ކަންގަނާގެ 2 ފިލްމެއްގެ ސީކުއަލްގެ މަސައްކަތް ނޮވެންބަރުގައި

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ ކެރިއަރުގެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ކުއީން" އަދި "ތަނޫ ވެޑްސް މަނޫ"ގެ މަސައްކަތް މި އަހަރުގެ ނޮވެންބަރު މަސް ތެރޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ފިލްމު "ކުއީން"ގެ ސީކުއަލް ކަމަށްވާ "ކުއީން 2"ގެ ވަރަށް ގިނަ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

ލަންޑަންގައި ކުރިއަށްގެންދާ ޝޫޓިން ޝެޑިއުލްގެ ލޮކޭޝަންތައް ނިންމުމުގެ މަސައްކަތް ފިލްމުގެ ޑައިރެކްޓަރު ވިކާސް ބަލް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ބަތަލާ ކަންގަނާ ފިލްމު "ކުއީން"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ފިލްމު "ކުއީން"ގައި ކަންގަނާ ކުޅުނު ރޯލުން ބަތަލާއަށް ނެޝަނަލް އެވޯޑު ވެސް ކާމިޔާބުކޮށްދިންއިރު އެއީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. އެ ފިލްމަށް ލިބުނު މަގުބޫލުކަމާ ގުޅިގެން ޑައިރެކްޓަރު ވިކާސް ބަލް މިހާތަނަށް ވެސް ބުނަމުން އައީ ބަތަލާ ނުލައި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާރް މާދްވަންއާ އެކު ކަންގަނާ ލީޑް ރޯލް ކުޅުނު ފިލްމު "ތަނޫ ވެޑްސް މަނޫ"ގެ ދެ ފިލްމެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު އެ ފްރެންޗައިސްގެ ތިންވަނަ ފިލްމުގެ މަސައްކަތް ވެސް ނޮވެންބަރު މަހުތެރޭ ފަށަން އަންނަނީ ރާވަމުންނެވެ.

ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި ނޮވެންބަރު މަހު ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތްތައް ފަށައި ފިލްމުގެ ޝޫޓިންގް ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

މި ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ތެރެ އިޝްގް މޭ"ގެ މަސައްކަތް ނިންމާލުމަށްފަހު ދެން މަޝްއޫލުވެ އުޅޭނީ ކަންގަނާގެ ފިލްމުގެ މަސައްކަތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމީ ދާއިރާގެ އިތުރުން ދާދިފަހުން ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ ކަންގަނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ޕޮލިޓިކަލް ޑްރާމާ "އިމަޖެންސީ"އިންނެވެ.

comment ކޮމެންޓް