ޣައްޒާގެ ހައްގުގައި އަޑުއުފުލި 900 އެއްހާ މީހުން އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި

ޣައްޒާގެ ހައްގުގައި އިސްރާއީލާ ދެކޮޅަށް ލަންޑަންގައި މުޒާހަރާކުރި ބަޔަކު ހައްޔަރު ކުރަނީ

ލަންޑަން (09 ސެޕްޓެމްބަރު 2025): އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމުތަކާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލާ ދެކޮޅަށް ލަންޑަނުގައި ކުރި މުޒާހަރާއެއް ރޫޅާލައި, އެ މުޒާހަރާގައި ބައިވެރި މީހުންގެ ތެރެއިން 900 އެއްހާ މީހުން ހައްޔަރުކޮށްފިއެވެ.

ސުލްހަވެރި ގޮތެއްގައި ކުރިޔަށްދިޔަ މި މުޒާހަރާ، ބާރުގެ ބޭނުންކޮށްގެން ރޫޅާލައި 900 އެއްހާ މީހުން ހައްޔަރުކުރުމަށް ފަހު އިނގިރޭސި ފުލުހުން ބުނީ، އެ މުޒާހަރާ ކުރީ ފަލަސްތީނުގެ މިނިވަންކަމަށާއި ހައްގުތަކަށް ވާކާލާތު ކުރާ "ޕަލެސްޓީނިއަން އެކްޝަން" ގްރޫޕުން ކަމަށާއި އެއީ އިނގިރޭސިވިލާތުގައި މަނާކޮށްފައިވާ ޖަމާއަތެއް ކަމުގައެވެ.

"ޕަލެސްޓީނިއަން އެކްޝަން" ޖަމާއަތަކީ އިނގިރޭސިވިލާތުގައި މަނާ ޖަމާއަތެއް ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައެޅީ އިސްރާއީލުން ޣައްޒާގައި ހިންގާ ޓެރަރިޒަމާއި ހަނގުރާމައިގެ ޖަރީމާތަކަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ވާގިވެރިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ޖަމާއަތުގެ ބަޔަކު އިނގިރޭސި ވައިގެ ސިފައިންގެ ބޭހަކަށް ހުއްދައަކާނުލައި ވަދެ، އެ ތަނުގައި އޮތް އަސްކަރީ މަތިންދާ ބޯޓުތަކަކަށް ގެއްލުންތަކެއް ދިނުމާ ގުޅިގެންނެވެ.

"ޕަލެސްޓީނިއަން އެކްޝަން" ޖަމާއަތަށް ނިސްބަތްވާ ބަޔަކު މިދިޔަ ޖުލައި މަހު މިކަން ކުރުމުން އިނގިރޭސި ސަރުކާރުން އަދަބު ދިނީ އެ އަމަލު ހިންގި މީހުންނަށް އެކަންޏެއް ނޫނެވެ. އެ މުޅި ޖަމާއަތަށެވެ. މިކަމުގެ ބޭނުމަކީ ޣައްޒާގައި އިސްރާއީލު ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުން ހުއްޓުވުން ކަމަށް "ޕަލެސްޓީނިއަން އެކްޝަން" ޖަމާއަތުން ބުނެއެވެ.

އިނގިރޭސިވިލާތަކީ އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ ހުޅަނގުގެ ގައުމުތަކުގެ ކުރީ ސަފުގައި ހިމެނޭ ގައުމެކެވެ. މިހާރު ވެސް ޣައްޒާގައި އިސްރާއީލު ހިންގާ އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ޖާސޫސީ މައުލޫމާތު އިނގިރޭސިވިލާތުން ފޯރުކޮށްދެއެވެ. އަދި، އިސްރާއީލަށް ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދެއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެންނާއި ބޮންއަޅައިގެން މަރަމުން ގެންދާއިރު އިސްރާއީލުގެ އަސްކަރިއްޔާއަށް އެހީތެރިވުމަކީ އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި އިނގިރޭސިވިލާތް ބައިވެރިވުންކަމަށް "ޕަލެސްޓީނިއަން އެކްޝަން" ޖަމާއަތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

ލަންޑަންގައި އިއްޔެ ކުރި މުޒާހަރާ، ބާރުގެ ބޭނުންކޮށްގެން ރޫޅާލައި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރީ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އުފުލާ އަޑުތައް ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް "ޕަލެސްޓީނިއަން އެކްޝަން" ޖަމާއަތުން ބުނެއެވެ.

އިނގިރޭސި މީޑިއާ ބުނާގޮތުން ލަންޑަންގައި ހުންނަ އިނގިރޭސި ޕާލަމެންޓްގެ ކައިރީގައި ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 890 މީހުން ހައްޔަރުކޮށް އިނގިރޭސި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިއީ މިހާތަނަށް އެއް މުޒާހަރާއެއްގައި މިހާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކުރި ފުރަތަމަ ފަހަރުކަމަށް އިނގިރޭސި މީޑިއާ ބުނެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ އުމުރުން 60 އަހަރުން މަތީ މީހުންނެވެ. މީގެ ތެރެއިން 857 މީހުންނަކީ "ޕަލެސްޓީނިއަން އެކްޝަން" ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށާއި އެ މީހުން ހައްޔަރުކުރަން ޖެހުނީ މަނާކޮށްފައިވާ ޖަމާއަތަކަށް ނިސްބަތްވާތީ ކަމަށް އިނގިރޭސި ފުލުހުން ބުނެފައިވެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތަކީ ވެސް ޔަހޫދީ ޒަޔަނިސްޓުންގެ ބާރާއި ނުފޫޒު ވަރަށް ގަދަ ގައުމެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުގެ ގަތުލުއާންމުތައް އިނގިރޭސިވިލާތުގެ މީޑިއާތަކުން އަދި ޚާއްސަކޮށް ބީބީސީން ގެނެސްދެނީ އިސްރާއީލު ކޮޅަށް ޖެހި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ކުށްވެރިވާ ގޮތަށެވެ. އަދި، ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށް ވެސް ސިފަވާގޮތަށެވެ.

މިހެންވަނީ އިނގިރޭސި މީޑީއާއަކީ ހުޅަނގުގެ އެހެން މީޑިއާތަކެކޭ އެއްގޮތަށް ޔަހޫދީ ޒަޔަނިސްޓް މަހުޖަނުން ކޮންޓްރޯލް ކުރާ މީޑީއާއަކަށްވާތީ ކަމަށް އިނގިރޭސިވިލާތުގެ މުސްތަގިއްލު ނޫސްވެރިން ސިފަކުރެއެވެ.

އިނގިރޭސިވިލާތުންވަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް ފަސްޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުން ލަންޑަންގައި އިސްރާއީލާ ދެކޮޅަށް އިއްޔެކުރި މުޒާހަރާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ "ޑިފެންޑް އަވާ ޖޫރީސް" ކިޔާ ހަރަކާތަކުންނެވެ. މި ހަރަކާތް ބުނާގޮތުން "ޕަލަސްޓީނިއަން އެކްޝަން" ޖަމާއަތް މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަންދެން އެ ހަރަކާތުގެ އެކްޓިވިސްޓުން ތަންތަނަށް އެއްވެ، މަދަނީ ބަސްނޭހުމުގެ ޙަރަކާތްތައް ހިންގަމުން ގެންދާނެއެވެ.

comment ކޮމެންޓް