މިފްކޯއިން، ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފި

މިފްކޯއިން، ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފި: މިފްކޯގެ ބޯޓު ފުވައްމުލަކަށް ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު -- ފޮޓޯ/ މިފްކޯ

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން، ފުވައްމުލަކު ސިޓީން މިއަދު މަސް ގަންނަން ފަށައިފިއެވެ.

މިފްކޯއިން މިރޭ ކުރި އިއުލާނެއްގައި ބުނީ މިމަހު އެ ކުންފުނީގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކޮށް އެ ސިޓީން މަސް ގަންނާނެކަމަށް ވައުދުވެވަޑައިގެންނެވި ފަދައިން މިފްކޯގެ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކަށް ބަނދަރުކުރި ކަމަށެވެ. އަދި މިއަދު މަސްގަންނަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުވައްމުލަކު ސިޓީގައި، މިފްކޯއިން ހަދަން ފަށާފައިވާ މަސް ޕްރޮސެސް ކުރާ މަރުކަޒުގެ މަސައްކަތް ނިންމާ މިއަހަރު ތެރޭގައި ޚިދުމަތްދޭން ފަށައި، ޕްރޮސެސް ކޮށްފައި ހުންނަ މަސް ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

https://sun.mv/209909

ރާއްޖޭގެ އެކި ހިސާބުތަކުގެ މަސްވެރިން ބާނާމަސް ވިއްކުމުމުގައި، ޒަމާނުންސުރެ ދަތިތަކެއް ހުންނަކަން މަސްވެރިން ފާހަގަކުރެއެވެ. ސަބަބަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ކިރުވޭނެ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައި ނެތުމެވެ.

މި މައްސަލަތަކަށް ހައްލު ހޯދުމަށް އެކި ސަރަހައްދުތަކުން މަސް ގަނެވޭނެ، އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އެގޮތުން އައްޑޫން ގަންނަ މަސް ހުވަދުއަށް ނުގެންގޮސް ސީދާ އައްޑޫން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފަށަން ރާވާފައިވާ ކަމަށާއި، އެ ސިޓީގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް މީގެ ހަފުތާއެއް ކުރިން މިފްކޯއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް