ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.
ބުދަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ތިން މީހުންނެވެ. އެއީ، ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުން ވެސް ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި އޮޕަރޭޝަނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.