މޫސުން އެހާ ގޯސް ނޫން ނަމަވެސް މި ހަފުތާ ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ.
'ސަން' އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ވެސް މޫސުން އެހާ ގޯހެއް ނޫން ކަމަށެވެ. ނަމަވެސް، އުތުރާއި މެދުރާއްޖެ ތެރެއަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެއެވެ.
މެޓް އޮފީހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު 18:00އާ ހަމައަށް ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
އެހެންނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވީމާ، ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އދ. މަހިބަދޫއަށެވެ. އެ ރަށަށް 39.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ އދ. މާމިނގިއްޔަށެވެ. އެ ރަށަށް ވަނީ 24.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވިލާގަނޑުގައި އެންމެ ވައިގަދަވީ ހދ. ކުޅުދުއްފުށްޓަށާއި ހދ. ހަނިމާދޫއަށެވެ. އެގޮތުން 45 މޭލު ބާރުމިނުގައި އެ ދެ ރަށަށް ވަނީ ވައި ޖެހިފައިވެއެވެ.