ބްރިޓަންސް ގޮޓް ޓެލެންޓުގެ އޮޑިޝަންތަކުގައި ބައިވެރިވުމަށް ދިވެހި ބޭންޑު، ޓޫ އޮފް އަސްއަށް ކޮންސިއާޖް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ސްޕޮންސާ ދީފިއެވެ.
އެ މުބާރާތުގައި ވާދަކުރަން ޓޫ އޮފް އަސްއިން ފުރާނީ އަންނަ ހަފުތާގައެވެ.
ކޮންސިއާޖް ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އިމްރާން ރުޝްދީ 'ސަން'އަށް ވިދާޅުވީ، އެ ބޭންޑަށް ސްޕޮންސާ ދިނުމަށް ނިންމީ ޓޫ އޮފް އަސްއަކީ ރާއްޖެ ތަމްސީލުކޮށް، ރީތި ނަން ހޯދައިދޭން މަސައްކަތް ކުރާ ބޭންޑަކަށް ވާތީ ކަމަށެވެ. އަދި އެކަމުގައި ޝާމިލުވެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ރިކުއެސްޓު ކުރީމައި އަޅުގަނޑުމެން ހިތަށް އެރީ ދިވެހި ރާއްޖޭގެ ނަން ފަވާލަން މަސައްކަތް ކުރާ ބަޔަކަށް އެސިސްޓުކޮށްދޭނަމޭ އަޅުގަނޑުމެންނަށް ވީވަރަކުން،" އޭނާ ވިދާޅުވިއެވެ.
އެ ބޭންޑުން އިންޓަނޭޝަނަލް އެކި ޕްލެޓްފޯމުތަކުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ރީތި ނަމެއް ކަން ފާހަގަކުރައްވައި، އިސްމާއީލް ވިދާޅުވީ ދިވެހީން އެ ބޭންޑަށް ތަރުހީބު ކުރަން ޖެހޭ ކަމަށެވެ.
ބްރިޓަންސް ގޮޓް ޓެލެންޓުގެ އިތުރަށް އިންޑިއާސް ގޮޓް ޓެލެންޓުގައި ބައިވެރިވާން ވެސް ކޮންސިއާޖް ގުރޫޕުން ވަނީ ޓޫ އޮފް އަސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޓޫ އޮފް އަސް ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އަދުހަމް: އެ ގުރޫޕަށް ވަނީ ކޮންސިއާޖް ގްރޫޕުގެ ސްޕޮންސާއެއް ލިބިފައި --- ސަން ފޮޓޯ/ މޫސާ ނަދީމް
އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓޫ އޮފް އަސްގެ މެންބަރުންނަކީ ވަރަށް ގުޅިގެން މަސައްކަތްކުރާ މެންބަރުން ހިމެނޭ ބޭންޑެކެވެ.
ކޮންސިއާޖް ގުރޫޕަކީ ލޮޖިސްޓިކްސްއާއި މުދާ އުފުލުމާއި ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ކުންފުންޏެވެ. އެގޮތުން، ރާއްޖޭގައި ބަޓިކް އެއާ މެލޭޝިއާގެ ޖެނެރަލް ސާވިސް އޭޖެންޓަކީ ވެސް އެ ކުންފުންޏެވެ.
މީގެ އިތުރުން އެ ކުންފުނިން ސްކޫލުތަކާއި އިދާރާތަކާ ޕާޓްނާޝިޕްތައް ހަދައިގެން ޓެރެވެލް އެންޑް ޓިކެޓިން ޚިދުމަތްތައް ފޯރުކޮށްދެއެވެ.
އިންޑިއާސް ގޮޓް ޓެލެންޓް ސީޒަން 11އިގެ ލައިވް އޮޑިޝަންތަކުގައި ބައިވެރިވުމަށް ޓޫ އޮފް އަސްއިން މިމަހު އަށެއްގައި އެ ގައުމަށް ދިޔައެވެ. އޭރު އެ ބޭންޑު އޮތީ ބްރިޓަންސް ގޮޓް ޓެލެންޓުގެ 19ވަނަ ސީޒަންގައި ބައިވެރިވުމަށް ޝޯޓް ލިސްޓުކޮށްފައެވެ.
އިންޑިއާސް ގޮޓް ޓެލެންޓުގެ އޮޑިޝަނަށް ފަހު، އެ މުބާރާތާއި ބްރިޓަންސް ގޮޓް ޓެލެންޓުގެ ކުރިއަށް ހުރި ބުރުތައް އެއް ތާރީޚަކާ ދިމާވާތީ އެއް މުބާރާތެއް އިޚުތިޔާރު ކުރަން ބޭންޑަށް ފުރުސަތު ދިނެވެ. އެ ބޭންޑުން އިޚްތިޔާރުކުރީ ބްރިޓަންސް ގޮޓް ޓެލެންޓުގައި ރާއްޖެ ތަމްސީލު ކުރުމަށެވެ.
މީގެކުރިން އެބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ބުނީ، ބްރިޓަންސް ގޮޓް ޓެލެންޓުގައި ވާދަކުރަން ނިންމީ މުބާރާތުން ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދުކުރާތީ ކަމަށެވެ.
އެ މުބާރާތުގައި ދިވެހި ލަވަ ކުޅުމަށް ފުރުސަތު ލިބޭ ވަރަކުން ދިވެހި ލަވަ ހުށަހަޅާނެ ކަމަށާއި އެއީ، ރާއްޖޭގެ ލަވަތައް ޕްރޮމޯޓުކުރުމަށް ކަމަށް އަދުހަމް ބުންޏެވެ.
ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ އަދުހަމްގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ.
މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދުމަށްފަހު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ.