ޕާކިސްތާނާ ބޯޑަރާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގެ ނަންގަރްހާރާއި ކުނާރު ޕްރޮވިންސަށް 6.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
އެ ހާދިސާގައި މިހާތަނަށް 20 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ޒަޚަމްވި 115 އަށްވުރެ ގިނަ މީހުން ނަންގަހާރާއި ކުނާރު ޕްރޮވިންސްގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުން އައިސްފައިވާއިރު، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް އެ ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި އަށް ކިލޯމީޓަރު (ފަސް މޭލު) އަޑިއަށް އެ ބިންހެލުން އައިސްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ އަފްޣާނިސްތާނު ގަޑިން 23:47 (19:17 ޖީއެމްޓީ) ގައެވެ. އޭގެ ފަހުން 4.5 އާއި 5.2 މެގްނިޓިއުޑް ބާރުމިނުގައި ގާތްގަނޑަކަށް ތިން އަފްޓާޝޮކެއް އައިސްފައިވެއެވެ.
ބިންހެލުން އައި ސަރަހައްދާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިތުރުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވެސް ބިންހެލުމުގެ އަސަރުކުރި ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
ވެރިކަންކުރާ ތާލިބާން ސަރުކާރުން ބުނި ގޮތުގައި ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ. އެހެންވެ، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު ވެސް އަދި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެއެވެ.
ފަރުބަދަމަތީ ސަރަހައްދުތަކުގައި ސަލާމަތީ މަސައްކަތްތަކަށް އެހީތެރިވުމަށް ތާލިބާނުންގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެހީދޭ ޖަމިއްޔާތަކަށް އިލްތިމާސްކޮށްފައެވެ.
އަފްޣާނިސްތާނަކީ އިންޑިއާ އާއި ޔޫރޭޝިއާގެ ޓެކްޓޮނިކް ޕްލޭޓްތައް ގުޅޭ ގިނަ އަދަދެއްގެ ފޯލްޓް ލައިންތަކުގެ މަތީގައި އޮންނަ ގައުމަކަށް ވާތީ ބިންހެލުންތައް އައުމަކީ ވަރަށް އާންމު ކަމެކެވެ.
ދެހާސް ބާވީސްވަނަ އަހަރު އަފްޣާނިސްތާނުގެ އިރުމައްޗަށް 5.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސް ގާތްގަޑަކަށް 1،000 މީހުން މަރުވެ އިތުރު 3،000 މީހުން ޒަހަމްވެފައިވެއެވެ.