500އެއްހާ ފެން ކޭހާއެކު ކުޅުދުއްފުށިން ނުކުތް ބޯޓެއްގެ އިންޖީނު ހުއްޓި، ފަރަށް އަރައިފި

ކުޅުދުއްފުށީ ފަރަށް އެރި ބޯޓު: އެބޯޓު ފަރަށް އެރީ އިންޖީނު ހުއްޓިގެން ---- ފޮޓޯ/ އަސްލަމް އަބްދުއްރަހީމް

ހދ. ކުޅުދުއްފުށިން ފެން ކޭސްތަކެއް ބަރުކޮށްގެން ނުކުތް ބޯޓެއް، މިއަދު އެ ރަށު ފަރަށް އަރައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލް މެންބަރު އިބްރާހީމް އަހުމަދު 'ސަން'އަށް ވިދާޅުވީ، އެ ބޯޓު ފަރަށް އެރީ 15:30ހާއިރު އެ ރަށު ބަނދަރުން ނުކުތްތަނާ އިންޖީނު ހުއްޓިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން، ބޯޓު ފަރަށް އަރާފައި އޮތީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތުން ކަމަށާއި ބޯޓު ފުންކުރުމަށް އެމްއެންޑީއެފުން އެހީތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ފަރަށް އެރި ބޯޓު: އެބޯޓު ފަރަށް އެރީ އިންޖީނު ހުއްޓިގެން ---- ފޮޓޯ/ އަސްލަމް އަބްދުއްރަހީމް

އިބްރާހީމް ވިދާޅުވީ އެ ބޯޓަކީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ބޯޓެއް ކަމަށާއި ފަރަށް އެރި ވަގުތު ބޯޓުގައި ހުރީ އެރަށުން އެރުވި 500 އެއްހާ ފެން ކޭސް ކަމަށެވެ. އަދި، އެ ބޯޓުގައި ފަރަށް އެރި ވަގުތު ފަސިންޖަރުން ނެތް ކަމަށާއި ލަފާކުރެވޭ ގޮތުގައި ތިބީ ހަތަރު ފަޅުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބޯޓު ކޮންމެވެސް ވަރަކަށް އިންޖީނު މައްސަލަ ދިމާވާތީއޭ އަޅުގަނޑަށް މައުލޫމާތު ލިބުނީ ކުޅުދުއްފުއްޓަށް ވަނީވެސް. މިއަދު ފުރަމުން 500 ވަރަކަށް ފެން ކޭސް އެރުވި ކަމަށް ޚަބަރު ލިބޭ. އެބަހުރި ފެންނަން ވެސް،" އޭނާ ވިދާޅުވިއެވެ.

އެ ބޯޓު ފުންކުރުމަށް އެ ރަށު ބަނދަރުގައި އޮތް ޓަގެއް ނެރެގެން ވައު ޖަހައިގެން ގަޑިއިރެއްހާއިރު މަސައްކަތް ކުރިކަން އިބްރާހީމް ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެކަން ކާމިިޔާބުނުވެ، ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް