ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާކަމަށް އެމެރިކާގެ ގިނަ ބަޔަކު ގަބޫލުކުރަން ފަށައިފި: ސާވޭ

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކުގައި މަރުވެފައިވާ މީހުން: އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާކަމަށް އެމެރިކާގެ ގިނަ ބަޔަކު ގަބޫލުކުރަން ފަށައިފި --

ވޮޝިންޓަން (30 އޮގަސްޓް 2025): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް އެމެރިކާ ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުން ގަބޫލުކުރާކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ކުއިނިޕިއަކް ޔުނިވަސިޓީން އާންމުންގެ އެތައް ސަތޭކަ ބައެއްގެ ޚިޔާލު ހޯދައިގެން ކުރި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 55 އިންސައްތަ މީހުން ދެކޭގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަނީ ޣައްޒާ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެކެވެ.

އެމީހުން ދެކޭގޮތުގައި އިސްރާއީލުގެ ބޭނުމަކީ ޣައްޒާގެ 2.2 މިލިއަން މީހުން މަރާލައި އެމީހުންގެ ނަސްލު ނައްތާލުމެވެ. އެކަން ނުވެއްޖެ ހާލަތެއްގައި ޣައްޒާގެ ރައްޔިތުންނަށް ދިރިނޫޅޭވޭވަރު ކުރުމެވެ. ނޫނީ އެމީހުން އަމިއްލަ ވަޒަނުން ބޭރުކޮށްލުމެވެ.

ޣައްޒާގެ ގެދޮރާއި ހޮސްޕިޓަލުތައް ފުނޑާލައި އާންމުންގެ ބޮލަށް ބޮންއަޅައި އެމީހުން މެރުމުގެ އިތުރުން ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ބޭނުމަކީ ނަސްލު ނައްތާލުމަށް މަސައްކަތް ކުުރުން ކަމަށް މި 55 އިންސައްތަ މީހުން ދެކެއެވެ.

އިސްރާއީލުން ޣައްޒާގެ ކުޑަކުދިން ބަނޑަށް ޖައްސާފައި --

ނަމަވެސް މި ސާވޭގައި ހިމެނޭ އެމެރިކާގެ ހަރުކަށި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މީހުންގެ 64 އިންސައްތަ މީހުން ދެކޭގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ނޫނެވެ. އޭގެ ބަދަލުގައި އިސްރާއީލުން ކުރާ މަސައްކަތަކީ ހަމާސް ޖަމާއަތް ބަލިކުރުމުގެ މަސައްކަތެވެ. ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި އެ ފަރާތްތަކުން ދެކެނީ އެއީ "ޓެރަރިސްޓް" ޖަމާއަތެއް ކަމުގައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ގަބޫލުކުރަނީ އެ ސާވޭގައި ހިމެނުނު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މީހުންގެ ތެރެއިން އެންމެ 20 އިންސައްތަ މީހުންނެވެ.

އިސްރާއީލަކީ މުގައްދަސް ގައުމެއްކަމާއި، ފަލަސްތީނުގެ ބިމަކީ ކަލާންގެ (ރައްބު) ޔަހޫދީން ވައުދުކުރައްވާފައިވާ ބިމެއްކަމަށް ބުނާ އިންޖީލީ ފިކުރުގެ ދީނީ ހަރުކަށި ވާހަކަތަކާއި އަދި ބޯދާ ޔޯލަ 'ނެރެޓިވްސް' ގަބޫލުކުރާ މީހުން އެމެރިކާގައި ގިނައީ ރިޕަބްލިކަން ޕާޓީގެ ތެރޭގައެވެ.

މީލާދީ ގޮތުން 11 ވަނަ ގަރުނުގެ ފަހުކޮޅު ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުން އަރަބި އިސްލާމީ އުންމަތާ ދެކޮޅަށް ފެށި އިސްތިއުމާރީ ހަނގުރާމަ ކަމަށްވާ ސަލީބީ ހަނގުރާމައިގެ ދުވަސްވަރުވެސް ބައުތުލްމަގްދިސާއި ފަލަސްތީނަކީ ކަލާންގެ ނަސާރާއިންނަށް ވައުދު ކުރައްވާފައިވާ ބިމެއްކަމަށް ބުނެ ޔޫރަޕްގެ ގައުމުތަކުގެ ރަސްރަސްކަލުން ދައުވާކުރިއެވެ.

އެގޮތަށް ޔޫރަޕްގެ ނަސާރާ ފާދިރީން އެދުވަސްވަރު ނަސާރާ ދީނުގެ ނަމުގައި ފަތުވާތައްވެސް ނެރުނު ކަމަށާއި، ބޭނުމަކީ ދީނީ 'ނެރެޓިވްސް'އާއި ދީނީ ނަޒަރިއްޔާތު ބޭނުންކޮށްގެން އިސްތިއުމާރީ ހަރަކާތްތައް ކާމިޔާބުކުރުމަށް އެހީތެރިވުމެވެ. އަރަބި އިސްލާމީ ބިންތައް އިސްތިއުމާރު ކުރުމަށް މަގުފަހި ކުރުމެވެ.

މިހާރު އިސްރާއީލާއި ޒަޔަނިޒަމް ފިކުރުގެ މީހުންވެސް ފަލަސްތީނުގެ ބިމަކީ ކަލާންގެ ޔަހޫދީންނަށް ވައުދު ކުރައްވާފައިވާ ބިމެއްކަމަށް ބުނެ ދީނީ ޔޯލަ ނެރެޓިވްސް ނެރެމުން ގެންދަނީ ހަމަ މި ބީދައިން އިސްތިއުމާރީ ބޭނުމުގައި ކަމަށް ތާރީޚު ދިރާސާކުރައްވާ އިލްމުވެރިން ވިދާޅުވެއެވެ.

އިސްރާއީލުން ޣައްޒާގެ ކުޑަކުދިން ހައިހޫނުކަމުގައި ޖައްސާފައި --

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް އެމެރިކާ ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ގަބޫލުކުރާއިރު ސާވޭގައި ބައިވެރިވި މީހުންގެ ތެރޭގައި ފަލަސްތީނަށް ހަމްދަރުދީވާ މީހުންގެ އަދަދާއި ޔަހޫދީންނަށް ހަމްދަރުދީވާ މީހުންގެ އަދަދު ދާދި އެއްވަރެވެ.

ޔަހޫދީންނަށް ތާއީދުކުރާ އެންމެންނަކީ އިސްރާއީލަށް ތާއީދު ކުރާ މީހުންނެއް ނޫނެވެ. ޚުދު ޔަހޫދީންގެ ތެރޭގައިވެސް އިސްރާއީލާ ދެކޮޅު މީހުންނާއި ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި އިސްތިއުމާރީ ދައުލަތެއް އުފެއްދުމުގެ ޒަޔަނިސްޓު ފިކުރާ އިދިކޮޅު މީހުން ގިނައެވެ.

ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ނުބައި ފަޅި ވަނީ ދުނިޔޭގެ އެހެން މީހުންނެކޭ އެއްގޮތަށް އެމެރިކާ ރައްޔިތުންނަށްވެސް ހާމަވެފައެވެ.

އެމެރިކާއަކީ ޒަޔަނިސްޓު ޕްރޮޕަގެންޑާ ބޮޑު ގައުމެކެވެ. ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޒަޔަނިސްޓް ކުންފުނިތަކާއި އިސްރާއީލުގެ ލޮބީ ގްރޫޕްތަކުގެ ކޮންޓްރޯލާއި ބާރާއި ނުފޫޒު ވަރަށް ބޮޑު ގައުމެެކެވެ.

އެމެރިކާގެ މެއިންސްޓްރީމް މީޑީއާއަކީވެސް ޒަޔަނިސްޓް ފިކުރުގެ ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ މީޑީއާއެކެވެ. އެއާއެކުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވާ އެމެރިކާގެ ރައްޔިތުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޚާއްސަކޮށް އެމެރިކާގެ ޒުވާނުންގެ މެދުގައެވެ. އިސްރާއީލަށް ކުރިން އޮތް ތާއީދުވެސްދަނީ ވަރަށް ކުޑަވަމުންނެވެ. އެމެރިކާގެ ކުއިނިޕިއަކް ޔުނިވަސިޓީން ކުރި މި ސާވޭގެ ނަތީޖާއިންވެސް މިކަން ހާމަވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސާވޭގައި ބައިވެރިވި މީހުންގެ ތެރޭގައި ހިމެނޭ ކޮންމެ 10 މީހެއްގެ ތެރެއިން ހަ މީހުން އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅު ކަމަށް ބުނެފައިވެއެވެ. އަދި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދެކޭގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެވެ. އެހެންކަމުން މިހާލަތުގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެ ޖަރީމާއަށް ހިއްވަރުދިނުމުގެ އަމަލެކެވެ.

އެމެރިކާގެ ރައްޔިތުންނަށް މި ބަދަލު އައިނަމަވެސް، އެމެރިކާގެ ސިޔާސީ ފަރާތްތަކަށް ޔަހޫދީ މަހުޖަނުން ފަންޑުކުރާތީ އެމެރިކާގެ ސިޔާސީ މަސްރަހަށް އިސްރާއީލާ އިދިކޮޅު ބަދަލު އައުމަށް އެތަށް އަހަރުތަކެއް ނަގާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް