓި، އެ މަގުގެ ބައެއް މިއަދު ބަންދުވެއްޖެއެވެ.

މިއަދު ހެނދުނު ވެއްޓުނީ އޯކިޑުމަގުގައި ހުންނަ މާފަންނު ޖީޒާގޭ ކައިރީގައި އިންދާފައި ހުރި ގަހެކެވެ. އެ ގަސް ވެއްޓުނީ އެ މަގުގައި ޕާކްކޮށްފައި ހުރި ބައެއް ސައިކަލްތަކާއި ޕިކަޕެއްގެ މައްޗަށެވެ. އެ ބޮޑު ގަސް ވެއްޓުމުގެ ސަބަބުން އެ މަގުގެ އެ ހިސާބު ވަނީ އާއްމު ދަތުރުފަތުރު ނުކުރެވޭ ވަރަށް ބަންދުވެފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން "ސަން"އަށް ބުނީ، އެ ސަރަހައްދުން ގަސް ނަގައި، މަގު ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، ގަސް ވެއްޓި އޯކިޑުމަގު ބަންދުވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:39 ހާއިރު ކަމަށާއި، ގަސް ވެއްޓުނީ ވެމްކޯގެ ޕިކަޕެއްގެ މައްޗަށް ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް، ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ވައި ގަދަވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ބައެއް މަގުތަކަށް ގަސް ވެއްޓި، މަގު ބަންދުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި ވިއްސާރަ މޫސުމުގައި ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގޭބިސީތަކުގެ ފުރާޅުތައް ވެސް އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން މ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

comment ކޮމެންޓް