ބީއެމްއެލުން 153 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 153 މިލިއަން ދިވެހި ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

ގާތްގަނޑަކަށް 28،000 އަކަފޫޓްގެ މި ބިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގަތުމުގެ މުއާމަލާތް މިދިޔަ ހަފުތާގައިވަނީ ކޯޓު މެދުވެރިކޮށް ނިންމާފައެވެ. ބޭންކުން އެ ބިން ގަނެފައިވަނީ 153،938،394 ރުފިޔާއަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްޣަފޫރު ކުރި ހުކުމަކުން ހުޅުމާލޭގެ 11824 ނަންބަރު ލޮޓުގެ ރަޖިސްޓްރީ މިހާރު ވަނީ ބީއެމްއެލްގެ ނަމަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގައި ބޭންކުން ވަނީ ކޯޓު މެދުވެރިކޮށް، ހުޅުމާލޭ ފޭސް ދެއަކުން 15،000 އަކަފޫޓުގެ ބިމެއް ލާޖައްސައި ބަދަލުކޮށްފައެވެ. ހުޅުމާލޭ ފޭސް ދޭއްގެ ބިމުގެ އިތުރުން ލާ ޖައްސައި ބަދަލުކޮށްފައިވަނީ އެޗްޑީސީގެ ނަމުގައި ފޭސް އެކެއްގައި އޮތް ބިމެކެވެ. މި މައްސަލަ ވެސް ކޯޓުން ނިންމާފައިވަނީ ގާޒީ އަޒްފާއެވެ. ދެ މައްސަލަވެސް ނިންމީ މިދިޔަ ބުދަ ދުވަހެވެ.

ބީއެމްއެލްއިން 153 މިލިއަން ރުފިޔާއަށް ހުޅުމާލޭން ބިމެއް ގަނެފައިވާއިރު، މަރުކަޒީ ބޭންކް އެމްއެމްއޭއިން ވެސް ވަނީ މި ފަހުން ހުޅުމާލޭން ބިމެއް ގަނެފައެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލެއިން ގަތީ، ގާތްގަނޑަކަށް 211 މިލިއަން ރުފިޔާއަށް 43،401 އަކަފޫޓުގެ ބިމެކެވެ.

އޭގެ ކުރީ އަހަރު ވެސް ހަމަ އެ އަގަށް އެމްއެމްއޭއިން ވަނީ ހުޅުމާލެއިން ބިމެއް ގަނެފައެވެ.

އެމްއެމްއޭއިން ގަތް ބިން އޮންނަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ސެންޓްރަލް ޕާކުގެ ހުޅަނގަށް ވާގޮތަށް، ކޭ ޕާކު ފްލެޓުތަކާ ޖެހިގެންނެވެ. ހުޅުމާލޭގެ ދެ ބިމެއް ހިމެނޭ ގޮތަށް ބޮޑު ބިމެއް އެމްއެމްއޭއިން ގަތީ އެ އިދާރާގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރުމަށްޓަކައެވެ.

comment ކޮމެންޓް