ޒުވާން ގައުމީ ފުޓުބޯޅަ ޓީމުން ވިދާލުމަށްފަހު ދާދިފަހުން އެކުލަވާލި ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުން ފުރުސަތު ހޯދި ހަސަން ރާއިދު، ނިއު ރޭޑިއަންޓާ ގުޅެން ނިންމައިފިއެވެ.
އުމުރުން 20 އަހަރުގެ ރާއިދު، މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަނީ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ލަންކާ ގައުމީ ޓީމާއެކު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕުގެ ދެ މެޗަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ރާއިދަކީ އެންމެ ޒުވާން އެއް ކުޅުންތެރިޔާއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއިދު ވަނީ ނިއުގައި ތިން އަހަރު ދުވަހަށް ހުންނަން ނިންމައިފައެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ރާއިދު ނިސްބަތްވަނީ ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިންތަކެއް ނިސްބަތްވާ ފ. ނިލަންދުއަށެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ރާއިދަކީ ނިލަންދޫގެ ފުޓުބޯޅައިގެ މުސްތަގުބަލެވެ.
އަންވަރު އަލީ، ފަރުހާދު އިސްމާއީލް ފަދަ ކުޅުންތެރިންނަކީ ގައުމީ ފުޓުބޯޅަ ޓީމާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފ. ނިލަންދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް, އަލީ އަޝްފާޤު (ދަގަނޑޭ) އާއެކު އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުޙައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާންގެ އިތުރުން ހަސަން ރާއިފް އަޙްމަދު (ހަންނަ) ވެސް ވަނީ ދާދިފަހުން ސޮއިކޮށްފައެވެ.
ޓީމުގެ ކޯޗު އަލީ ސުޒެއިން އާއެކު އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާނީ އާފިއު ޢަބްދުލްޙަމީދު އާއި މުހައްމަދު ފައިސަލް (ކަޓޭ) އެވެ.