ފިލްމު 'ޕަރަމް ސުންދަރީ' މި ތާރީޚުގައި އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށާނެ

ފިލްމު "ޕަރަމް ސުންދަރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާގެ ފިލްމު "ޕަރަމް ސުންދަރީ" އަންނަ އޮކްޓޯބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމް ފަށާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމު ގެނެސްދިން މެޑްޑޮކް ފިލްމްސްއިން އެކަން އިއުލާނުކުރަމުން ބުނެފައި ވަނީ އެ ނިންމުމަކީ ފިލްމު ރިލީޒްކުރުމުގެ މާކުރިން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަންނަ މަހު ތެރޭ ފިލްމު އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރަން ފަށާނީ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާތާ އަށް ހަފްތާ ފަހުން ކަމަށް މެޑްޑޮކް ފިލްމްސްއިން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ސީދާ ކޮން ތަރީޚެއްކަން އިއުލާނުކޮށްފައެއް ނުވެއެވެ.

ފިލްމު "ޕަރަމް ސުންދަރީ"ގެ މަންޒަރެއްގައި ސިދާތު އަދި ޖާންވީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިހާތަނަށް ފިލްމަށް ލިބެމުން އަންނަ ރިވިއުސްތަކަށް ބަލާލާއިރު ފިލްމުގެ މިއުޒިކުން ގެނެސްދިން ޖާދޫ "ޕަރަމް ސުންދަރީ"ގައި ގެނެސްދިން ވާހަކައިން ފެނިފައިނުވާ ކަމަށް ބައެއް ބެލުންތެރިން ވަނީ ބުނެފައެވެ.

މި ފިލްމަކީ މިހާތަނަށް ބަތަލާ ޖާންވީ ކަޕޫރު ކުޅުނު ފިލްމުތަކުގެ ތެރެއިން ބަތަލާގެ އެންމެ ފެންވަރު ރަނގަޅު ޕާފޮމެންސެއް ފެނުނު ފިލްމު ކަމަށާއި ނަމަވެސް ސިދާތުގެ ކެރެކްޓާ އެކްޓަރު ގެނެސްދީފައި ވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ފިލްމު ބެލި ބައެއް ބެލުންތެރިން ބުނެފައިވެއެވެ.

ފިލްމު "ޕަތަމް ސުންދަރީ"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ގެނެސްދިން ރޮމޭންޓިކް ކޮމެޑީއެކެވެ.

އިންޑިއާގެ ތަފާތު ދެ ސްޓޭޓަކަށް ނިސްބަތްވާ ދެ ޒުވާނުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމާ އެކު ކުރިމަތިލާންޖެހޭ ވަރަށް ވަރުގަދަ އިމްތިހާނުތަކެއް ފިލްމުން ފެންނައިރު ފިލްމުގައި ހެއްވާ މަޖާ ގިނަ ހާދިސާތަކެއް ވަނީ ހިމަނާފައެވެ. މިއީ ސިދާތު އާއި ޖާންވީ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް