މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން ރިޕޯޓުކުރީ އޮގަސްޓް 14 ވަނަ ދުވަހުގެ ރޭ 2:20 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި ބަންގްލަދޭޝް މީހަކު، ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި، އަނިޔާކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދެ މީހުން ވެސް ހައްޔަރުކުރީ ސީނުން ކަމަށް ފުލުހުން ބުންޏެވެ. އަދި، ދެ މީހުންނަކީ ވެސް އެ ރަހީނުކުރުމާއި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން: ދެ މީހުންގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހާފައި -- ފޮޓޯ/ ފުލުހުން
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންނަކީ ވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު ދެ މީހުންނެވެ. އިއްޔެ ކްރިމިނަލް ކޯޓަށް ދެ މީހުން ހާޒިރުކުރީ ބަންދުގެ މުއްދަތު އިތުރުކުރާށެވެ. އެކަމަކު، ކުރިން ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
އެ މީހުން ރަހީނުކުރި މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ދެ މީހުންނާ ދެކޮޅަށް ސީންގެ ފޮޓޯއާއި އަނިޔާ ލިބުނު މީހާގެ ފޮޓޯ ވެސް ފުލުހުން ވަނީ ހުށަހަޅާފައެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ނިންމާފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.