ވޭޕާއި އީސިނގިރޭޓު ގެންގުޅެގެން މި ނިމުނު އޮގަސްޓުގައި 150،000 ރުފިޔާގެ ޖޫރިމަނާ

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: --- ފޮޓޯ/ގެޓީ އިމޭޖަސް

ވޭޕާއި، އީސިނގިރޭޓާ ގުޅުންހުރި އެކި މައްސަލަތަކުގައި މި ނިމުނު އޯގަސްޓު މަހު ޖުމްލަ 150،000 ރުފިޔާގެ ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖުމްލަ 11 މައްސަލައެއް ވަނީ ފާހަގަވެފައެވެ. އެއީ:

  • ވޭޕާއި އީސިނގިރޭޓު ބޭނުންކުރުމުގެ: 4 މައްސަލަ
  • ވޭޕާއި އީސިނގިރޭޓު ގެންގުޅުމުގެ: 4 މައްސަލަ
  • އެހިނިހެން: 3 މައްސަލަ

ފުލުހުން ހާމަކުރި ގޮތުގައި ވޭޕާއި އީސިނގިރޭޓާ ގުޅުންހުރި މައްސަލަތަކުގައި ޖުމްލަ 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާގެ ޖުމްލަ އަދަދު 150،000 ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން 85،000 ރުފިޔާއަކީ ވޭޕްކޮށްގެން ކުރި ޖޫރިމަނާއެވެ. ބާކީ 65،000 އަކީ ވޭޕާއި އީސިނގިރޭޓު ގެންގުޅުމުން ކުރި ޖޫރިމަނާއެވެ. ޖޫރިމަނާކުރި މީހުންގެ ތެރޭގައި ހިމެނެނީ:

  • ވޭޕާއި އީސިނގިރޭޓު ގެންގުޅެގެން: 16 މީހުން
  • ވޭޕާއި އީސިނގިރޭޓު ބޭނުންކޮށްގެން: 14 މީހުން

ފުލުހުން ވަނީ ގާނޫނުތަކަށް އަހުލުވެެރިވެ، އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށް ސަމާލުވުމަށް އެދިފައެވެ.

https://sun.mv/209532

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންނާ ހިސާބުން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.

ރާއްޖޭގައި ވޭޕް މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް