ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ މަޝްހޫރު ބައިނަލްއަގުވާމީ މައުރަޒު، ލިލީ އިންޓަނޭޝަނަލް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަން އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
އެފްއެޗްއޭއެމް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ.
ދިވެހި އެކްސްޕޯ ސާވިސަސްއާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވެލްއިން އިންތިޒާމުކޮށްގެން ބާއްވާ މި އެގްޒިބިޝަނަކީ މީގެ ކުރިން ބޭއްވި މިފަދަ މައުރަޒުތަކަށްވުރެ ބޮޑު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައިވެރިން ހިމެނޭ މައުރަޒަކަށް ވާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މި އެގްޒިބިޝަންގައި ޖަރުމަނާއި އެމެރިކާއާއި ޔޫއޭއީއާއި ޗައިނާއާއި އިންޑިއާއާއި ސްރީލަންކާއާއި މެލޭޝިއާއާއި ސިންގަޕޫރު ފަދަ ގިނަ ގައުމުތަކުން 150އަށް ވުރެ ގިނަ އެގްޒިބިޓް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
މި މައުރަޒުގައި، 20އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވާ ގްލޯބަލް ކަލިނަރީ ޗެލެންޖް ވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން މި މައުރަޒުގައި އައު ކަމެއްގެ ގޮތުން، ސައިފަތާއި ސަޔާ ގުޅޭ ކެޓެގަރީއެއް ވެސް ހިމަނައިފައިވެއެވެ. "ޓީ ސޮމެލިއާސް"ގެ ނަން ދީފައިވާ މި ކެޓެގަރީގައި، އެކި ގޮތްގޮތަށް ސައި ތައްޔާރުކުރުމުގެ މާހިރުން ބައިވެރިވާނެއެވެ.

އެފްއެޗްއޭއެމް މޯލްޑިވްސްގެ މިދިޔަ އަހަރުގެ މުބާރާތުގެ ހައިލައިޓްސް--ފޮޓޯ/ އެފްއެޗްއޭއެމް
ދިވެހި އެކްސްޕޯ ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިމްރާން ހަސަން ވަނީ އެ އެގްޒިބިޝަންގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެއީ ބައިނަލްއަގުވާމީ ހޮސްޕިޓާލިޓީގެ ދާއިރާއިން މައުލޫމާތު ބަދަލުކުރުމާއި ޕާޓްނާޝިޕްތައް ގާއިމުކުރުމުގެ މަރުކަޒަކަށް މިހާރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
މިހާރުވެސް 150އަށް ވުރެ ގިނަ ފަރާތްތަކުން އެގްޒިބިޝަނުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާއިރު، 7000 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ޕްރޮޑަކްޓް ބްރޭންޑްތަކާއި، 100އަށް ވުރެ ގިނަ އާ ޕްރޮޑަކްޓްތައް މި މައުރަޒުގައި ތަޢާރަފުކުރާނެ ކަމަށް އަންދާޒާކޮއްފައިވެއެވެ.

މި މައުރަޒަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު 5000އަށް ވުރެ އިތުރުވާނެ ކަމަށް، އިންތިޒާމު ކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އެ އެގްޒިބިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލައިފައިވާއިރު، އެގްޒިބިޝަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މިހާރު ލިބެން ހުރީ މަދު ސްލޮޓްތަކެއްކަން ފާހަގަކޮށްފައެވެ. އަދި އެ ސްލޮޓްތަކަށް ވީހާވެސް އަވަހަށް ކުރިމަތިލުމަށް ވަނީ އެދިފައެވެ.