ފުވައްމުލަކުން އަޙްމަދު ސާއިލު އަލީ
"ތަފާތު", "ރީތި",
މި ދެބަހަށް ވުރެ ވަކިން ބޮޑަށް ފުވައްމުލައް ސިފަކޮށްދެވޭނެ އެހެން ގޮތެއް ނޯންނާނެއެވެ. މި ރަށުގެ ގުދުރަތީ ރީތިކަމުން ފެށިގެން ގޮސް ގިނަ ކަންކަން ހަމަ ވަރަށް ރީތިވެފައި ތަފާތެވެ. މުޅި ދުނިޔެއަށް ސުވަރުގެއެއް ފަދައިން މަޝްހޫރުވެފައިވާ މި ރާއްޖޭގެ އެހެން ރަށްތަކާ މުޅިން ތަފާތުކޮށް އުފެދިފައިވާ މި ރަށުން ހޯދެން އޮތް ނަފާ ވަރަށް ގިނައެވެ. ނަމަވެސް، އެކަން ނުވެ މި އޮތީ ހަމަ ދެތިން ކަމެއް ނުކުރެވިގެންނެވެ.
އައްޑުއާއި ހުވަދުއާ ދެމެދުގައި ވަރަށް އެކަހެރިކޮށް, މުޅިން ވަކި އަތޮޅެއް ގޮތަށް މި އޮންނަ ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ފެހިކަން ގަދަ އެއް ރަށެވެ. ގިނަ ބަޔަކަށް ކުރިން, މި ރަށުގެ ތަފާތުކަން އެންމެ ބޮޑަށް ފާހަގަވަނީ, މި އޮންނަ ރީތި, މީރު ފެން ދެ ކުޅި ކަމަށްވާ, ބަންޑާރަ ކިޅިއާއި ދަނޑިމަގު ކިޅީގެ ސަބަބުންނެވެ. ހަމައެއާއެކު ރަށުގެ ގިނަ ހިސާބުތަކެއްގައި ޗަސްބިން އޮންނާތީއާ އެކު ވަރަށް ފަސޭހައިން ހެއްދޭ, އަލައާއި ކައްޓަލަފަދަ ފަލަމަޑީގެ ބާވަތްތަކުގެ ސަބަބުންނެވެ. އެހެންކަމުން ޒަމާނުއްސުރެ ފުވައްމުލަކަކީ ރާއްޖޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު ކެއިންބުއިމުގެ ކަންކަން ވަރަށް ތަފާތު ރަށެކެވެ. ހަމައެއާއެކު ތާރީހީ އެތައް ތަނެކެވެ. ދިވެހީންނަށް ފުވައްމުލައް ޚާއްސަ ވަނީ މިފަދަ ތަފާތުތަކުގެ ސަބަބުންނެވެ.

ފުވައްމުލަކު ކުޅިއެއްގައި ކުދިންތަކެއް ޑިންގީ ޖަހަނީ-- ފޮޓޯ: އިބްރާހީމް އަސްއަދު/ އަސަދު ފޮޓޯ
މި ތަފާތުތަކަށް އިތުރު ބޮޅެއް އިތުރުވެފައިވަނީ މީގެ ނުވަ ވަރަކަށް އަހަރު ކުރިން މި ރަށަށް ޓޫރިޒަމް ތައާރަފުވުމާ އެކުއެވެ. މުޅި ރާއްޖެ އެ އިންޑަސްޓްރީއަކުން ބޮޑު ނަފާއެއް ހޯދާ ޓޫރިޒަމް މި ރީތި ރަށަށް އަދި ވަރަށް ހަގެވެ. މި ރަށުގެ މީހުންނަށް ކުރިން ފެންނަނީ ސަފާރީތަކުން ރަށު ބޭރުގައި މަޑުކޮށްގެން ތިބެފައި ދާ މަންޒަރެވެ. އެ ކަމަށް އެތައް ޒަމާނެއްވީއިރު ވެސް އެ ކުރަނީ ކޮންކަމެއް ކަމާއި އެކަމުން ރަށަށް ނަފާއެއް ހޯދެން އޮތީ ކިހިނެއް ކަމެއް އޭރު އޮތީ ނުވިސްނައެވެ.
ނަމަވެސް، މީގެ ނުވަ ވަރަކަށް އަހަރު ކުރިން ފުވައްމުލަކުގައި ޑައިވް ސެންޓަރުތައް ހަދައި, ޚާއްސަކޮށް ކޮވިޑްގެ ފަހުން މި ވަނީ ޓޫރިޒަމް ވަރަށް ފުޅާކުރަން ފަށައިފައެވެ. އެކަން ކުރަނީ އަމިއްލަ މީހުންނެވެ. ގުރުބާން ވަނީ ވެސް, ރިސްކު ނަގަނީ ވެސް އެ ވިޔަފާރިވެރިންނެވެ.
ފުވައްމުލަކު ވަށައިގެން އެތަކެއް ޑައިވް ޕޮއިންޓްތަކެއް އެބަހުއްޓެވެ. ދޯނީގައި ބަނދަރުން ނުކުމެގެން ގޮސް އެއް މިނެޓު ތެރޭގައި އެ ޕޮއިންޓްތަކަށް ދެވެއެވެ. ފުވައްމުލަކުގެ ޑައިވް ޕޮއިންޓްތަކުގެ ޚާއްސަ ކަމަކީ, މިއީ އަހަރުގެ ކޮންމެ އިރަކު ވެސް ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން އާއްމުކޮށް ނުފެންނަ ވައްތަރުގެ މިޔަރު ފެންނަ ޕޮއިންޓްތަކަކަށް ވުމެވެ. އޭގެ ތެރޭގައި ޓައިގާ ޝާކާއި ސިލްވާ ޓިޕް ޝާކާއި ހެމާ ހެޑް ޝާކާއި ތްރެޝާ ޝާކުގެ އިތުރުން ވޭލް ޝާކް ވެސް ހިމެނެއެވެ. މީގެ ތެރެއިން ޓައިގާ ޝާކް ބަލާލަން ޑައިވްކޮށްލަން ޖެހެނީ އެންމެ 10 ވަރަކަށް މީޓަރަށެވެ.
ގިނަ މީހުން ބިރުގަންނަ މިޔަރަކީ, ފުވައްމުލަކުގެ ބޮޑު ނަސީބެވެ. މި ރަށަށް ޑޮލަރު އޮއްސަމުން އަންނަ ސަބަބެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި މި ރަށުގައި 27 ގެސްޓްހައުސްއެއް ހަދައި ހިންގަމުން އެބަދެއެވެ. އޭގެ ތެރޭގައި ވަރަށް ޒަމާނީ ފެންވަރަކަށް ހަދާފައިވާ ގެސްޓްހައުސްތައް ވެސް ހިމެނެއެވެ. އަދި، ޓޫރިސްޓް ބެޑް ކެޕޭސިޓީ އުޅެނީ 200 އިން މަތީގައެވެ. މި ރަށުގައި 12 ވަރަކަށް ޑައިވް ސެންޓަރު އެބަ ހިންގައެވެ. އަދި، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި އިތުރު ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތައް ވިޔަފާރިއަށް ނުކުންނަން އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ފުވައްމުލަކު ބޭރުގައި ޓޫރިސްޓަކު މިޔަރާއެކު ޑައިވް ކުރަނީ-- ފޮޓޯ: ހަސަން ސާމިރު
މި ރަށުގައި ޓޫރިޒަމް ވިޔަފާރި ކުރާ މީހުންނާ ވާހަކަދައްކާލުމުން އެނގުނު ގޮތުގައި މި ރަށަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ, ހަރަދު ކުރަން ކެރޭ ސްޕެއިންނާއި ރަޝިއާއިން ކަމެވެ. އޭގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ ހަމަ ސީދާ ޑައިވިންނަށް އަންނަ މީހުންނެވެ. ނެޓްފްލިސް ފަދަ ނުފޫޒުގަދަ ޕްލެޓްފޯމްތަކުގައި ވެސް މި ރަށުގެ ޑައިވް ޕޮއިންޓްތައް ވަރަށް މަޝްހޫރެވެ. ޑައިވިންނަށް އަންނަ މީހުންގެ ތެރެއިން 99 ޕަސެންޓް މީހުން ދަނީ ޑައިވާ ދޭތެރޭ ވަރަށް ހިތްހަމަޖެހިގެން ކަމަށް ޑައިވް ސެންޓަރުތައް ހިންގާ މީހުން ބުނެއެވެ.
މި ރީތި ރަށުގައި މިހާރު އަބަދު ވެސް 70 ވަރަކަށް ޓޫރިސްޓުން އުޅެއެވެ. އަދި، ރާއްޖޭގެ ޓޫރިޒަމް ސީޒަންގައި އަބަދު ވެސް ރަށުގައި 300 އަށް ވުރެ ގިނަ ޓޫރިސްޓުން އުޅޭ ކަމަށް އެ ވިޔަފާރިކުރާ މީހުން ބުނެއެވެ. ނަމަވެސް، އެއީ އަދި މި ރަށަށް އެންމެ ފުދޭ އަދަދެއް ނޫނެވެ. އެއަށް ވުރެ މާ އިތުރުކުރެވެން އެބައޮތެވެ. އޭރުން މި ލިބޭ ނަފާ އެތައް ގުނައެއް އިތުރުކުރެވޭނެއެވެ.
އެންމެ ބޮޑު ގޮންޖެހުމަކަށް ފްލައިޓް ޓިކެޓް
މާޒީއަށް ބަލާއިރު ފުވައްމުލަކަށް އައުމަކީ ވަރަށް ދަތިކަމެކެވެ. އަރައި ފޭބުގެ ކަންކަން ހުރި ގޮތުންނެވެ. އެކަމަށް ފުރަތަމަ ހައްލެއް ލިބުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން ނިމެން ގާތްވެފައިވަނިކޮށް މި ރަށުގައި ހަދައި ހުޅުވި ފެންވަރު ރަނގަޅު ބަނދަރާއެކުއެވެ. ނަމަވެސް، އެންމެ ޒަމާނީ ހައްލެއް މި ރަށަށް ލިބުނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހުޅުވައި ބޭނުންކުރަން ފެށި އެއާޕޯޓާ އެކުއެވެ.
ފުވައްމުލަކު އެއާޕޯޓަށް ހަމައެކަނި ގައުމީ އެއާލައިން, މޯލްޑިވިއަންގެ ދަތުރުތައް ބާއްވާއިރު މި ދުވަސްވަރު އޮންނަނީ ދުވާލަކު ދެ ފްލައިޓެވެ. ސްކޫލު ބަންދުތަކާއި ޓޫރިސްޓް ސީޒަންގައި އޮންނަ ޑިމާންޑަށް ބަލައި ފްލައިޓްތައް އިތުރު ކުރެއެވެ. ނަމަވެސް، ޓިކެޓްގެ އަގަކީ އެންމެންގެ ވެސް ޝަކުވާއެވެ. މިހާރު ދިވެއްސަކަށް މި ރަށަށް އައުމާއި ދިއުމުގެ ދެކޮޅު ޓިކެޓްގެ އަގަކީ 3، 305 ރުފިޔާއެވެ. ބޭރު މީހެއްނަމަ 6،424 ރުފިޔާއެވެ. ޓިކެޓްގެ އަގުގައި ބޭރު މީހުންނާއި ދިވެހީން މިހާ ބޮޑު ތަފާތެއް އޮތުމަކީ މި ރަށަށް ޓޫރިސްޓުން ގެންނަން އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ފުވައްމުލައް ސެންޓްރަލް ޑައިވް ސެންޓަރާއި ސެންޓްރަލް ހޮޓެލްގެ ވެރިޔާ ހަސަން ސާމިރު ވިދާޅުވި ގޮތުގައި ސްޕެއިނުން ރާއްޖެއަށް ދިގު ދަތުރެއްކޮށްފައި އައުމަށް ފްލައިޓް ޓިކެޓަށް 400 އެއްހާ ޑޮލަރު ހޭދަ ކުރަންޖެހޭއިރު މާލެއިން ފުވައްމުލަކަށް ކުރާ ކުރު ދަތުރަށް ގެސްޓްހައުސްތަކަށް ދީފައިވާ އަގު ހެޔޮ ޕެކޭޖުން ވެސް 300 ޑޮލަރު ހޭދަކުރަން ޖެހުމަކީ ޓޫރިސްޓުންގެ ބޮޑު ޝަކުވާއެއް ކަމަށެވެ. ފުވައްމުލަކަށް އައުމަށް ވަރަށް ޝައުގުވެރިވެ, ކަންކަން ހަމަޖައްސަމުން ގޮސް, ޑޮމެސްޓިކް ފްލައިޓްގެ އަގު އެނގުމާއެކު ބުކިން ކެންސަލްކުރުމަކީ އާއްމު ކަމެއް ކަމަށް ވެސް ސާމިރު ވިދާޅުވިއެވެ.
"އަނެއްކާ ފްލައިޓް ޓިކެޓްގެ އަގު މިހާރު ވެސް އިރުއިރުކޮޅާ ބޮޑުވަމުން ދަނީ. މީގެ ދެ އަހަރުވަރު ކުރިން ޓޫރިސްޓް ޓިކެޓެއް އަޅުގަނޑުމެން ގަތީ 220 ޑޮލަރު ވަރަށް. މިހާރު ބޮޑުކުރަމުން ކުރަމުން ގޮސް 300 ޑޮލަރުގައި އެ ހެރީ. އަންނަ އަހަރަށް އަދި އެއްވެސް ޓިކެޓެއް އިޝޫއެއް ނުކުރޭ. އެ މީހުން ބުނަނީ އަގަށް ބަދަލު އަންނާނޭ," ސާމިރު ވިދާޅުވިއެވެ.
"އަނެއްކާ ކިތަންމެ ކުރިއާލާ ޓޫރިސްޓުން ޓިކެޓް ނެގިޔަސް ހަމަ އެއް އަގެއްގައި. އެހެން އެއާލައިންތަކުން ކުރިއާލާ ޓިކެޓް ނަގާނަމަ އަގު ހެޔޮވޭ،"
ސާމިރު ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ފްލައިޓް ގަޑިތަކެވެ. ގިނަ ފްލައިޓްތައް ރޭގަނޑު އޮންނައިރު, ފަތިހު ރާއްޖެ އަންނަ ޓޫރިސްޓުން އެއާޕޯޓްގައި, ފްލައިޓްގެ އިންތިޒާރުގައި ގިނައިރު މަޑުކުރަން ޖެހުމަކީ ގޮންޖެހުމެކެވެ. އެހެން ތިބޭއިރު ފުރަން އޮތް ގަޑިއަށް ވުރެ ބޮޑަށް ޑިލޭވުމަކީ ވެސް ހިނގާ ކަމެކެވެ.
ފުވައްމުލަކަށް ޓޫރިސްޓުން ގިނައިން އަންނަނީ ބޮޑެތި ގުރޫޕުތައް ކަމަށްވާއިރު, ބޮޑު އަގުގައި ކުރިއާލާ ޓިކެޓް ނެގުމުން ވެސް ފްލައިޓް އޮންނަ ގަޑިތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިނުދޭކަން ސާމިރު ކަންބޮޑުވުމާ އެކު ފާހަގަކުރެއްވެވިއެވެ.

ފުވައްމުލައް ޕްރޮމޯޓް ކުރުމަށް ސާމިރު ފެއާއެއްގައި: އެ ރަށުގައި ޓޫރިޒަމް ފުޅާކުރީ އެ ރަށުގެ ވިޔަފާރިވެރިން---
މިއީ ހަމައެކަނި ފުވައްމުލަކުގެ ޝަކުވާއެއް ނޫނެވެ. ޓޫރިސްޓުންނަށް ޑޮމެސްޓިކް އެއާޓިކެޓް ވަރަށް އަގު ބޮޑުވުމަކީ މާލެއާ ދުރު, ގިނަ ރަށްތަކަކަށް ފަތުރުވެރިން ގެންދަން އޮތް ބޮޑު ގޮންޖެހުމެކެވެ. ބައެއް ރަށްރަށުގައި ޓޫރިޒަމް ނުފެށި އޮތް ސަބަބެވެ.
ތަނަކަށް ބަޔަކު ގެންދިއުމަށްޓަކައި ކުރަން ޖެހޭނެ އެންމެ ފުރަތަމަ ކަމަކީ އެތަނަށް މީހުން ގެންދެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ. މެލޭޝިއާއާއި އިންޑޮނޭޝިއާ ފަދަ ބައެއް ގައުމުތަކުގައި, އާއްމުކޮށް މީހުން ގޮސް ނޫޅޭ ހިސާބުތަކަށް ޓޫރިސްޓުން ގެންދިއުމަށްޓަކައި ޑޮމެސްޓިކް ޓިކެޓަށް ދައުލަތުން ސަބްސިޑީ ދީގެން ޓިކެޓްގެ އަގު ހެޔޮކޮށްދެއެވެ. އޭގެ ފައިދާއަކީ ފަތުރުވެރިން ގިނައިން ދިއުމުން ޖުމުލަކޮށް އިގުތިސާދާއި ގައުމަށް ލިބޭ ނަފާ ބޮޑުވުމެވެ. އެކިއެކި ވިޔަފާރިތައް އިތުރުވެ, އިގުތިސާދު ފުޅާވާތީއެވެ.
ޑައިވް ނޫން ހަރަކާތެއް ނެތުން
ފުވައްމުލަކަށް ލިބޭ އަނެއް ނަސީބަކީ މި ރަށަށް ގުރޫޕް ހަދާފައި ޓޫރިސްޓުން އައުމާއި, އަންނަ ޓޫރިސްޓުން ހޭދަ ކުރާ މުއްދަތު ރަނގަޅުވުމެވެ. އެހެންކަމުން މި ރަށަށް އަންނަ ޓޫރިސްޓް އާއްމުކޮށް ހަތް ރޭ، މި ރަށުގައި ހޭދަކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުން ފަސް ދުވަސް މަތިން 15 ވަރަކަށް ޑައިވްކުރާ ކަމަށް ސާމިރު ވިދާޅުވިއެވެ.
ނަމަވެސް، ގުރޫޕް ހަދާފައި އަންނަ ޓޫރިސްޓުންގެ ތެރޭގައި ޑައިވްކުރަން ބޭނުންނުވާ ޓޫރިސްޓުން މަދުން ނަމަވެސް އުޅެއެވެ. އެ މީހުން ކުރާނެ އިތުރު ކަންތައްތަކެއް ރަށުގައި ފެސިލިޓޭޓް ކުރެވިފައި ނެތުމަކީ ބައެއް ގުރޫޕްތައް މި ރަށަށް ގެންނަން ދަތިވާ ކަމެއްކަން ޓޫރިޒަމްގެ ބައެއް ވިޔަފާރިވެރިން ފާހަގަކުރިއެވެ.
"އާއިލާ އަންނައިރު ބަލާނެ ނޫންތޯ އެންމެން ވެސް އެންޖޯއީ ކުރެވޭނެ ކަންކަން ހުރިތޯ. އެހެން ބަލާއިރު ޑައިވް ނޫން ކަމެއް ނެތީމާ ވެސް ބައެއް އާއިލާތައް ނާދޭ," ސާމިރު ވިދާޅުވިއެވެ.
މި ރަށުގައި އަދިވެސް ވޯޓާސްޕޯޓްސް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމެއް ނެތެވެ. އެ ކަންނުވެ، އޮތީ ޓޫރިސްޓުންނަށް ޚާއްސަ ގޮނޑުދޮށެއް ނެތީމައެވެ. ޓޫރިސްޓުން ހަމަޖެހިލައިގެން އަވީގައި އޮވެލުމަށް ޚާއްސަ ސަރަހައްދެއް އަދިވެސް ކަނޑައެޅިފައެއް ނެތެވެ.
ފުވައްމުލަކު ތުނޑި: ފުވައްމުލަކު ތުނޑިއަކީ އެހެން ރަށްތަކާ ޚިލާފަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ ތުނޑިއެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ
މި ރަށުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ މީހުން ބުނާގޮތުގައި ޓޫރިސްޓުންނަށް ޚާއްސަ ބީޗެއް ހަދައި ދިނުމަށް އެދިގެން އުޅޭތާ އެތައް ދުވަހެއްވީ ނަމަވެސް އެކަން އަދިވެސް ނުވެއެވެ.
ބީޗެއްގެ އިތުރުން "މަޑް ބާތު" އާ އެހެނިހެން ތަފާތު ޚިދުމަތްތައް ވެސް މި ރަށުގައި ފުޅާ ކުރެވެން އެބައޮތެވެ. އެކަމަކު. އެކަން އޮތީ ނުވެއެވެ.
ބަނދަރުގެ ދަތިކަން ފާހަގަ ކުރިޔަސް ހައްލެއް ނުލިބޭ
ފުވައްމުލަކަށް ޑޮލަރު ގެންނަ ޑައިވް ސެންޓަރުތައް ހިންގަން އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ބަނދަރުގެ ދަތިކަމެވެ. ރަށަށް ކިތަންމެ ނަފާއެއް ހޯދައިދޭ ބަޔަކަށް ޑައިވް ސެންޓަރުތައް ވީނަމަވެސް, ޓޫރިސްޓުން ގޮވައިގެން ޑައިވްތަކަށްދާ ދޯނިތައް އަޅާނެ ޚާއްސަ ޖާގައެއް އަދިވެސް ނެތެވެ.
"ޑައިވްކުރާ މީހުންގެ ތެރޭގައި އެބައުޅޭ އުމުރުން ދުވަސްވީ މީހުން ވެސް. ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް. އެކަމަކު ޓޫރިސްޓުން އަރައި ފައިބާނެ ފަސޭހަ ގޮތްތަކެއް ވެސް ނެތް," ސާމިރު ވިދާޅުވިއެވެ.
"ޓޫރިސްޓުން މި ޖެހެނީ އެއް ދޯނިން އެނެއް ދޯންޏަށް ފުމެމުން ދާން،"
މީގެ އިތުރުން ވެސް ޑައިވް ދޯނިތަކަށް ބޭނުންވާ ފެން ލިބޭނެ އިންތިޒާމެއް ވެސް ބަނދަރަކު ނެތެވެ. އަދި، ޓޫރިސްޓުން ފާހާނާކޮށްލެވޭނެ އިންތިޒާމެއް ވެސް ބަނދަރަކު ނެތެވެ.
މި ހުރިހާ ކަންކަމަކީ ޓޫރިޒަމްގެ ވިޔަފާރިކުރާ މީހުން, ހައްލަށް އެދި އެތައް ފަހަރަކު, ކައުންސިލަށް ހުށަހަޅާފައިވާ ކަންކަން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް، އެ އެއްބާރުލުން ނުލިބޭ ވިޔަފާރިވެރިން ބުނެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ ބަހެއް ހޯދާލަން މިއަދު މަސައްކަތްކުރީމެވެ. ނަމަވެސް، ރިޕޯޓް ޕަބްލިޝްކުރުމާ ހަމައަށް އެ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޓޫރިޒަމާ އެކު ފުވައްމުލަކުގައި ވަޒީފާތައް އިތުރުވެއްޖެއެވެ. ސީދާ ޑޮލަރުން އާމްދަނީ ލިބޭ މީހުން އިތުރުވެއްޖެއެވެ. ކެއިންބުއިމުގެ ޚިދުމަތް ދޭތަންތަން ގިނަ ވެއްޖެއެވެ. ސައިކަލް ކުއްޔަށް ދިނުމުން ފެށިގެން ގޮސް, ކުރުނބާ ގާޑިޔާތަކާއި ސޮވެނިއާ ވިއްކުމުން ވެސް އެތައް ބަޔަކު ނަފާ ހޯދަން ފަށައިފިއެވެ. ނަމަވެސް، އަދި އޮތީ އެންމެ ހައްގު މިންވަރަކަށް ނޫނެވެ. މިއީ މި ރަށުގައި މާ ފުޅާކޮށް ކުރެވެން އޮތް ކަމެކެވެ. ބޭނުން ވަނީ ދެތިން ކަމެކެވެ.