ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޕްރޮމޯޓުކޮށް، އެ މަގާމުގައި ކުރިން އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބޮޑު ޖޫރިމަނާއަކާއެކު ތިންވަނަ ޑިވިޝަނަށް ރެލިގޭޓުކޮށްފިއެވެ.
މިކަން ހާމަކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބަޔާނެއް ނެރެފައެވެ. މިގޮތަށް ނިންމާފައިވަނީ އެފްއޭއެމުގެ އެކްސްކޯ ބައްދަލުވުމުގައެވެ.
ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރެވޭނެކަން ސަސްއިން އެފްއޭއެމަށް އެންގީ މިމަހުގެ 23 ވަނަ ދުވަހެވެ. ސަބަބެއްގެ ގޮތުން ބުނެފައިވަނީ މާލީ ހާލަތު ދަށްވުމެވެ. އެއާއެކު އެފްއޭއެމުން އޭރު ވަނީ އެ ކުލަބަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
އެފްއޭއެމް ހިންގާ ކޮމިޓީން ނިންމާފައިވަނީ ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިންވަނަ ޑިވިޝަނަށް ރެލިގޭޓުކުރުމަށެެވެ.
ގަވާއިދުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު މުބާރާތުން ވަކިވި ޓީމެއްގެ ޖާގަައަށް, އެ ރީޖަނަލް ލީގުގެ އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް ހިންގާ ކޮމިޓީން ގޮތެއް ނިންމަންވާނެއެވެ.
އެންމެފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ.
އެފްއޭއެމުން ބުނީ މިދިޔަ ދެވަނަ ޑިވިޝަނުގެ ސެމީގައި ކުޅުނު ނިއު އާއި ޓެންޓް ސްޕޯޓްސްއިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާއިން ވެސް ޔަގީންކުރުމަށް ފަހު ނިއުއަށް ތިންވަނަ ޓީމުގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.
އެއާއެކު އަންނަ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވަނީ ކަށަވަރުވެފައެވެ. އެ ކުލަބުން އަންނަނީ އައު ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ އަލީ އަަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ފަދަ ކުޅުންތެރިން ވަނީ ނިއުއަށް ގެނެސްފައެވެ. ޓީމުގެ ކޯޗަކީ އަލީ ސުޒެއިންއެވެ.